މިސަރުކާރުގެ ސިޔާސަތަކީ، ކޮރަޕްޝަނަށް ނޫނެކޭ ބުނެ، ކޮރަޕްޝަންގެ ޢަމަލުތައް ރިޕޯޓްކުރަން ހިތްވަރު ދިނުން ކަމަށާއި, ކޮރަޕްޝަންގެ ޢަމަލުތައް ފަޅާއަރުވައިލާ މީހުންނަށް ޤާނޫނުން ރައްކާތެރިކަން ހޯދައިދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ޓްރާންސްޕޭރެންސީ އެންޑް އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2020 ނިންމުމުގެ ރަސްމިއްޔާތުގައި ދެއްވި ވީޑިއޯ މެސެޖުގައެވެ.

މި ވީޑިއޯ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ޢަމަލުކުރަން ފެށި، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މި ޤާނޫނުގެ އެންމެ ބޮޑު ބޭނުމަކީ، ކޮރަޕްޝަންގެ މައްސަލަތައް ފަޅާއަރުވައިލާ މީހުންނާ ދެކޮޅަށް ޤާނޫނީ ފިޔަވަޅެއް ނޭޅޭނެކަން ކަށަވަރުކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިއެވެ. އޭގެ އިތުރުން، ކޮރަޕްޝަނާއި ޚިޔާނާތާއި ފަސާދައިގެ ޢަމަލުތަކަށް ޖަވާބުދާރީވަނިވި، ދެފުށް ފެންނަ، ނަޒާހަތްތެރި ޘަޤާފަތެއް ދައުލަތުގެ އިދާރާތަކާއި، ޢާންމު ރައްޔިތުންގެ ކިބައިގައި އަށަގެންނެވުމަކީ ވެސް، މިޤާނޫނުގެ ވަރަށް މުހިންމު މަޤްޞަދެއްކަމުގައި އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.

މި މެސެޖުގައި އެމަނިކުފާނު ވަނީ މި ސަރުކާރު އައި ފަހުން ކޮރަޕްޝަންގެ މައްސަލަތައް އިތުރުވެފައިވާކަމުގައި ވިދާޅުވަމުންގެންދަވާ ފަރާތްތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން، އެމަނިކުފާނު ވިދާޅުވީ ވިސްލްބްލޯ ޕޯރޓަލް އާއި ވިސްލްބްލޯ ޤާނޫނު ވުޖޫދަށް އައި ފަހުން، ކޮރަޕްޝަންގެ ޢަމަލުތައް ހުށަހެޅޭ މިންވަރު، އެތައް ގުނައެއް އިތުރުވެއްޖެކަމުގައެވެ. އަދި، އެކަން އެހެން މެދުވެރިވަނީ، ކޮރަޕްޝަން ހުއްޓުވަން މި ސަރުކާރުން ބޭނުންވާކަން ރައްޔިތުންނަށް ޤަބޫލުކުރެވި، ކޮރަޕްޝަންގެ މައްސަލަތައް މިނިވަންކަމާއެކު ހުށަހެޅޭނެ މަގު ރައްޔިތުންނަށް ފަހިވެފައި އޮތުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެމަނިކުފާނު ވަނީ ހަމައާއި އުޞޫލުން ބޭރުން ރާއްޖޭގައި ކަންތައްތައް ކުރުމުގެ ޘަގާފަތް މިހާރުން މިހާރަށް ބަދަލުކުރަންޖެހިފައިވާކަމުގައި ވިދާޅުވެ، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެ ވާހަކަ ދައްކާ މީހާވެސް، ކޮރަޕްޝަނާ ދުރުވާންޖެހޭ ކަމުގައި ވިދާޅުވެފައެވެ.

މިސަރުކާރުން ކުރިއަށް އޮތް ދުވަސްތަކުގައި ކޮރަޕްޝަނާއި ދެކޮޅަށް ކުރަން ރާވާފައިވާ ކަންތައްތަކުގެ މަޢުލޫމާތު ހިއްޞާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19އަށް ފަހު ޤައުމު ބިނާކުރުމަށްޓަކައި ޚާއްޞަ އިސްކަމެއް ދީގެން އެކުލަވާލައްވާފައިވާ ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގައި ވެސް ކޮރަޕްޝަނާ ދެކޮޅަށް މުހިންމު ކަންތައްތަކެއް ހިމަނާފައިވާކަން ފާަގަކުރައްވާފައެވެ. އަދި، އޭގެ ތެރެއިން އެއް ކަމަކީ، ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން މާލީ ބަޔާން ހުށަހެޅުމާއި، މާލީ ބަޔާންތައް ޢާއްމުކޮށް ފެންނާނޭހެން ހާމަކުރުންކަމަށާއި، މީގެ ތެރޭގައި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކަށް ޢައްޔަންކުރެވޭ ބޭފުޅުން ހިމެނޭނެކަމުގައި
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮރަޕްޝަން ހުއްޓުވުމުގެ ގޮތުން، ޤާނޫނުލް ޢުޤޫބާތަށް ދެ ކުށެއް އިތުރުކުރުމަށް މިހާރުވާނީ ދެ އިޞްލާޙެއް ހުށަހަޅާފައިކަމަށާއި، މާލިއްޔަތު ޤަވާޢިދުން ކޮރަޕްޝަނަށް ހުރި ހިރާސްތައް ކުޑަކުރުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށާއި ޤަވާޢިދަށް، އަދި ޕްރޮކިއުމަންޓް ގައިޑްލައިންތަކަށް ބަދަލު ގެނައުން ފަދަ ކަންކަންކުރުމަށް ރާއްވަވާފައިވާކަން އެމްނިކުފާނު ފާހަގަކުރެއްވެވިއެވެ. އަދި، މީގެއިތުރުންވެސް ސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ނިންމަވާފައިވާ މުހިންމު ނިންމެވުންތައް މިއަދުގެ މެސެޖުގައި އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ކޮންފަރެންސްގައި ކުރެއްވި މަޝްވަރާތަކުގެ އަލީގައި ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުވުމަށް މަގުފަހިވެގެންދާނެ ކަމަށާއި، އަދި ދައުލަތް ހިންގުމާއި ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން، ކޮރަޕްޝަން ނައްތާލުމުގައި، ދައުލަތުގެ އެންމެހައި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމުގެ ފަހި މާޙައުލެއް ޤާއިމުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.