* މި އިންޓަރވިޔުގައި، ރާއްޖެ ޓީ.ވީ.ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުގައި ސުވާލުތައް ދެންނެވީ އެތަނުގެ ހެޑް އޮފް ޕްރޮގްރާމް އެންޑް ކޯޑިނޭޝަން ޢާމިރު ސަލީމެވެ.

ޢާމިރު ސަލީމް:

السَّلَامُ عَلَيْكُمْ.

ޕްރޮގްރާމްގެ މިހާހިސާބުން އަޅުގަނޑާއެކު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް.

މަރުޙަބާ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ހަމަ ވަރަށް ބޮޑަށް ޝުކުރިއްޔާ ޢާމިރު، މި ޕްރޮގްރާމަށް އަޅުގަނޑަށް ދަޢުވަތު ދެއްވީތީ.

ފުރަތަމަ ކަމަކަށް ޖުމްހޫރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ރާއްޖެ ޓީ.ވީ.ގެ ހުރިހާ މުވައްޒަފުންނަށާއި، މި ޕްރޮގްރާމް ބައްލަވާ އަދި ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ފަރާތުން އަރިސްކުރަން.

ޢާމިރު ސަލީމް:

އާދެ. ދެން އަޅުގަނޑުމެންގެ ފަރާތުންވެސް އިނގޭތޯ، އަޅުގަނޑުމެންގެ ޕްރޮގްރާމްގެ ފަރާތުން، ރާއްޖެ ޓީ.ވީ.ގެ ފަރާތުން މަނިކުފާނަށް ޖުމްހޫރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަން އިނގޭތޯ. ދެން އަޅުގަނޑުމެންވެސް ވަރަށް އުފާވޭ އިނގޭތޯ. ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑުގެ މަޢުލޫމާތު ގޯސްނޫނިއްޔާމު، ވެރިކަމަށް ވަޑައިގެންނެވިފަހުން ލައިވް ޕްރޮގްރާމަކަށް ދެފަހަރު ވަޑައިގެންނެވީ. ދެފަހަރުވެސް ތިޔަ ވަޑައިގެންނެވުނީ ރާއްޖެ ޓީ.ވީ. އަށް އިނގޭތޯ. އެހެންވީމާ، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ދެން އަޅުގަނޑުމެންނާމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ހަމަ ޝުކުރު ދަންނަވަން އިނގޭތޯ ރައީސަށް.

އަޅުގަނޑުގެ ސުވާލުތައް ފެށުމުގެ ކުރިން ހަމަ ހިތަށްއަރަނީ ދަންނަވާލާނަމޭ. ރައީސްގެ ވެރިކަމުގެ ދެވަނަ އަހަރު ފާހަގަކުރެއްވުން ނޮވެންބަރު 11 އަށް މިހާރު ބަދަލުކުރެއްވީތޯ؟ އެއީ 17 ގައި ދެ އަހަރު ފުރެނީ ދޮގެއްތޯ. ވަޢުދުފުޅެއްވެސް ކަންނޭނގެ. އެހެން ނޫންތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އަޅުގަނޑު ކެމްޕެއިން ތެރޭގައިވެސް އެ ވާހަކަ ދައްކާފައި އޮންނާނެ. ޖުމްހޫރީ ދުވަހަކީ ނޮވެންބަރު 11. އެހެންވީމާ، އަޅުގަނޑުމެން ފާހަގަކުރަމުން ގެންދާނީ ނޮވެންބަރު 11، ކޮންމެ ޖުމްހޫރީ ދުވަހެއްގައި. އެހެންނަމަވެސް، މީގެ ދުވަސްކޮޅެއް ކުރިން، އޭރު ވެރިކަމުގައި ހުންނެވި ބޭފުޅަކު ޢަމަލުކުރެއްވި ގޮތުން، ހަމަ އެ ދުވަސް އަޅުގަނޑުމެންނަށް މިވަނީ ކައްސާލައިގެން ދުވަސް ފަހަތަށް ގޮސްފައި. އެހެންވިޔަސް، ރާއްޖޭގެ ޖުމްހޫރީ ތާރީޚަށް ބަލާއިރުގައި، އަޅުގަނޑު ގަބޫލުކުރާގޮތުގައި ފާހަގަކުރުން އެންމެ އައުލާކަންބޮޑީ ނޮވެންބަރު މަހުގެ 11 ވަނަ ދުވަސް. އެހެންވީމާ، އަޅުގަނޑު އެގޮތަށް ކުރިއަށް މިގެންދަނީ.

ޢާމިރު ސަލީމް:

މި ދައުރު ނިމޭއިރުގައި ގާތްގަނޑަކަށް 7 ދުވަސްވަރު އުޅޭނީ އިނގޭތޯ. އެހެންވީމާ، އޭގައި ހިފަހައްޓަވައިގެން ނުހުންނަވާނަމޭ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އަޅުގަނޑު އޮންނާނީ އެ ވާހަކަ އެގޮތަށް ދަންނަވާފައި. އެހެންވީމާ، އެއަށް ޤާނޫނީ ޙައްލެއް ހޯދުމުގެ މަސައްކަތް އަޅުގަނޑު ކުރާނަން. އަޅުގަނޑު ބޭނުންވަނީ ހަމަ ކުރިއެކޭވެސް އެއްގޮތަށް، ނޮވެންބަރު 11 އަކީ އެއީ ދައުރު ބަދަލުވާ ދުވަސް ކަމަށް ހަދަން. އެހެންނަމަވެސް، އެކަން ކުރެވޭނީ ޤާނޫނީގޮތުން ހުރި ބައެއް ހުރަސްތައް ނައްތާލައިގެން. އެހެންވީމާ، އެހާހިސާބަށް ދާއިރުގައި، އަޅުގަނޑު އެ މަސައްކަތް ފަށާނަން.

ޢާމިރު ސަލީމް:

ވަރަށްގިނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފި، މިވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި. އެކަމަކު ދުނިޔެއަށް މި ދިމާވި ބޮޑު ރޯގާއާއެއްކޮށް އަޅުގަނޑަށް ގަބޫލުކުރެވެނީ، ވަރަށްގިނަ ކަންތައްތަކަށް މަޑުޖެހުން އައިސްފައި ހުންނާނެއޭ. ވަރަށްގިނަ ކަންކަން ބޭނުންފުޅުވެފައި، ނުކުރެވިފައިވެސް ހުންނާނެއޭ. ޖުމްލަގޮތެއްގައި މިދިޔަ ދެ އަހަރުގެ ތެރޭގައި މަސައްކަތްޕުޅު ކުރެއްވުނުގޮތާ ދޭތެރޭގައި ހިތްޕުޅުހަމަޖެހިވަޑައިގެންތޯ ތިޔަ ހުންނެވީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އަޅުގަނޑު ހިތްހަމަޖެހޭ އިނގޭތޯ. ދެން ޢާމިރު، އެނގިވަޑައިގަންނަވާނެ، ދައުރެއް ނިމި، ދައުރެއް ފެށިގެން މި ކުރިއަށްދާގޮތް. ނޮވެންބަރު މަހުގައި މި ބަދަލުވަނީ. އޭރު އޮންނަނީ އަހަރު ނިމެން ގާތްގަނޑަކަށް ދޮޅުމަހަށްވެފައި. ބަޖެޓާ އެއްޗެތި އެ އޮންނަނީ، ކުރީގައި އޮންނަ ސަރުކާރުން ތައްޔާރުކޮށް ފާސްކުރުމުގެ ހިސާބުގައި. އަލަށް އަންނަ ސަރުކާރަކަށެއް އެ ބަޖެޓަށް ބަދަލުތަކެއް ގެންނާކަށް މާބޮޑު ފުރުޞަތެއް ނުލިބޭ.

އެއާއެކީގައި ދެން ކުރިމަތީގައި އޮންނަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު. ވެރިކަމުގައި ތިބޭ ބަޔަކު، މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް އެބަޖެހޭ މަސައްކަތްތަކެއް ކުރަން. އެހެންވީމާ، ސަރުކާރުގެ މުޅި ފޯކަސް އެ އެނބުރިގެންދަނީ ރައްޔިތުންގެ މަޖިލީހުގެ އެ ކެމްޕެއިނަށް. އެ ކެމްޕެއިން ނިމި، މަޖިލިސް ހޮވި، ފަށައިގަނެވެނީ މޭ މަހުގެ ތެރޭގައި. އެހާހިސާބަށް ދާއިރުގައި އަދި ސަރުކާރުން އެ ވެފައިވާ ވަޢުދުތައް ފުއްދުމުގެ މާބޮޑު މަސައްކަތްތަކެއް ނުކުރެވޭ. މިއީ ކޮންމެ ސަރުކާރަކަށްވެސް ހަމަ ދިމާވާ ކަމެއް. އެނގިވަޑައިގަންނަވާނެ، ކޮންމެ ސަރުކާރެއްގެވެސް ފުރަތަމަ އަހަރު މަސައްކަތްތައް ލަސްވާކަމަށް ރައްޔިތުންނަށް ފެނިގެން، އެ ވާހަކަ އަބަދުވެސް ދައްކާނެ. ތިޔަބޭފުޅުން ނޫސްތަކުގައިވެސް، ރޭޑިއޯގައިވެސް، ޓީ.ވީ.ގައިވެސް އެ ވާހަކަ ދައްކަވާނެ.

ދެން އެހެން އޮއްވާ، އަޅުގަނޑުމެންނަށް އަނެއްކާ މި އަހަރު މި ދިމާވީ ވަރަށްބޮޑު ދަތިކަމެއް. ކޯވިޑް-19އާ ގުޅިގެން ގާތްގަނޑަކަށް ހަމަ ހުރިހާ ކަމެއް ހުއްޓިގެން މިދިޔައީ. މިދިޔަ ގާތްގަނޑަކަށް 6 މަސް، 7 މަސް މިދިޔައީ، ހަމައެކަނި ކޯވިޑް-19ގެ ރޯގާއިން، ބަލިމަޑުކަމުން ސަލާމަތްވުމަށް މުޅި ފޯކަސް އަނބުރާލަންޖެހުނު ދުވަސްތަކަކާ. އެހެންވީމާ، އަޅުގަނޑުމެންނަށް ގާތްގަނޑަކަށް މި ލިބުނީ ދޮޅުއަހަރޭވެސް ދެންނެވިދާނެ އަދި މަސައްކަތް ކުރަން. އެ ދޮޅުއަހަރުގެ ތެރޭގައި ކުރެވިފައި ހުރި މަސައްކަތްތަކަށް ބަލާއިރުގައި އަޅުގަނޑު ހިތްހަމަޖެހޭ.

ޢާމިރު ސަލީމް:

ހުންނާނެ އިނގޭތޯ، ފާހަގަކޮށްލެއްވޭނެ ތަންކޮޅެއް ބޮޑެތި ކަންކަންވެސް. ތަންކޮޅެއް ކުދިކުދި ކަންކަންވެސް ހުންނާނެ ކުރެއްވިފައި. ކޮބައިތޯ މިދިޔަ ދެ އަހަރުގެ ތެރޭގައި މަނިކުފާނު ފާހަގަކޮށްލައްވަންޏާ، ކޮށްލައްވާނެ އެންމެ ބޮޑެތި ކަންކަމަކީ ކުރެއްވުނު.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

މިދިޔަ ދެ އަހަރުގެ ތެރޭގައި އަޅުގަނޑަށް ފާހަގަކުރެވޭ އެންމެ މުހިންމު ކަމަކީ، މީހުން ބިނާކުރުމަށް އަޅުގަނޑުމެންނަށް ކުރަން މި ފެށުނު މަސައްކަތް. އެގޮތުން، ރާއްޖޭގައި ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ހުޅުވައިލެވުނު ފުރުޞަތާއި، ސްކޮލަރޝިޕްތަކަށް ރާއްޖެއިން ބޭރަށްދާ ދަރިވަރުންނަށް ލުއި ލޯނު ދޫކުރުމަށް ފެށުނު މަސައްކަތް މިއީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރާނީ.

މިއަދު މިހިސާބަށް އާދެވުނުއިރުގައި، ރާއްޖޭގައި ހިލޭ ޑިގްރީއަށް އެބަ ކިޔަވާ، 8200 އެއްހާ ކުދިން. ރާއްޖެއިން ބޭރުގައި ލޯނުގެ އެހީގައި ކިޔަވަމުން އެބަގެންދޭ 1000 އަށްވުރެ ގިނަ ކުދިން. އަދި އޭގެއިތުރުން، ސަރުކާރުގެ ސްކޮލަރޝިޕް ސްކީމްތަކުގެ ދަށުން 250 އެއްހާ ކުދިން ރާއްޖެއިން ބޭރުގައި ކިޔަވަމުން އެބަދޭ.

އަޅުގަނޑު ގަބޫލުކުރާގޮތުގައި، ރާއްޖޭގެ ތަރައްޤީއަށްވެސް، ކުރިމަގަށްވެސް ކުރެވޭނެ އެންމެ މުހިންމު ކަމަކީ، މީހުން ބިނާކުރުން. އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި ވަޒީފާ އެބަހުރި. ވަޒީފާއަށް މީހުން ތައްޔާރުކުރެވިފައި ނެތުމުގެ ދަތިކަން އެބަ ފެނޭ. އެހެންވީމާ، އަޅުގަނޑުމެން މި ފެށި މަސައްކަތުން އިރާދަކުރެއްވިއްޔާ ރާއްޖޭގައި މި ހުރި އިސް މަގާމުތަކަށް، ޓުއަރިޒަމް ދާއިރާ ކަމަށްވިޔަސް އަދި ކޮންސްޓްރަކްޝަން ދާއިރާ ކަމަށްވިޔަސް، މިހެން ހުރި ދާއިރާތަކަށް ބޭނުންވާ މީހުން ތައްޔާރުކުރެވިގެންދާނެ. މީގެ އަޞްލު ނަތީޖާ، ރަނގަޅު ފޮނި ނަތީޖާ ފެނިގެންދާނެ، މީގެ ތިން އަހަރު، ހަތަރު އަހަރު ފަހުން. އިރާދަކުރެއްވިއްޔާ އެއީ ރާއްޖެއަށް އަންނަ ބޮޑު ބަދަލަކަށް ވެގެންދާނެ. މިއީ އަޅުގަނޑަށް އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ.

އަނެއް ކަމަކަށް، ލާމަރުކަޒު ކުރުމުގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރަމުން އެބަދޭ. އެގޮތުން، ފުރަތަމަ ކަމަކަށް، ޞިއްޙީ ދާއިރާ ލާމަރުކަޒު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން، ކުރިއަށް މިގެންދަނީ. 5 ހޮސްޕިޓަލެއް ޓާޝަރީ ފެންވަރަށް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކުރެވިގެންދަނީ. އެހެންދާއިރުގައި އެ 5 ހޮސްޕިޓަލް ވެގެންދާނެ، ތަފާތު ދާއިރާތަކަށް ޚާއްޞަ ކުރެވިފައި ހުރި ތަންތަނަށް. އެހެންވީމާ، އޭގެ ސަބަބުން، މާލެއަށް މި ކުރާ ބާރު ކުޑަވެގެން ގޮސް، ރައްޔިތުންނަށް ސީދާ ކައިރިން ޚިދުމަތް ލިބުމުގެ މަސައްކަތްތައް ފެނިގެންދާނެ. އަޅުގަނޑު ހިތުން މިއީ މިވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑަށް ކުރެވުނު އެންމެ މުހިންމު ކަންތައްތަކަކީ.

ޢާމިރު ސަލީމް:

ހުންނާނެ ދެން ވަރަށް ބޮޑަށް ބޭނުންފުޅުވެ، ނުކުރެއްވިފައި ހުންނަ ކަންކަންވެސް، ދެން ކޮންމެވެސް ސަބަބަކާހުރެ. ބައެއްފަހަރު ދެން ފުރަތަމަ އަހަރު ކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގެންނެވިފައި ހުރި ކަންކަންވެސް ހުރެދާނެ، ކޮންމެވެސް ސަބަބަކާހުރެ ނުކުރެއްވިފައި. އެކަމެއްގެ ސަބަބުން ކުޑަކޮށް ހިތްޕުޅަށްވެސް މިހެން އުނދަގޫފުޅުވާ ކަންކަންވެސް ހުންނާނެ. ދެން މިކަން މިހެން ނުވެއޮތީމާ ދެރައޭ. އެހެން ހިތްޕުޅަށްއަރާ ކަންކަންވެސް ހުންނާނެ. އެބަހުރިތޯ، އެގޮތަށް ބައެއް ކަންކަން ކުރައްވަން ވަރަށް ބޭނުންފުޅުވި، އެކަމަކު ދެން ނުކުރެއްވުނު ކަމަށް ގަބޫލުކުރައްވާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެބަހުރި އިނގޭތޯ، ދަތިތަކާހެދި، އަޅުގަނޑު ބޭނުންވި ސްޕީޑްގައި އަދި ބޭނުންވި ހިސާބަށް ނުގެންދެވި ހުރި ބައެއް މަސައްކަތްތައް. އެގޮތުން، އެއްކަމަކަށް އަޅުގަނޑު ފާހަގަކުރާނަން، އަޅުގަނޑު އެކުލަވައިލިން، ހަމަ ފުރަތަމަ ދުވަހު ދެ ކޮމިޝަނެއް. އެއީ އެއް ކޮމިޝަނަކީ، ވާނުވާއެއް ނޭނގި ގެއްލިފައި ތިބި މީހުންނާއި، މަރާލެވިފައިވާ މީހުންގެ މަސައްކަތް ބެލުމަށް އެކުލަވައިލި ކޮމިޝަނެއް. އަދި އެއާއެކީގައި، ޚާއްޞަކޮށް، އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތުގެ މައްސަލަ ބެލުމަށް އަޅުގަނޑު ކޮމިޝަނެއް އެކުލަވައިލިން. އެއީ ދެން ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުންތަކެއް އޮތް ދެ މައްސަލަ. އެ މަސައްކަތް އަޅުގަނޑުވެސް ހީކުރި ސްޕީޑަކު ނުގެންދެވޭ. އެބަހުރި ދަތިތަކެއް. އެ މަސައްކަތް ފަށައިގަތީމާ އަޅުގަނޑަށް ފެނުނީ އޭގައި ހުރި ދަތިތައް. މިއިން ކޮންމެ ކަމެއްގެ އެންމެ އަޑިއަށް ވާސިލުވުމަށްޓަކައި ކުރަންޖެހޭ ވަރަށް ބައިވަރު، ވަރަށް ވަރަށް ބައިވަރު މަސައްކަތްތައް ހުރިކަން ފާހަގަކުރެވޭ. އެ ކޮމިޝަނުން އަޅުގަނޑަށް ލިބެމުންދާ އަޕްޑޭޓްތަކަށް ބަލާއިރުގައި، ދަތި އުނދަގޫ މަސައްކަތެއް. އެހެންނަމަވެސް، އޭގައިވެސް މަސައްކަތްތަކެއް ކުރެވިފައި އެބަހުރި. ހަމަ ރަނގަޅު މަސައްކަތްތަކެއް. އެކަމަކު ރައްޔިތުން އެ ބޭނުންވާވަރަށް އަދި ޚާއްޞަކޮށް، އަޅުގަނޑުމެން މި ކިޔާ މަރު ކޮމިޝަނުގެ މަސައްކަތްތަކާ ގުޅިފައި ހުރި ޢާއިލާތަކުގެ ކަންބޮޑުވުންތައް އެއީ، ހަމަ އަޅުގަނޑަށް ވަރަށް ބޮޑަށް އުނދަގޫވަމުންދާ ކަމެއް. އެހެންނަމަވެސް، ވަރަށް ކައިރިން ބަލަމުން، އެ މަސައްކަތްވެސް ހަލުވިކުރެވެން ހުރި ގޮތްތައް ހޯދަމުން މިދަނީ.

ދެވަނަ ކަމަކަށް، އެނގިވަޑައިގަންނަވާނެ، މާލެ މި އޮތްގޮތް. ތޮއްޖެހިފައި މިއޮތްވަރު. މާލޭގެ ރައްޔިތުން އުޅެމުންދާ ހާލު. އަޅުގަނޑުމެންވީ ވަޢުދެއް އެއީ، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދުމުގެ މަސައްކަތް ފަށައިގެން، އެ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ވާހަކަ. އެހެންނަމަވެސް، އެ މަސައްކަތްވެސް އަޅުގަނޑު ހީކުރި ސްޕީޑަކު، މިދިޔަ ދެ އަހަރަކު ނުދޭ. އެހެންނަމަވެސް، ކުރިއަށް އޮތް އަހަރު، އަޅުގަނޑުމެންގެ އެންމެ މުހިންމު މަސައްކަތަކަށް ވެގެންދާނީ، ބޯހިޔާވަހިކަން ނެތް މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ހިންގާ މަޝްރޫޢުތައް ކުރިއަށް ގެންދިޔުން. މި އަހަރުގެ ތެރޭގައިވެސް އިރާދަކުރެއްވިއްޔާ، މި މަހާއި މި އަންނަ ޑިސެންބަރު މަހުގެ ތެރޭގައި، އޭގެ ޢަމަލީ މަސައްކަތް ފެށިގެންދާތަން ފެންނާނެ. އެގޮތުން، ގާތްގަނޑަކަށް 3000 ފްލެޓެއްގެ ބިންގާ އެޅިގެންދާނެ، މި މަހާއި މި އަންނަ މަހުގެ ތެރޭގައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ނުކުރެވި ހުރި މަސައްކަތްތަކަށް ފޯކަސްކޮށްގެން، ކުރިއަށް އޮތް އަހަރުގެ ތެރޭގައި އަޅުގަނޑުމެން މަސައްކަތް ފަށައިގަންނާނަން.

ޢާމިރު ސަލީމް:

އަނެއްހެން ދެން ހަނދުމަފުޅުނެތީކީ ނޫނޭ، އެބަހުއްޓޭ ދޮގެއްތޯ. ދެން މިދިޔަ ދަތިތަކާހެދި ނުކުރެވިފައި ހުރީއޭ ދޮގެއްތޯ. ކޮމިޝަންތައް ބަދަލުކުރައްވައިފިއްޔާ ސްޕީޑް އަވަސްވެދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑަކަށް ހީއެއްނުވޭ، މާބޮޑު ތަފާތެއް އަންނާނެހެނެއް. އޭރަށްވާނެގޮތަކީ އަނެއްކާވެސް އަލުން ފަށައިގަންނަން ޖެހޭނީ. އެނގިވަޑައިގަންނަވާނެ، އެ ކޮމިޝަންތަކަށްވެސް ކޯވިޑާ ހެދި ހުރަސްތަކެއް އެޅިގެންދިޔަ މަސައްކަތް ކުރުމުގައި. ގާތްގަނޑަކަށް 6 މަސް، 7 މަސް ފާއިތުވެގެން މިދިޔައީ. މިސާލަކަށް، މަރު ކޮމިޝަނުން ކަމަށްވަންޏާ، އެބޭފުޅުންނަށް ހުށަހެޅިފައި ހުރި މައްސަލަތަކާއި، އަމިއްލައަށް އިސްނަގައިގެން، ގާތްގަނޑަކަށް 28 ކޭސްއެއް ބަލަމުން އެބަގެންދޭ. އޭގެތެރެއިން، އަޅުގަނޑަށް އެންމެފަހުން މަޢުލޫމާތު ލިބިފައި އޮތްގޮތުން، 9 މައްސަލައެއް މުޅިން ނިންމައި، ފައިނަލް ރިޕޯޓް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް އެދަނީ. އަދި އެއާއެކީގައި، ފޮރިން އެކްސްޕަރޓެއްގެ އެހީތެރިކަމާއެކީގައި މަސައްކަތް ކުރަމުން ގެންދާތާ އެއްމަސްދުވަސް ވެއްޖެ. އެއީ ދެން މި މަސައްކަތަށް ލިބުނު ވަރަށްބޮޑު ކުރިއެރުމަކާއި އެހީތެރިކަމެއް ކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑު އުއްމީދު ކުރަނީ، އޭގެ ސަބަބުން ރައްޔިތުން އިތުބާރުކުރާ، އަދި އެ ޢާއިލާތަކުން ހިތްހަމަޖެހޭފަދަ ރިޕޯޓެއް، އެ ކޮމިޝަނުން އެކުލަވައިލައި ކުރިއަށްދާނެ ކަމަށް.

ޢާމިރު ސަލީމް:

މާނަޔަކީ ކޮމިޝަންތަކަށް އިތުބާރުވެސް ކުރައްވަމޭ ދޮގެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އަޅުގަނޑު ކުރަން. ދެން އެ އިތުބާރު ނުކުރެވޭ ކަމަށްވަންޏާ، އެ ގެންނަންޖެހޭ ބަދަލެއް އަޅުގަނޑު ގެންނާނަން. މިހާރުވެސް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އަޅުގަނޑަށް އެހެން ކުރަންޖެހޭ ކަމެއް މި އަންނަނީ ކުރަމުން.

ޢާމިރު ސަލީމް:

ކޯލިޝަނެއްގެ ތެރެއިން ވެރިކަން ތިޔަ ކުރައްވަނީ އިނގޭތޯ. އަޅުގަނޑުމެންނަށް ރައީސްގެ ވެރިކަން ފެށިގެން އައިތާ ކައިރީގައި ފެނުނު، ކޯލިޝަންގެ ޕާޓީތަކުގެ ލީޑަރުން، ވަކި އުސޫލަކުން ބައްދަލުކުރަމުން ގެންދިޔައީ. އޭރު ދެން މަޢުލޫމާތު ލިބުނުގޮތުން ވެއްޖިއްޔާ އެގޮތަށް އިންތިޒާމު ކުރެވިގެން ހިނގަމުންދިޔައީ. އެގޮތަށް ރޭވިފައި އޮތީވެސް. ގަވާއިދުން އެ ބައްދަލުވުންތައް ކުރިއަށް ގެންގޮސް، ސަރުކާރު ހިންގެވުމުގައި ކޯލިޝަންގެ 4 ލީޑަރުން ވާހަކަފުޅު ދައްކަވައިގެން ގެންދަވާނެ ކަމަށް. ވަކިހިސާބަކުން ދެން ބައްދަލުވުންތައް ހުއްޓިއްޖެ އިނގޭތޯ. ދެން އެކިފަހަރު އެކި ވާހަކަތައް އަޑުއިވޭ، އެކި ލީޑަރުންގެ ފަރާތުން. ކީއްވެތޯ މިހާރު އެއްކޮށް އެކަންތައް ނިމުނީތޯ؟ ކޯލިޝަން ރަނގަޅުތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ކޯލިޝަން އޮންނާނެ އިނގޭތޯ. އިރާދަކުރެއްވިއްޔާ ކޯލިޝަން ރޫޅިގެން ނުދާނެ. ތިޔަ ވިދާޅުވާހެން އަޅުގަނޑުމެން ފަށައިގެންއިރުގައި، ބައްދަލުވުންތައް ބާއްވަމުން ގެންދިޔައީ. ދެ ބައްދަލުވުން، ނޫނީވިއްޔާ އަނެއްހެން އެންމެން އެއްތަނަކަށް އެއްވެ، ދެ ބައްދަލުވުމެއް ބޭއްވިން އަޅުގަނޑުމެން. އެއަށްފަހުގައި ބައެއް ލީޑަރުން ރާއްޖެއިން ބޭރުގައި އުޅުއްވަންޖެހުމާއި، އެކި މަސައްކަތުގައި ބުރަވެގެން ބައެއް މީޓިންގތައް ފަސްކުރެވިފައި ހުންނާނެ. ދެން އެނގިވަޑައިގަންނަވާނެ، މިދުވަސްވަރަކީ އެއްވެސް މީހަކަށް، އެކަކު އަނެކަކަށް ފަސޭހައިން ބައްދަލުކޮށް އުޅެވޭ ދުވަސްވަރެއް ނޫން. އެހެންވީމާ، މިހާރު އަޅުގަނޑު އެ މަސައްކަތް ކުރަމުން މިގެންދަނީ ވަކިވަކިން ލީޑަރުންނާ ފޯނުން ގުޅައިގެން ވާހަކަ ދައްކައިގެން. އަޅުގަނޑަށް ލިބޭ ހުރިހާ ލީޑަރުންގެ ފަރާތުންވެސް މަޝްވަރާއާއި އިރުޝާދު. އަދި ހަމަ އެގޮތުން، އެމް.ޑީ.ޕީ.ގެ އެއް ލީޑަރު ރައީސް ނަޝީދާއި، އެމް.އާރު.އެމް.ގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި އަދި ޢަދާލަތު ޕާޓީގެ ޝައިޚް ޢިމްރާނުގެ މަޝްވަރާ އަޅުގަނޑަށް ލިބޭ ކަންތައްތަކުގައި. އަދި އަޅުގަނޑުވެސް ބައެއް ކަންތައްތަކުގައި އިސްވެ ގުޅައި މަޝްވަރާ ހޯދަމުންވެސް ގެންދަން. އެހެންވީމާ، ކޯލިޝަން ހަމަ އޭގެ ޒާތުގައި ދެމިއެބައޮތް. އިރާދަކުރެއްވިއްޔާ، މި 5 އަހަރު ދެމިއޮންނާނެ.

ޢާމިރު ސަލީމް:

ބައެއް ފަރާތްތަކުން ގަބޫލުކުރަނީ، ރައީސް ޞާލިޙް ނޫން ބޭފުޅަކަށް ކޯލިޝަން ވެރިކަމެއް ނުހިންގެވޭނެ ކަމަށް އިނގޭތޯ. އެއީ ވަރަށް ފަސޭހަ ކަމެއް ނޫނޭ ކުރާކަށެއް އިނގޭތޯ. ވަރަށްދަތި ކަމެއް. އެންމެ އުނދަގޫ ކަންތަކޭ ވެރިކަމެއްގައި ކުރާނެ، ކޯލިޝަނެއް ހިންގުން. ދެން މަނިކުފާނު އެކަން އެބަ ކުރައްވައޭ.

ކޯލިޝަނާއި މި ޕާޓީތަކާ އެއްބަސްވުމެއް ހެދިގެންހެން އަޅުގަނޑަށް ހީވަނީ ކެބިނެޓުގެ މަގާމުތައްވެސް އެކި ޕާޓީތަކަށް މި ދެވެނީ. ބައެއް ޕާޓީތަކުގެ ލީޑަރުން ރަސްމީ ހައިސިއްޔަތުން، ނޫނީ ނުރަސްމީ ހައިސިއްޔަތުންވެސް ވާހަކަފުޅު ދައްކަވާތީ އަޑުއިވޭ، އެއްބަސްވެވުނު ގޮތަކަށް ނޫނޭ މިހާރު މަގާމުތައް ކެބިނެޓުން ދެވެނީކީއެއް. މިސާލަކަށް، ޖެންޑަރ މިނިސްޓްރީ ފަހުން ބަދަލުކުރެވުނުއިރު، ޢަދާލަތު ޕާޓީއަށް އޮތް ސްލޮޓެއް، އެހެން ޕާޓީއަކަށް ދެވުނީއޭ. ހައުސިންގ މިނިސްޓްރީ ބަދަލުވެގެންދިޔައީ އެކަހަލަ ގޮތަކަށޭ. ފަހުން ހެލްތު މިނިސްޓްރީއަށްވީ އެކަހަލަ ގޮތެކޭ. ބައެއް ބޭފުޅުންގެ ހިތްޕުޅުހަމަނުޖެހުން ހުރޭކަންނޭނގެ. އެހެންވީމާ، އެއީ ރަނގަޅަށްތޯ، އެއްބަސްވުމާ އެއްގޮތަށް، އެބޭފުޅުންގެ ރުހުމާ އެއްގޮތަށްތޯ ބަދަލުތައް އެ އަންނަނީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ފުރަތަމަ ކަމަކަށް އިނގޭތޯ. އަޅުގަނޑުގެ ސިޔާސީ މަސައްކަތުގައި އަޅުގަނޑަކީ ހަމަ ވަރަށްގިނަ މީހުންނާ މަޝްވަރާކޮށްގެން ކަންތައްތައް ކުރާ މީހެއް. އަދި ވާދަވެރި ފަރާތްތައް، އިދިކޮޅު ފަރާތްތަކާވެސް އަޅުގަނޑު ހުންނާނީ ކަންތައްތަކުގައި މަޝްވަރާކޮށްފައި. ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑު މި ހޭދަކުރި ގާތްގަނޑަކަށް 25 އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑާ މައްސަލައެއް އޮތް މެންބަރެއް އަޅުގަނޑަކަށް ދިމައެއްނުވޭ. އަދި ސިޔާސީ ދާއިރާގައިވެސް އަދިވެސް ހުރިކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން. އެހެންވީމާ، އަޅުގަނޑުގެ މިޒާޖުގައި ހުރި ކަމެއް، އަޅުގަނޑުގެ ސިޔާސީ މަސައްކަތް މިހާތަނަށް ކުރިއަށް ގެންގޮސްފައި އޮތްގޮތް އެއީ އެހެން މީހުންނާ އެކީގައި މަސައްކަތްކޮށްގެން ކުރިއަށްދިޔުން. އަޅުގަނޑު ހިތުން އަޅުގަނޑު މި މަގާމަށް ރައްޔިތުން ހޮވާފައިވެސް މިހުރީ އަޅުގަނޑަކީ އެގޮތަށް ކަންތައްކުރާ މީހެއްކަން އެނގިގެން. އެމް.ޑީ.ޕީ. އިން އަޅުގަނޑަށް ޓިކެޓް ދިންއިރުގައިވެސް އެމް.ޑީ.ޕީ.ގެ ލީޑަރޝިޕަށްވެސް، އެމް.ޑީ.ޕީ.ގެ ހުރިހާ މެންބަރުންނަށްވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުގެ މަސައްކަތް ހުންނަގޮތް. އެހެންވީމާ، އަޅުގަނޑަކީ ވަކިމީހަކު ބާކީކޮށްފައި، ވަކި މީހަކު ދުރަށްލާފައި ކަންތައް ކުރާނެ މީހެއް ނޫން. އަބަދުވެސް ކަންތައްތައް ނިންމަމުންދާނީ މަޝްވަރާކޮށްގެން. އޭގެތެރޭގައި، އަޅުގަނޑުމެންނާ އެކީގައި ތިބި ފަރާތްތަކާއި، ވަކިން ތިބި ފަރާތްތައް ހިމެނޭނެ. އެހެންވީމާ، ކޯލިޝަނެއް ގޮވައިގެން ކުރިއަށްދިޔުމަކީ، އެއީ އަޅުގަނޑަކަށް އެހާ ދަތިކަމަކަށްނުވޭ.

ދެން ތިޔަ ވިދާޅުވީ، ސަރުކާރުގެ މަގާމުތައް، ޚާއްޞަކޮށް ކެބިނެޓް ބެހުމުގައި. ތިޔަ ވިދާޅުވާހެން އަޅުގަނޑުމެންގެ އެބައޮތް އަންޑަރސްޓޭންޑިންގއެއް، އެއްބަސްވުމެއް އެކި ޕާޓީތަކަށް އެކިވަރަށް މަގާމުތައް ދޭން. އެގޮތަށް އަޅުގަނޑު ފަށައިގަތީ. އެހެންނަމަވެސް، ވަކިހިސާބަކުން ބައެއް މަގާމުތައް، 4 މިނިސްޓްރީގެ ޕޯސްޓަށް ބަދަލުތަކެއް ގެންނަންޖެހިއްޖެ. އެއިން ކޮންމެ ފަހަރެއްގައި އަޅުގަނޑު ނިންމާފައިވާނީ، ޑިސިޝަން ނަގާފައިވާނީ އެ ޕާޓީއެއްގެ އިސް ލީޑަރުންނާ ވާހަކަ ދައްކާފައި. ޢަދާލަތު ޕާޓީން މަގާމެއް ހުސްވެގެން ފުރަތަމަ ބަދަލުގެންނަންޖެހުނީ. އަދާލަތު ޕާޓީއާ ވާހަކަ ދައްކާފައި އަޅުގަނޑު ހަމަ ރުހުމުގައި އެކަންކުރީ. ދެން އޮތީ އެމް.އާރު.އެމް.ގެ ހައުސިންގ މިނިސްޓަރ އިސްތިޢުފާ ދެއްވުމާ ގުޅިގެން، އެ ގެނައި ބަދަލުވެސް އަޅުގަނޑު ގެނައީ ހަމަ މަޝްވަރާއާ އެކީގައި. ދެން އެ މިނިސްޓްރީއެއް ނެތް މިހާރަކު. އެހެންވީމާ، އެއަކަށް އިތުރު ޖާގައެއް އެމް.އާރު.އެމް. އަށް ލިބޭގޮތެއްނުވި. ދެން އެންމެފަހުން ޓޫރިޒަމް މިނިސްޓްރީ. އަޅުގަނޑު ބަދަލުކުރީ ހަމަ ޓޫރިޒަމް މިނިސްޓްރީގެ، އެއީ ޖުމްހޫރީ ޕާޓީގެ ސްލޮޓަށް، ޖުމްހޫރީ ޕާޓީގެ ބޭފުޅެއް ޢައްޔަނުކޮށްފައި މިވަނީ. ދެން އެންމެފަހުން މިދިޔަ ހެލްތު މިނިސްޓްރީގެ ކަންތަކުގައި، އެއީވެސް ޖުމްހޫރީ ޕާޓީގެ ސްލޮޓެއް ފަށައިގެންއިރު. އެކަމުގައި އަޅުގަނޑު އޮނަރަބްލް ޤާސިމް އިބްރާހީމާ މަޝްވަރާކުރިން. ޤާސިމް ބޭނުންފުޅުވެވަޑައިގަތީ، ޖުމްހޫރީ ޕާޓީގެ ބޭފުޅަކަށް އެ ސްލޮޓް ދެއްވަން. އަޅުގަނޑަށް ނަންތައްވެސް ފޮނުއްވި. ދެން ފޮނުއްވީމާ އަޅުގަނޑު އަނެއްކާވެސް ޤާސިމާ ވާހަކަދެއްކިން. އަޅުގަނޑު ދެންނެވިން، އަޅުގަނޑަށް މި ފުރުޞަތު މިފަހަރު ދޫކޮށްލައްވައިދެއްވާށޭ. އެއީ އެ ދާއިރާއަކީ ވަރަށް ކައިރިން އަޅުގަނޑު ބަލައިގެން ބަދަލުތަކެއް ގެންނަންޖެހޭ ދާއިރާއެކޭ. އެހެންވީމާ، އަޅުގަނޑުގެ ޗޮއިސްއެއް މިކަމުގައި އަޅުގަނޑަށް ދެއްވާށޭ. ވިދާޅުވީ މައްސަލައެއް ނެތޭ. ތިމަންނާ ބޭނުންވަނީ ޤައުމުގައި ހުރި ކަންތައްތައް އިޞްލާޙުކޮށް، އަޅުގަނޑުމެންގެ މެނިފެސްޓޯ، އެންމެ ރަނގަޅަށް އަޅުގަނޑަށް ތަންފީޒު ކުރެވޭގޮތަކަށް ކަންތައްތައް ރާވައިގެން ގެންދިޔުމޭ. އެގޮތުން އަޅުގަނޑަށް ފެންނަ މީހަކު އެ މަގާމަށްލުމުގެ ފުރުޞަތު ޤާސިމް ދެއްވި. އަޅުގަނޑު ހިތުން އަޅުގަނޑަށް ފެނިގެންދިޔައީ، އޮނަރަބްލް ޤާސިމް އިބްރާހީމް، އެބޭފުޅާގެ އަމިއްލަ މަޞްލަޙަތާއި ޕާޓީގެ މަޞްލަޙަތަށްވުރެ ބޮޑަށް ޤައުމީ މަޞްލަޙަތު އިސްކުރައްވައި، ޤައުމުގައި ހުރި ކަންތައްތައް ޙައްލުކުރުމަށް އިސްކަންދެއްވި މިންވަރު. އެކަމަށްޓަކައި އަޅުގަނޑު މިއަދުވެސް ޤާސިމަށް ޝުކުރުވެސް ދަންނަވަން. އަދި ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށްދާނީ ހަމަ އެގޮތަށް. ކުރީގައި ވަކިގޮތަކަށް އެއްބަސްވެފައި ހުރި ކަންތައްތައްވެސް، ބަދަލުތަކެއް ގެންނަންޖެހިއްޖެ ޙާލަތެއްގައި، އަޅުގަނޑު ހިތުން މަސައްކަތްތައް ހަލުވިކޮށް، އެ ޑެލިވަރ ކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތަކެއް ގެނައުމަށްޓަކައި ހަމަ ކޯލިޝަނުގެ ޕާޓްނަރުންގެ މަޝްވަރާއާއެކީގައި އެ ބަދަލުތައް ގެނައުމުގެ ފުރުޞަތު އަޅުގަނޑަށް ލިބިގެންދާނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ.

ޢާމިރު ސަލީމް:

މިނިސްޓްރީތަކުގެ ވާހަކަ ދެއްކެވީމައާވެސް އެކީގައި އިނގޭތޯ، އަޅުގަނޑު ހިތަށްއަރަނީ މިހާތަނަށް މަނިކުފާނު ބަދަލުގެންނެވި މިނިސްޓްރީތަކުގެ ތެރެއިން ވަކިކުރެއްވި ބޭފުޅަކަށް ހުންނާނީ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު. އެއީ ރަނގަޅަށް ނެންގެވުނު ޑިޒިޝަނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އެއީ ރަނގަޅު ޑިޒިޝަނެއް އިނގޭތޯ. އެއީ އަޅުގަނޑާ ހިސާބަށް އެ މައްސަލަ އައީމަ، އެ ބަލާފައި އެވަގުތު އަޅުގަނޑަށް ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރީ. އަޅުގަނޑު ހިތުން އޭރުގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުވެސް އެކަން ގަބޫލުކުރައްވާނެ. ދެން މިއަދު އެ މައްސަލަ އެއޮތީ އެކަމުގެ މުޅިން އެހެން ހިސާބެއްގައި. އެ ކުރިއަށްދާނެ އެ ނިޒާމުގެ ތެރެއިން. އެހެން ނަމަވެސް، އަޅުގަނޑު އަބަދުވެސް ޢަލީ ވަޙީދަށް ރަނގަޅު ގޮތްތައް އެދެން. ޢަލީ ވަޙީދަކީ މުސްތަޤްބަލެއް އޮތް، ސިޔާސީ މުސްތަޤްބަލެއް އޮތް، ހަމަ ކުޅަދާނަ ޕޮލިޓިޝަނެއް. އެހެންވީމާ، ޢަލީ ވަޙީދުގެ މުސްތަޤްބަލް، ޢަލީ ވަޙީދު އެދިވަޑައިގަންނަވާ ގޮތަށް ކުރިއަށް ދިޔުމުގެ ފުރުޞަތު ހޯދައިދިނުމަށް އެއީ އަޅުގަނޑުމެން އެންމެންވެސް ކުރާނެ ކަމެއް. އެހެންވީމާ، އެވަގުތު އަޅުގަނޑު އެ ނަގަންޖެހުނު ޑިޒިޝަނަކީ، އަޅުގަނޑު ހިތުން އެވަގުތު ކުރަންޖެހޭނެ ކަމެއް. އެހެންނޫންނަމަ، އޭގެފަހުން ކުރިމަތިވާނެ މައްސަލަތައް މާބޮޑުކަމަށް އަޅުގަނޑަށް ފެނުނީ. އެކަން ކުރިއިރުގައި، އެކަމުގެވެސް މަޝްވަރާތަކެއް އަޅުގަނޑު ކުރިން. ހަމަ ޖުމްހޫރީ ޕާޓީގެ ލީޑަރާވެސް އަޅުގަނޑު އޭގެކުރިން ވާހަކަ ދައްކާފައި، އެ ޑިޒިޝަން އަޅުގަނޑު ނެގީ.

ޢާމިރު ސަލީމް:

ކެބިނެޓަށް އެކި ދިމަދިމާއިން މިހެން ޙަމަލާ އަންނަ ވާހަކަ އިނގޭތޯ. އެއީ ދެން ބައެއް މީހުން ފާހަގަކުރޭ. ކޮންމެވެސްވަރަކަށް މިހެން މަންޒަރުތައް ފެންނަގޮތުންވެސް ހީވޭ އެކަހަލަ ކަމެއް އުޅޭހެން. ވަކި ވަޒީރުންތަކެއް ވަކިކުރަން، ނޫނީ ދުރުކުރަން އެއްވެސް ބޭފުޅަކު، ނޫނީ އެއްވެސް ފަރާތަކުން އެއްވެސްކަހަލަ ނުފޫޒެއް މަނިކުފާނަށް އެބައޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑުމެންގެ މަގާމުތަކުގައި ތިބޭ މީހުންނާ ދޭތެރޭގައި ފާޑުކިޔާނެ ނޫންތޯ. ކިޔަންވެސްޖެހޭނެ އިނގޭތޯ. އަޅުގަނޑާ ދޭތެރޭގައިވެސް ކިޔާނެ. ކިޔަންވެސްޖެހޭނެ. އެގޮތުން، ކެބިނެޓުގައި އެ ތިއްބެވި ބޭފުޅުންނާ ދޭތެރޭގައިވެސް ހަމަ ފާޑުކިޔާނެ. އެކަކަށް ރަނގަޅުވާ މީހާ، އަނެކަކަށް ރަނގަޅެއްނުވާނެ. އެގޮތުން، ބައެއް ވަޒީރުންނާ ދޭތެރޭގައި އަދި ހުރިހާ ވަޒީރުން އޭގެތެރޭގައި ހިމެނޭގޮތަށް އަޅުގަނޑު ދަންނަވާނީ. އަދި އަޅުގަނޑުވެސް ހިމެނޭގޮތަށް. ނައިބު ރައީސްވެސް ހިމެނޭގޮތަށް. ހުރިހާ މީހުންނާ ދޭތެރޭގައި އެބަހުރި ފާޑުކިޔުން. އެބައޮތް އަޅުގަނޑުމެންގެ ވާދަވެރި ފަރާތެއްވެސް. އަދި އަޅުގަނޑުމެންގެ ތެރޭގައިވެސް ހުންނާނެ، ކޯލިޝަނެއްގެ ތެރޭގައިވީމާ، ބައެއްފަހަރު އެކަހަލަ ކަންތައް. އެހެންވީމާ، އެގޮތުން އެކިއެކި ވަޒީރުންނާ ދޭތެރޭގައާއި، އަޅުގަނޑާ ދޭތެރޭގައިވެސް އެ ޝަކުވާތައް އާދޭ އިނގޭތޯ. އަޅުގަނޑު އިސްތިޢުފާދޭންވެސް ގޮވަނީނޫންތޯ. އެހެންނޫންތޯ. ހަމަ އެގޮތަށް ވަޒީރުންގެވެސް ހުންނާނެ. އެހެންނަމަވެސް، ވަކިމީހަކު އަނެއްހެން ވަކިކުރާކަށެއް ބޮޑު ޕްރެޝަރެއް އަޅުގަނޑަކަށެއް ނާދޭ. އެހެންނަމަވެސް، އަޅުގަނޑަށް އަންނަ ޝަކުވާތަކާއި، އަޅުގަނޑާ ހިސާބަށް އަންނަ ޚިޔާލުތަކުގެ އަލީގައި އަޅުގަނޑު ކުރަންޖެހޭ ކަންތައްތައް އަޅުގަނޑު ކުރާނަން. އެކަން ކުރާނީ އެއީ ސަރުކާރަށާއި ޤައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ކަމެއް ކަމަށް އެކަމެއްވާނަމަ.

ޢާމިރު ސަލީމް:

ކޯލިޝަން ދެން މިހެން ބެހިފައި އޮންނަ ގޮތުން، އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބެނީ ސާޅީހަކަށް ޕަސެންޓޭ އެމް.ޑީ.ޕީ. އަށް އޮންނަނީ އިނގޭތޯ. މަނިކުފާނު ވެރިކަމަށް ވަޑައިގަތީ އެމް.ޑީ.ޕީ ޓިކެޓެއްގައި. މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމް.ޑީ.ޕީ.ގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން ވަރަށްފާޅުކަންބޮޑުގޮތެއްގައި ވަރަށްގިނަފަހަރު ވިދާޅުވާތީ އަޑުއިވޭ، މިއީ އެމް.ޑީ.ޕީ.ގެ ސަރުކާރެއް ނޫނޭ. އެމް.ޑީ.ޕީ ސަރުކާރެއްތޯ މިއީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ރާއްޖޭގެ ސިޔާސީ މަސްރަޙު އޮތްގޮތް އަޅުގަނޑުމެން ފުރަތަމަ ބަލައިލަންޖެހޭނެ. އެއްވެސް ޕާޓީއަކަށް ރާއްޖޭގެ ރައްޔިތުންގެ 50 ޕަސެންޓް އަޣްލަބިއްޔަތެއް ނެތް. އެހެންނަމަވެސް، އެމް.ޑީ.ޕީ.އަކީ އެންމެބޮޑު ޕާޓީ. އަޅުގަނޑުމެންނަށް މި ދެވެނީ ގާތްގަނޑަކަށް 45 ޕަސެންޓާއި 48 ޕަސެންޓާ، އެދޭތެރޭގެ ތާއީދު އަބަދުވެސް އޮންނަ ކަމަށް އެބަ ފެނޭ. 2008 ވަނަ އަހަރުވެސް އަޅުގަނޑުމެން ވެރިކަމަށް އައީ ކޯލިޝަނެއްގެ ތެރެއިން. އަދި ދެން އައި ވެރިކަންވެސް، ރައީސް ޔާމީނުގެ ވެރިކަންވެސް އައީ ކޯލިޝަނެއްގެ ތެރެއިން. ދެން މިފަހަރު، 2018 ގައި އަޅުގަނޑު ވެރިކަމަށް މިއައީވެސް ކޯލިޝަނެއްގެ ތެރެއިން. އެހެންވީމާ، އެނގިގެންމިދާ އެއްޗަކީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ރައްޔިތުން ދެކޭގޮތުގައި އެބަހުރި ތަފާތުތަކެއް. އެހެންނަމަވެސް، އަޅުގަނޑު ކުރިން މިދެންނެވި ފަދައިން، އެމް.ޑީ.ޕީ.އަކީ ރާއްޖޭގައި އޮތް އެންމެބޮޑު ޕާޓީ. އެހެންވީމާ، މި ސަރުކާރަކީ އެމް.ޑީ.ޕީ.ގެ ވަރަށްބޮޑު އަޣްލަބިއްޔަތެއް އޮތް ކޯލިޝަނެއް، ސަރުކާރެއް. ޖުމްލަގޮތެއްގައި، އަޅުގަނޑު ދަންނަވާނީ މިއީ ރައްޔިތުންގެ ސަރުކާރެކޭ.

ޢާމިރު ސަލީމް:

އެމް.ޑީ.ޕީ.ގެ ސަރުކާރު، ނޫނީ މިއީ ވަކި ޕާޓީއެއްގެ ސަރުކާރު، އެގޮތަށް އެހެން ދެން ވަރަށްގިނަ ފަރާތްތަކުން މިއަށް ނަންކިޔައި އުޅޭނެ ދޮގެއްތޯ. ދެން އަޅުގަނޑު ހިތަށްއަރަނީ، 3 ބާރު ވަކިވެފައި އޮންނަ ނިޒާމެއް ރާއްޖޭގައި މި އޮންނަނީ. ދެން އަޅުގަނޑުމެން އެންމެންވެސް ކިޔަނީ، އެއްބާރު އަނެއްބާރާ މިހެން، ވަކި އެއްބާރު އަނެއްބާރުގެ މައްޗަށް އަރައިނުގަނެ، އެއްބާރު އަނެއްބާރަކަށް މިހެން ފާރަވެރިވެ ބަލަހައްޓައިގެން ކަންކަން ހިންގާ ނިޒާމެކޭ އަޅުގަނޑުމެން ބޭނުންވަނީ. އެގޮތަށޭ މިއުޅެނީ. އެކަމަކު ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ބާރުތަކުގެ ތެރެއަށް މާބޮޑަށް ވަންނަކަމަށް، ވަރަށްގިނައިން ވާހަކަ ދެކެވޭތީ އަޑުއިވޭ. ވަރަށް ގިނައިން ސަރުކާރު ހިންގުމުގެ ތެރެއަށް ވަދެ، ސަރުކާރު ހިންގަން އުޅޭހެންހީވެއޭވެސް ބައެއް ފަރާތްތަކުން ބުނޭ. ރައްޔިތުންގެ މަޖިލީހުން ވަދޭތޯ، ސަރުކާރުގެ ތެރެއަށް މާބޮޑަށް؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބުނެފައި އެބައޮތް، 3 ބާރުގެ ދާއިރާ، އިން ވަކިކޮށްފައި، އެ ބަޔަކު ކުރަންޖެހޭ ކަންތައް. ރައްޔިތުންގެ މަޖިލީހަކީ ޤާނޫނުތައް ހަދާ ފަރާތްކަމާއި، އަދި ސަރުކާރު ޖަވާބުދާރީކުރުވާ ފަރާތް. ސަރުކާރަކީ ތަންފީޒީ ބާރު. ދެން މި އޮންނަނީ ޖުޑީޝަރީ. އެއީ އިންޞާފު ޤާއިމުކުރުމުގެ ބާރު މި އޮންނަނީ ޖުޑީޝަރީއަށް. އެބައެއްގެ އިމުގެތެރޭގައި މަސައްކަތް ކުރެވިގެންދާތަން ފެނުން އަޅުގަނޑު ބޭނުންވަނީ. ދެން އަޅުގަނޑަކީ ރައްޔިތުންގެ މަޖިލީހުގައި ވަރަށްގިނަ ދުވަހު މަސައްކަތްކުރި މީހަކަށްވާތީ، ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑު ހޭދަކުރި ދުވަސްތަކުގެ ތެރޭގައި، އެންމެ ރަނގަޅަކަށް ޕަރފޯމް ކުރުމުގެ ފުރުޞަތެއް ލިބިގެނެއްނުދިޔަ. ވެރިކަމުގެ ނުފޫޒު ވަރަށް ބޮޑަށް މަޖިލީހުގެ ތެރެއަށް ވެރިވެފައި އޮތީ. ޤާނޫނީގޮތުން ލިބިފައި އޮތް މަސައްކަތް ނުކުރެވޭހާ ހިސާބަށް ބައެއް ވަގުތުދިޔަ. އެހެންނަމަވެސް، އަޅުގަނޑު ފާހަގަކޮށްލާނަން. އަޅުގަނޑުމެން 2008 ގައި ވެރިކަމުގައި ތިބިއިރުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އޭރު ހުންނެވީ އޮނަރަބްލް ޢަބްދުﷲ ޝާހިދު. އޭރު މަޖިލީހުގެ ގަވާއިދާ އެއްގޮތަށް، ސަރުކާރަށް ނިސްބަތްވަނީ. އެހެންވިޔަސް، ވަރަށް ރަނގަޅަށް އެ މަސައްކަތް ކުރައްވަމުން ގެންދެވިތަން އަޅުގަނޑު ދުށިން. ގަވާއިދުން އިމުގެ ތެރޭގައި. އަދި މިހާރުވެސް. މިހާރު ހުންނެވި އެމް.ޑީ.ޕީ.ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ބުރަ މަސައްކަތްތަކެއް އެބަ ކުރައްވާ. އަޅުގަނޑު ހަމަ ދެކެން ބޭނުންވޭ، ރައްޔިތުންގެ މަޖިލިސް ވަރަށް ރަނގަޅަށް ޕަރފޯމް ކުރާތަން. އެގޮތުން، ވަރަށްގިނަ ރަނގަޅު މަސައްކަތްތަކެއް އެބަކުރޭ. އެހެންނަމަވެސް، އަދި މިއަށްވުރެ ރަނގަޅަށް އެ މަސައްކަތް ކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. މިހެން ދަންނަވާއިރުގައި، ބައެއްފަހަރު ދަތި އުނދަގޫވާ ބައެއް ކަންތައްތައް ހުރޭ. އެކަންތައްތައް އަޅުގަނޑު ހިތުން ހަމަޖެހިގެންދާނެ، މަޖިލިސް ކުރިއަށްދާވަރަކަށް. މިސާލަކަށް، ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހަމަ ވަރަށް ބާރަށް ކުރައްވާ. މި ސަރުކާރު ވާނެ، އެންމެ ރަނގަޅަށް ޖަވާބުދާރީވާ ސަރުކާރަކަށް، ރައްޔިތުންގެ މަޖިލީހަށް އަދި ރައްޔިތުންނަށްވެސް. މިސާލަކަށް، ބައެއް ދުވަސްދުވަހު ބައެއް ވަޒީރުން އެންމެ ސުވާލަކަށް މަޖިލީހަށް ވަޑައިގެން، ދޮޅުގަޑިއިރު ފްލޯރގައި އެބަ ހޭދަކުރައްވާ. ވަށައިގެން ހުރި ހުރިހާ ސުވާލަކަށް ޖަވާބު ދެއްވަމުން އެބަ ވަޑައިގަންނަވާ.

އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، ރައްޔިތުންގެ މަޖިލިސް އަދި މިހާރަށްވުރެ ރަނގަޅަށް އަދި ސަރުކާރަށްވެސް މިހާރަށްވުރެ ރަނގަޅަށް މަސައްކަތް ކުރެވޭނެ އަދިވެސް.

ޢާމިރު ސަލީމް:

ކިހިނެއްތޯ، ވަރަށްގިނަ ހިލޭ އެހީ، މިދިޔަ ދެ އަހަރުގެ ތެރޭގައި ހޯއްދަވައިފި އިނގޭތޯ. ރައްޔިތުންގެ މައްޗަށް ވަރަށްގިނަ ޚަރަދު ކުރައްވައިފި، ވަރަށްދަތި ދަނޑިވަޅެއްގައި، ވަރަށްދަތި ދުވަސްވަރެއްގައި އިނގޭތޯ. ކިހާ ހިލޭ އެހީއެއް ހޯއްދެވިއްޖެތޯ، މިދިޔަ ދެ އަހަރުގެ ތެރޭގައި.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ރާއްޖެއަށް، މި ސަރުކާރަށް ފައިސާގެ ގޮތުގައި ލިބިފައި ހުރި ހިލޭ އެހީ އެބަހުރި. އަދި ތަކެތީގެ ގޮތުގައި ލިބިފައި ހުރި ހިލޭ އެހީ އެބަހުރި. އޭގެއިތުރަށް، ހަމަ ސޮފްޓް ލޯނާއި، ހަމަ ކޮންސެޝަނަލް ލޯނާއި، ގްރާންޓާ އެކީގައި ލިބިފައި ހުރި އެހީތައް އެބަހުރި. ނަގުދު ފައިސާގެ ގޮތުގައި، ބަޖެޓް ސަޕޯޓުގެ ގޮތުގައި ކަމަށްވަންޏާ އަޅުގަނޑު ހަނދާންވަނީ 360 މިލިއަން ޑޮލަރަށްވުރެ ގިނަ ޑޮލަރު، ކޭޝް ލިބިފައި ހުރީ. އޭގެއިތުރުން، ކާބޯތަކެއްޗާއި، ބޭހާއި، އަދި މި ކޯވިޑާ ގުޅިގެން މި ލިބުނު ތަކެތީގެ އަގުކޮށްލާނަމަ، ހަމަ ފުދޭވަރެއްގެ ބޮޑު އަދަދެއް އެއަށް އަރާނެ. އޭގެއިތުރުން، ސޮފްޓް ލޯނާއި، ކޮންސެޝަނަލް ލޯނާ ގްރާންޓާ އެކީގައި 1.5، 1 ބިލިއަން ޑޮލަރުގެ އެހީ އަޅުގަނޑުމެންނަށް، ހިލޭ އެހީއާއި ލޯނާ އެކީގައި ލިބިފައި އެބަހުރި.

ޢާމިރު ސަލީމް:

ވަރަށްގިނަ ޕްރޮޖެކްޓްތައްވެސް ހިންގައިފި އިނގޭތޯ ޤައުމުގައި. ކޮބައިތޯ އެންމެ ބޮޑު ޕްރޮޖެކްޓްގެ ގޮތުގައި ފާހަގަކުރައްވާނެ ދެކަމެއް؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑު ފަށަމުންވެސް ދެންނެވި ފަދައިން، އަޅުގަނޑަށް ހިންގުނު، މި ސަރުކާރަށް ހިންގުނު، ފަހަރުގައި ފައިސާގެ ގޮތުން އެންމެބޮޑު ޕްރޮޖެކްޓަށް ނުވެދާނެ. އެންމެބޮޑު އިމާރާތަށް ނުވެދާނެ. އެކަމަކު މީހުން ބިނާކުރުމަށް އަޅުގަނޑުމެން މި ފެށި ޕްރޮޖެކްޓް އެއީ އެންމެ މުހިންމު ޕްރޮޖެކްޓްގެ ގޮތުގައި އަޅުގަނޑު ދެކެނީ. އެއީ ކުރިންވެސް ދެންނެވި ފަދައިން، ރާއްޖޭގައި ޑިގްރީއާ ހިސާބަށް ހިލޭ ކިޔަވައިދެވޭނެގޮތް ފަހިކޮށްދިނުމާއި، ސްކޮލަރޝިޕަށް ރާއްޖެއިން ބޭރަށް ދެވޭނެގޮތް ހޯދައިދިނުން އެއީ އެންމެ މުހިންމު، އެންމެބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ.

އޭގެއިތުރުން، ލާމަރުކަޒީ ކުރުމުގެ މަސައްކަތް ފެށިގެން މިދަނީ. އެއީ ފައިސާގެ ގޮތުން ބަލާކަމަށްވަންޏާ، ބޮޑު ޕްރޮޖެކްޓްތަކެއްގެ ގޮތުން، ބިޔަ ޕްރޮޖެކްޓެއްގެ ގޮތުގައި ބަލާކަމަށްވަންޏާ، މާލޭ ޕޯޓް ބަދަލުކުރުމާއި، ގްރޭޓަރ މާލޭ ކަނެކްޓިވިޓީ، މިއީ ތިލަފުށްޓާ އެކީގައި ފަށާ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް، މި އަންނަ އަހަރު ފެށިގެންދާނެ. އެ ވާނެ، އެ ފެންނާނެ، އެއީ ރާއްޖޭގައި މިހާތަނަށް ހިންގޭ އެންމެބިޔަ، ބޮޑު ޕްރޮޖެކްޓްގެ ގޮތުގައި، މީހުންގެ ލޮލަށް ފެންނާނެ ވަގުތުން.

ޢާމިރު ސަލީމް:

ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައިވެސް ވަރަށް ގިނަ ކަންކަން ހުންނާނެ އިނގޭތޯ ރާއްވަވާފައި. އަޅުގަނޑު ހިތަށްއަރަނީ ރައްޔިތުން މިހެން ޙައިރާންވާކަހަލަ، ނޫނީ ވަރަށް އުފާވާކަހަލަ ކަމެއް، ވަރަށް ތަފާތު ކަމެއް އޮންނާނެތޯ، މި އަންނަ ތިން އަހަރުގެ ތެރޭގައި. ވަރަށް ސަރޕްރައިޒިންގ ކަމެއް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑުގެ މެނިފެސްޓޯގައި އެހުރީ އަޅުގަނޑު ކުރަން ނިންމާފައި ހުރި ކަންތައްތައް އިނގޭތޯ. އޭގެތެރޭގައި ހަމަ އެންމެ އިސްކަމެއް އަޅުގަނޑު ދޭނީ މީހުން ބިނާކުރުމަށް އިނގޭތޯ. އެއީ ރާއްޖެއަށް ބޭނުންވެފައި އޮތް ކަމަކީ. އޭގެއިތުރުން، ލާމަރުކަޒު ކުރުން. މާލޭގައި މިއޮތް ތޮއްޖެހުމަށްވެސް ޙައްލެއް އޮތްގޮތަކީ އެއީ. މާލޭގައި ބިނާކުރެވިދާނެ ކިތަންމެ ފްލެޓެއްވެސް. މާލެ ކައިރީގައި ހަމަ އެޅިދާނެ ކިތަންމެ އިމާރާތެއްވެސް. އެހެންނަމަވެސް، އޭގެ ޙައްލެއް ނުފެންނަކަން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ.

ތަޢުލީމީ ދާއިރާގެ 5 ސްކޫލެއް، ފުރަތަމަ 5 ސްކޫލަކަށް އަޅުގަނޑުމެން އަމާޒުކޮށްގެން މިގެންދަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި. އެއާއެކީގައި، ޓިވެޓް ޕްރޮގްރާމްތައް ހިންގުމަށް އިންސްޓިޓިއުޝަންތަކާއި، ޖޫނިއަރ ކޮލެޖުތައް ހެދުމުގެ މަސައްކަތް، މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިންވެސް ފެނިގެންދާނެ. އެއީ އަޅުގަނޑަށް، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ހިންގޭނެ އެންމެ މުހިންމު ޕްރޮޖެކްޓް ކަމަށް އަޅުގަނޑު އަދިވެސް ދެކެނީ.

ޢާމިރު ސަލީމް:

އަދި އިނގޭތޯ. ބައެއް މީހުންނަށް ގަބޫލުނުކުރެވިގެން އުޅޭހެން ހީވަނީ އިނގޭތޯ، ހަމަ ސަރުކާރަށް ކެރޭނެހެއްޔޭ، ލާމަރުކަޒީ އެ އޮންނަ ހުރިހާ ބާރެއް، ހުރިހާ ކަމެއް ކައުންސިލްތަކަށް ދޫކޮށްލަން. ހަމަ އެ ހުރިހާ ގޮތަކަށް، ހަމަ އޭގެ އެންމެ ފުރިހަމަ މާނައިގައި އެކަން ދޫކޮށްލަން ހަމަ ކެރޭނެހެއްޔޭ. ބައެއް މީހުން އަދިވެސް ސުވާލު އުފައްދާ ކަމެއް. ހުރިހާ ބާރަކާއެއްކޮށް ދޫކޮށްލައްވާނަންތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އެއޮތީ ނޫންތޯ ޤާނޫނު އެގޮތަށް ހަދާފައި. އަޅުގަނޑުމެން އެހުރީ ހަމަ ޤާނޫނުގެ ހުރިހާ ކަމެއް ދީފައި، މިހާރުވެސް މިދަނީ، ބަޖެޓުގެ ތެރެއިންވެސް، ދެން ހަމަ ޤާނޫނު ފާސްކުރި ދުވަހުން ފެށިގެން އޭގައި އޮތް ހަމަތަކާއި އުޞޫލުތަކުގެ ތެރެއިން ބާރުތައް ދޫކުރަމުން އަޅުގަނޑުމެން މިދަނީ. އަޅުގަނޑަށް ކެރޭނެ އެކަން ކުރަން. އަޅުގަނޑު ހިތުން މި ރާއްޖޭގެ ޙަޤީޤީ ތަރައްޤީއަކީ އެއީ ލާމަރުކަޒު ކޮށްގެން ގެނެވޭނެ އެއްޗެއް. މާލޭގައި ހުރިހާ ބާރުތަކެއް މިހެން އޮވެގެން އެއީކީއެއް މި ރާއްޖެ ޖަޒީރާ ރާއްޖެއެއްގެ ގޮތުގައި ތަރައްޤީ ކުރެވޭނެ ގޮތެއް ނޫން.

ޢާމިރު ސަލީމް:

ރައީސް ޔާމީނުގެ ވެރިކަމުގައި، ބައެއް ޤައުމުތަކާ ގުޅުން ކަނޑާލިތަން ފެނުނު. ރައީސް ފާހަގަކުރެއްވި، ކުރީގައި ރައީސްގެ ކެމްޕެއިންގެ ތެރޭގައިވެސް، ޤައުމުތަކާ އަލުން ގުޅުން ޤާއިމުކުރައްވާނެ ވާހަކަ. އަދިވެސް ބައެއް ޤައުމުތަކާ ގުޅުން ޤާއިމުނުކުރެވި އެބަހުރި ކަމަށް ވަރަށް ގިނައިން ފާޑުކިޔާތީ އަޑުއިވޭ، އިދިކޮޅު ފަރާތްތަކުން. ކޮބައިތޯ މިހާރު ގުޅުން ޤާއިމުނުކުރެވި ހުރި ފަރާތްތަކަކީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ރައީސް ޔާމީން ކުރެއްވި ވަރަށް ގޯސްކަމެއް އެއީ އެ ޤައުމުތަކާ ގުޅުން ކަނޑާލުން. އެސޯސިއޭޝަންތަކުން، ޖަމުޢިއްޔާތަކުން ވަކިވުން. ރާއްޖެއަށް ވަރަށް ވަރަށް ގެއްލުންވާގޮތަށް ކުރެއްވި ކަމެއް އެއީ. އަޅުގަނޑުމެން މިދަނީ އެކަންތައްތައް ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ބިނާވެފައި އޮންނާނީ، ރާއްޖޭގެ މަޞްލަޙަތު އެންމެ އިސްކޮށް. ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަށް ޚާރިޖީ ސިޔާސަތު ބައްޓަންކުރެވިގެންދާނީ. ކަންތައްތައް ނިންމަމުންދާނީ. އެހެންދާއިރުގައި އަޅުގަނޑުމެންގެ އެ މަސައްކަތްތައް ކުރިއަށް ގެންދާނީ. އަޅުގަނޑުމެން ހިމެނޭ ޖަމުޢިއްޔާ ޖަމާޢަތްތައްވެސް އެބަހުރި. އޯ.އައި.ސީ. އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީޒް. އަދި އޭގެއިތުރުން ބައިވެރިވާ ބައެއްކަހަލަ އޯގަނައިޒޭޝަންތައް އެބަހުރި. އެހެންވީމާ، އޭގެތެރޭގައި ވިސްނުން ހުރިގޮތާއި، އެ އެއްޗެތި ބަލައިގެން އަޅުގަނޑުމެން ކުރިއަށް ގެންދާނީ. އެހެންވީމާ، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު، ކުރިއަށް އޮތް ތާނގައިވެސް ގެންދާނީ ރާއްޖޭގެ މަޞްލަޙަތު އެންމެ އިސްކޮށްގެން.

ޢާމިރު ސަލީމް:

އެމް.އެމް.ޕީ.އާރު.ސީ.ގެ މައްސަލަތައް ބަލައި، އެކަމަށް އިންޞާފު ހޯދައިދިނުމުގައި ސަރުކާރު ފެއިލްތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ނޫން. އެއްގޮތަކަށްވެސް އެހެނެއްނުވޭ އަދި އިނގޭތޯ. އެމް.އެމް.ޕީ.އާރު.ސީ.ގެ މައްސަލަ ބެލުމަށްޓަކައި އެކުލަވައިލި ކޮމިޝަނުން އެ ކުރައްވަނީ ވަރަށްބޮޑު މަސައްކަތެއް ވަރަށްބުރަ މަސައްކަތެއް. އޭގެ މަސައްކަތް ފަށައިގަތީމާ އެނގިވަޑައިގަންނަވާނީ ތިޔަބޭފުޅުންނަށް. އެ ބައްލަވައިލެއްވީމާ. ދޭތެރެއަކުން މަހަކު އެއްފަހަރު އަޅުގަނޑަށް އޭގެ އަޕްޑޭޓް ލިބެމުންދޭ. ފުރަތަމަ އެބޭފުޅުން ކުރައްވަމުން ގެންދެވި ގޮތަކީ، މި ދައްކަނީ 37 ރަށާއި 12 ފަޅު ދޫކޮށްފައި އޮތްގޮތުގެ ވާހަކަ. އެކަން ކޮށްފައި އޮތީ ޤާނޫނާ އެއްގޮތަށްތޯ، ނޫންތޯ. ދެން އޭގެ ހަމަ އަގުގައިތޯ އެކަން ކޮށްފައި އޮތީ. ނޫނީވިއްޔާ ޤާނޫނީ އިމުން ބޭރުންތޯ، ނޫންތޯ. އެބައި އެ ބެއްލެވީ. ދެން އޭގެތެރެއިން މިހާރު މި ފެންނަން އޮތް 77 މިލިއަން ޑޮލަރު، ދައުލަތަށް ނުވަދެ، އަމިއްލަ އެކައުންޓްތަކަށް ވަދެފައި އޮތް ކަމަށް އެ ބެއްލެވީ. ދެން މި ބެލީ އެ ފައިސާ ލިބިފައި ހުރީ، އޭގެ މަންފާ ލިބިފައި ހުރީ ކޮންކޮން ފަރާތްތަކަކަށްތޯ. އެ މަސައްކަތަކީ ވަރަށްބުރަ މަސައްކަތެއް. މި ދެންނެވިހެން ފުރަތަމަ ބުރުގެ އެ ބައި ނިންމާފައި، ދެން އަދި އިންސްޓިޓިއުޝަންތަކާއި ބޭންކުގައި ހަރުދަނާކުރަންޖެހޭ ކަންތައްތަކުގެ ރިޕޯޓެއް އެބައޮތް އަޅުގަނޑަށް ލިބިފައި.

އެހެންވީމާ، ބޭންކް އޮފް މޯލްޑިވްސްވެސް އަދި ހުރިހާ ބޭންކްތަކެއްގައިވެސް ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އެބަގެންދޭ. އޭގެތެރޭގައި އޮތް، ނަހަމަ މުއްސަނދިކަން މީހުންނަށް ލިބިފައި ހުންނަގޮތް ބެލުމަށްޓަކައި ޤާނޫނެއް ހަދަންޖެހޭ ވާހަކަވެސް. މިހާރުވާނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި. މިހާރު ކޮމިޝަނުން ކުރައްވަމުން އެގެންދަވަނީ، ވަކިވަކި ފަރުދުންނަށް މީގެ ފައިދާ ލިބިފައި ހުރީ ކިހާވަރަކަށްތޯ، ދިން ފައިސާ ދީފައިހުރީ ކިހާވަރެއްތޯ. އެއީ ފަސޭހަކަމެއް ނޫން ބަލާކަށެއް. އެ ފައިސާ ހުންނާނެ، ބައެއް މީހުންގެ އެސެޓްސްއަށް ވެފައި. ހަމަ ނަޤުދު ފައިސާގެ ގޮތަކުނޫން ހުންނާނީ. އަނެއްބައި މީހުން ހުންނާނެ، އެފައިސާ ރާއްޖެއިން ބޭރަށް ގެންގޮސްފައިވެސް. މިހާތަނަށް މި ބެލި ބެލުމުގައި، އަޙްމަދު އަދީބް، އެއްބޭފުޅަކަށް މީގައި އެންމެ އިސްކޮށް މި އުޅުއްވީ، ފެނުނީ އަޅުގަނޑަށް. ޙުކުމް ކުރެވިފައި އެހުރީ. ދެން ރައީސް ޔާމީނުގެ މައްޗަށް ޙުކުމެއް އެބައޮތް. ދެން ޒިޔަތުގެ މައްޗަށް މިވަގުތު އެބައޮތް. އަޅުގަނޑުމެންނެއް ނޫން. ކުރީގެ ސަރުކާރުން ކޯޓަށް ހުށަހަޅައިގެން ޙުކުމެއް އައިސްފައި އެބައޮތް.

ދެން މިފަރާތްތަކާއެކު ކުރެވުނު ތަޙުޤީޤުގެ އަލީގައި އެބަހުރި ވަރަށްގިނަ މީސްމީހުންގެ ނަންތައް ދީފައި. އަޅުގަނޑު ހިތުން އެއީ 200، 300 މީހުންގެ ނަން އެބައޮތް. ތިމަންނާ މިވެނި މީހަކަށް މިހެން މިހެން ދިނީމޭ. އެކަމަކު އެ ހަމަ ލިސްޓު އެކީގައި އަޅުގަނޑުމެންނަކަށެއް ޕީ.ޖީ.އަކަށް ނޫނީ ޝަރީޢަތަކަށެއް ފޮނުވައެއްނުލެވޭނެ. އޭގެ ޙަޤީޤަތް އަޅުގަނޑުމެން ދެނެގަންނަންޖެހޭނެ. އެ ދައްކަނީ ރަނގަޅު ވާހަކައެއްތޯ. އަޙްމަދު އަދީބް، ނޫނީވިއްޔާ އައްލާމް ދޮގެއްތޯ. އަޅުގަނޑުމެން ކިޔަނީ މޮހޯ. މޮހޯ، ނޫނީވިއްޔާ ދެން އުޅެނީ މުޙައްމަދު ޙުސައިން، އޮއިއްޓޭ. މިކަހަލަ ފަރާތްތަކެއް މިއުޅެނީ އިސްކޮށް. ތިމަންނާ މިވެނި މީހަކަށް މިވެނި ލާރިއެއް މިވެނި ދުވަހަކު ދީފީމޭ. އެހެން ބުނެފައި އޮންނަ އެއްޗެއް އަދި އަޅުގަނޑުމެންނަކަށެއް ޕީ.ޖީ.އަކަށް ފޮނުވައެއްނުލެވޭނެ. އެހެންވީމާ، އެއީ ވެރިފައި ކުރަމުން، އެއީ އަޞްލު ހިނގާފައި އޮތް ކަމެއްތޯ ބަލައިގެން ކުރިއަށް މިގެންދަނީ. އޭގެތެރެއިން ފުރަތަމަ 30 ފަރާތެއް ނަގާފައި، އެ 18 އަށް ކުޑަކޮށްފައި، އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ، ކުރިއަށް މިއޮތް ހަފްތާއެއް، ދެ ހަފްތާއެއްގެ ތެރޭގައި 4 ފަރާތެއް ޕީ.ޖީ. އަށް ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ފޮނުވާނެ.

އަނެއްކާ ޢާމިރު، މީގައި އަޅުގަނޑުމެން ބަލަންޖެހޭނެ، މީގައި ކުށްނުކުރާ މީހާ ސަލާމަތް ކުރުންވެސް އެއީ ސަރުކާރުން ކުރަންޖެހޭނެ ކަމެއް. އަދި މީހަކު އެހެން ބުނެލާ ބުނެލުމަކަށް އަޅުގަނޑުމެން ނުވާނެ، މީހެއްގެ މައްޗަށް ވައްކަމުގެ، ނޫނީވިއްޔާ ރިޝްވަތުގެ، ކޮރަޕްޝަނުގެ ނަމެއް، ޓެގެއް އެޅުވިއްޖިއްޔާ، އެ ދެން މުޅި އުމުރަށް އެ އޮންނާނެ. އެކަން އަދި ޝަރީޢަތަށް ސާބިތުނުވިޔަސް. އެހެންވީމާ، މީހެއްގެ ނަމެއް އަޅުގަނޑުމެން ހާމަކުރަންވާނީ، އެ ޔަޤީންކަން އަޅުގަނޑުމެންނަށް ލިބުނީމާ.

ޢާމިރު ސަލީމް:

ތިޔައިން އެއްވެސް ލިސްޓެއްގައި މަނިކުފާނުގެ ނަން އޮންނާނެތޯ؟ އެއްވެސްވަރަކަށް އެމް.އެމް.ޕީ.އާރު.ސީ.ގެ ފައިސާއަށް މަނިކުފާނު އަތްލެއްވިންތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ނޫން. ނޫން. އަޅުގަނޑަކަށް ނުލިބޭ އިނގޭތޯ. ހަމަ އެއްވެސް ފައިސާއެއް ނުލިބޭ. އަޙްމަދު އަދީބާ އަޅުގަނޑާ ބައްދަލުވި އިނގޭތޯ. އެއީ ދެން އެނގިވަޑައިގަންނަވާނެ، އެއީ ކޮން ކަމެއްކަން، އަޅުގަނޑުމެން އޭރު ބައްދަލުކުރަންޖެހުނީ، އޮޕޮޒިޝަންގައި ތިބިއިރުގައި. އެކަމަކު ފައިސާގެ އެއްވެސް ވާހަކައެއް ދެކެވިފައެއްވެސް ނޯންނާނެ. އަދި އެއްވެސް ލާރިއެއްވެސް ލިބިފައެއް ނޯންނާނެ.

ޢާމިރު ސަލީމް:

ދެންމެވެސް ފާހަގަކުރައްވައިފި، ރައީސް ޔާމީން ހަމަ ތިޔަ ވިދާޅުވާ މައްސަލައިގެ ތެރެއިން، ޙުކުމެއްގައި މިހާރުވެސް ހުންނެވި ވާހަކަ. އެއްވެސް ޑީލެއްގެ ދަށުން ރައީސް ޔާމީން ދޫކޮށްލައްވަފާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ޙުކުމް ތަންފީޒުކުރާ ފަރާތްތަކާ ދޭތެރޭގައި، ވެރިޔަކަށް ހުންނަ މީހަކު ޢަމަލުކުރަންޖެހޭގޮތް އެބައޮތް، ޤާނޫނުގައި ލިޔެވިފައި. މިހާރު އޮންނަގޮތުން ވެއްޖިއްޔާ، ރައީސަކަށް ހުންނަ މީހަކަށް މަޢާފެއް ނުދެވޭ. ލުއިކޮށްދެވޭ. އަޅުގަނޑަށް އަދި އެހިސާބަށް ދެވޭނީ، ވެރިޔަކަށް، ރައީސަކަށް ހުންނަ މީހަކަށް އެހިސާބަށް ދެވޭނީ، ހުރިހާ މަރުޙަލާއެއް ނިމިގެން. ރައީސް ޔާމީނުގެ އެއް މައްސަލަ އަދި އެއުޅެނީ ހައިކޯޓުގައި. އަނެއް މައްސަލަ ދަށުކޯޓުގައި. އެހެންވީމާ، އަޅުގަނޑަށް ރައީސް ޔާމީނުގެ މައްސަލައާ ބެހޭގޮތުން ކަމެއް ކުރެވޭނީ، ސުޕްރީމް ކޯޓުން މި މައްސަލަ ވަކިގޮތަކަށް ނިމުނީމާ. އެހެންވީމާ، އޭގެ ބޭރުން އަޅުގަނޑަކަށް އޭގައި ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ. ބަންދެއްގައި ހުރި މީހަކު އެއްވެސް ޑީލެއްގެ ދަށުން ދޫކޮށްލުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން.

ޢާމިރު ސަލީމް:

ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމުގެ ވާހަކަ ވަރަށް ގިނައިން ދައްކާތީ އަޑުއިވޭ ދުވަސްވަރެއް އިނގޭތޯ. މި ވެރިކަން ނިމުމުގެ ކުރިން، ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުވެދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ފުރަތަމަ ކަމަކީ، މިއީ ރައްޔިތުން 5 އަހަރަށް އިންތިޚާބުކޮށްފައި އޮތް ވެރިކަމެއް. އެހެންވީމާ، ރައްޔިތުންގެ ނިންމުން، ރައްޔިތުން އެހެންގޮތަކަށް ބަދަލުނުކުރާހާ ހިނދަކު އޮންނަންވާނެ. ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއޭ އަޅުގަނޑު ހަނދާންވަނީ. [ރައްޔިތުންގެ ބާރު]އޭ ކިޔާ މާއްދާއެއް އޮންނާނެ. އޭގައި އޮންނާނެ، ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނޭ. އަދި ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިންނޭ. އެހެންވީމާ، އެއީކީއެއް އަޅުގަނޑަކަށް، ޢާމިރަކަށް ކުރެވޭނެ ކަމެއްނޫން. އެ ނިންމުން ނިންމާނީ ރައްޔިތުން. އަޅުގަނޑުގެ މިވަގުތުގެ ހުރިހާވެސް ވަގުތެއް ހޭދަކުރަމުން މިގެންދަނީ އަޅުގަނޑު ވެފައި އޮތް ވަޢުދުތައް ފުރިހަމަކުރުމަށްޓަކައި. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، އަދި ކަން ވާންޖެހޭނެވެސްގޮތަކީ، ރައްޔިތުންގެ އެ ނިންމުން އެ އޮތްގޮތަށް ދެމިއޮންނާނެ. އެއަށް ބަދަލެއް ގެންނަންޏާ ގެންނާނީ ރައްޔިތުން.

ޢާމިރު ސަލީމް:

ދެން އަނެއްހެން ހަމަ ވިދާޅުވާނެ އެއްޗެއް ގާތްގަނޑަކަށް ދެން އެނގޭ، އެކަހަލަ ސުވާލެއް އަޅުގަނޑު ކޮށްލަފާނަން އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ކޮންކަހަލަ ސުވާލެއްތޯ؟

ޢާމިރު ސަލީމް:

އެއީ އިތުރު ދައުރަކަށް ކުރިމަތިލެއްވުމުގެ ޝައުޤުވެރިކަން އެބަހުރިތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވެރިކަމަށް އަންނަ މީހަކު، ކުރިއަށް އޮތް ދައުރަށް ކުރިމަތިލާން ފުރަތަމަ ދުވަހު ނިންމާކަމަށްވަންޏާ، އެއީ ކުރާނެ އެންމެ ގޯސް ކަންތައް. އެއީ، ރައްޔިތުންނަށް ވެވޭނެ ވަރަށްބޮޑު ގޯސްކަމެއް. އަޅުގަނޑު ވެރިކަމަށް އައިސްފައި އަޅުގަނޑު ކުރަންޖެހޭނެ ކަމަކީ، އަޅުގަނޑުވީ ވަޢުދުތައް ފުއްދުމުގެ މަސައްކަތް ކުރުން. ދެން އޮންނަ ދައުރަކަށް ކުރިމަތިލާން ނިންމައިގެން މަސައްކަތް ކުރާކަމަށްވަންޏާ، އެ ވާނީ ވަރަށް ޚުދުމުޚްތާރު މީހަކަށް. އޭރުން ކުރާނީ އަޅުގަނޑު ބޭނުންގޮތަށް އަޅުގަނޑު ބޭނުންވާ ކަންތައް. އެހެންވީމާ، ރައްޔިތުންނަކަށް ނޫން އޭރުން ޚިދުމަތް ކުރެވޭނީކީ. މިހާރު ހެޔޮވެރިކަމެއް ކުރަން ބޭނުންކަމަށްވަންޏާ، އަޅުގަނޑު ކުރަންޖެހޭނީ، އަޅުގަނޑުވީ ވަޢުދުތައް ފުއްދުމުގެ މަސައްކަތް.

ޢާމިރު ސަލީމް:

ބައެއް ކަންކަމުގައި މަނިކުފާނަށް ވަރަށް އަވަހަށް ކީރިތިފުޅު ކުރެއްވޭތަން ފެނޭ. ދެން ބައެއް މީހުން އެކަން ފާހަގަވެސްކުރޭ. އެއީ ކީއްވެ ވާކަމެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ނޫން. އަޅުގަނޑަކީ އެހާ ފަސޭހައިން ރޯ މީހެއް ނޫން އިނގޭތޯ. އިމޯޝަންސް، އަޅުގަނޑަށް އެތެރޭގައި ހިފެހެއްޓޭ މިހާތަނަށްވެސް. އެއީ އަޅުގަނޑުގެ އިޙްސާސްތަކަކީ އަޅުގަނޑު އެހާބޮޑަށް ބޭރުކުރާ އެއްޗެއް ނޫން. އަދި ޚާއްޞަކޮށް، އަޅުގަނޑުގެ ޒާތީ ކަންތައްތަކުގައި އަޅުގަނޑަށް އެ އިޙްސާސްތައް ހިފެހެއްޓޭ. ހިފަހައްޓަން އަޅުގަނޑު.

އަޅުގަނޑު ހިތުން ޢާމިރު ތިޔަ އިޝާރާތް ކުރައްވަނީ، މާލޭގައި ކޯވިޑް ފެތުރުނު ދުވަހު، ފުރަތަމަ ކޭސްއާ ގުޅިގެން އަޅުގަނޑު ދިން ސްޕީޗްގެ ވާހަކަ ކަންނޭނގެ. އެއީ ދެން ހަމަ އަޅުގަނޑު ހިތަށްވެސްނާރާ އިނގޭތޯ. ލައިވްކޮށް ގެންދިޔަ ސްޕީޗެއް އެއީ. ކުއްލިއަކަށް ހަމަ އޮޓޮމެޓިކުން އައި އިމޯޝަނެއް އެއީ ހަމަ. އަޅުގަނޑު ވަރަށް މަސައްކަތް ކުރިން އެވެސް ހިފެހެއްޓޭތޯ. އެހެންނަމަވެސް، އެދުވަހު ދިޔައީ އެގޮތަށް. އެހެންނަމަވެސް، އަޅުގަނޑަކީ އެހާ ފަސޭހައިން ރޯ މީހެއް ނޫން.

ޢާމިރު ސަލީމް:

ހުވާކުރެއްވި ދުވަހު، ވެރިކަމަށް ފުރަތަމަ ހުވާކުރެއްވި ދުވަހު، އެ ދުވަހު ކީރިތިފުޅު ކުރެއްވުނުތޯ؟ ބައެއް ފަރާތްތަކުން ފާހަގަކުރި، އެކަހަލަ އިމޯޝަންސްއެއް ހުރި ވާހަކަ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ނޫން. އަޅުގަނޑު ވަރަށް ހަމަޖެހިގެން ހުރީ އިނގޭތޯ. އަޅުގަނޑުގެ އެކަހަލަ އެއްވެސް ކަމެއް ނެތް. ހަމައެކަނި އަޅުގަނޑު މި ދަންނަވާހެން، ދެން އަންނާނެ ހިތާމަވެރި ކަންތައް އިނގޭތޯ. ކޮންމެ މީހެއްގެވެސް ދިރިއުޅުމުގައި އަންނާނެ ދެރަވާ ވަގުތާ އެއްޗެހި. އެހެންނަމަވެސް، އެއީކީއެއް އަޅުގަނޑު ހާމަކުރާ ކަންތައްތަކެއް ނޫން ޕަބްލިކަށް. ހަމައެކަނި އެ ސްޕީޗްގައި އެދުވަހު އެކަނި.

ޢާމިރު ސަލީމް:

ތިޔަ ފާހަގަކުރެއްވިހެން ދެން ކޮންމެ މީހަކަށްވެސް ހަމަ ދިމާވާނެ ކަންކަން ދޮގެއްތޯ. އެކަމަކު މަނިކުފާނު ކޯފާވެފައި ހުންނަވާތަން ވަރަށް ނުފެނޭ. ޢާންމުކޮށް ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭބޭފުޅުން ހަމަ ކޯފާވެފައި ހުންނަވާތަން ފެނިފައި އެބަހުރި. ބައެއްފަހަރު ސްޕީޗް ދެއްވާއިރު. ބައެއްފަހަރު ޕްރެސް ދެއްވާއިރު، ވަރަށް ކޯފާވެގެން ވާހަކަފުޅު ދައްކަވާތަން. ރައީސް ޞާލިޙް އަޅުގަނޑުމެންނަށް ވަރަށް ނުފެނޭ އިނގޭތޯ. ކޯފާވިތޯ މިދިޔަ ދެ އަހަރުގެ ތެރޭގައި. އެވަރުގެ ކަމަކާ ދިމާވިތޯ، ވަރަށް ކޯފާވި ދުވަހަކާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ނޫން. ނާދޭ އިނގޭތޯ. އެހެނެއް ނޫން. އަޅުގަނޑަށް އުނދަގޫވާ، ހިތްހަމަނުޖެހޭ ކަންތައްތައް، ވެރިކަމުގެ ތެރޭގައި ދިމާވޭ. އެހެންނަމަވެސް، އަޅުގަނޑު ރުޅިއައިސްގެން ވަކިމީހަކާ ދިމާއަށް އެއްޗެއް ބުނެފައެއް، އަދި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި، ވެރިކަމުގެ ތެރެއަކުވެސް ނޯންނާނެ އިނގޭތޯ. އެހެންނަމަވެސް، ހިތްހަމަނުޖެހޭ ކަންތައްތައް އަންނާނެ. ބައެއްފަހަރު ހަމަ ތިޔަ ވިދާޅުވާހެން، ބައެއް ވެރިން އެ ކަންތައް ކުރައްވާހެން ހަމަ ބުނެލާ ކަހަލަ ވަގުތު އާދޭ. އެހެންނަމަވެސް، ހަމަ ދެވަނަފަހަރަށް ވިސްނާލާފައި، އަޅުގަނޑުގެ އެތެރޭގައި ބަހައްޓާފައި ހަމަ މަސައްކަތާއިގެން ކުރިއަށް ދަނީ.

ޢާމިރު ސަލީމް:

އެކަހަލަ ވަގުތެއް ދިމާނުވަނީކީ ނޫން ދޮގެއްތޯ. ވާހަކައަކީ ކޯފާ މަޑުކުރައްވާފައި، ދެން ވިސްނާލައްވަނީ ދޮގެއްތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ. ކޮންމެ މީހެއްގެވެސް ހުންނާނެ ނޫންތޯ. އެކަހަލަ ވަގުތު އަންނާނެ، ހިތްހަމަނުޖެހޭ ކަންތައްތައް ދިމާވީމާ.

ޢާމިރު ސަލީމް:

އަނބިކަނބަލުންނާއި މަނިކުފާނާ ދެބޭފުޅުންނަކީވެސް ވަރަށް ކަސްރަތުގެ ދެބޭފުޅުން. ވަރަށް ކުޅިވަރުގެ ދެބޭފުޅުން. މިހާރު ދެން ވަރަށް ބުރަކޮށް ތިޔަ އުޅުއްވަނީ. އަޅުގަނޑަށް ހީވަނީ މިހާރު ވަރަށް ވަގުތުވެސް ނުވާނެހެން ކަސްރަތު ކުރައްވަން. ކާކުތޯ ބޮޑަށް ފިޓްވާނީ؟ އަނބިކަނބަލުންތޯ، މަނިކުފާނުތޯ މިހާރު.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑަކަށް ނުވޭ އެހާ ވަގުތެއް އިނގޭތޯ. ދެން އަޅުގަނޑުގެ އަންހެނުން ފަޒޫ، މެރަތަންގައި މިހާރު އެ އުޅުއްވަނީ އިނގޭތޯ. އެއަށް ޓްރެއިން ކުރެއްވުމުގައި އަބަދުވެސް އެ އުޅުއްވަނީ. އެހެންވީމާ، ވަރަށްގިނަ ވަގުތު އެކަމުގައި ހޭދަކުރައްވާ. އެގޮތުން އަޅުގަނޑަށްވުރެ މާގިނައިރު މާދުރަށް ދުވާނެ. އެއީ ޔަޤީންކަމެއް އިނގޭތޯ. އަނެއްހެން ފިޓްނަސް ހިފެހެއްޓުމަށް އަޅުގަނޑުވެސް ކުރަން. ދެން އަޅުގަނޑަށް އެންމެ ގިނައިން މި ހޭދަކޮށްލެވެނީ ބައިގަޑިއިރު، ސާޅީސް ފަސް މިނިޓް، ވަގުތު އޮންނަގޮތުން. ޓައިމްކޮށްގެން ނޫނީ އަޅުގަނޑަކަށް މިހާރު ދުވާލެއްގެ ވަގުތުތަކެއް ހޭދައެއްނުކުރެވޭ. އެހެންޏާ އޮންނަނީ ޝެޑިއުލުން ނައްޓާލާފައި. އެހެންވީމާ، އެގޮތުން ފިޓްނަސް ހިފެހެއްޓުމަށް އަޅުގަނޑުވެސް މަސައްކަތް ކުރަން. އެހެންނަމަވެސް، މި ދަންނަވާހެން ދުވަން ނުކުމެއްޖިއްޔާ އަޅުގަނޑަށްވުރެ މާގިނައިރު ދުވާނެ ފަޒޫ. އަޅުގަނޑަކަށް މިހާރަކު ނުހިފެހެއްޓޭނެ އިނގޭތޯ.

ޢާމިރު ސަލީމް:

ކުރިންނަމަ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ކުރިންނަމަ ވާނެ އިނގޭތޯ. ފުރަތަމަ އަޅުގަނޑަށް ވަގުތު އޮވެގެން ކުރިއިރުގައި، ހަމަ މަސައްކަތް ކުރޭ. އަޅުގަނޑު ހިތުން އަދިވެސް ހަމަ ފިޓްނަސް ހިފެހެއްޓޭނެ އިނގޭތޯ.

ޢާމިރު ސަލީމް:

ބުރަކޮށް އުޅުއްވާފައި ދެން ސްޓްރެސް، ނޫނީވިއްޔާ ހާސްކަން ދުއްވާލަން އެކިމީހުން އެކި ކަންތައް ކުރޭ. މިހާރު ދެން އެއްވެސް ކަމެއް ކުރައްވަންތޯ، މުނިފޫހިފިލުވުމުގެ ގޮތުން.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވަރަށް ވަގުތުނުވޭ އިނގޭތޯ. ދުވާލުގެ ޕްރޮގްރާމްތައް ހުންނަ ގޮތުން. ހެނދުނު އެކީގައި މަސައްކަތް ކޮށްފައި، ރޭގަނޑުވެސް އޮވޭ އެކިއެކި މީޓިންގތަކާ އެއްޗެހި. އެހެންނަމަވެސް، ހުކުރު ދުވަސް އަޅުގަނޑު ހުސްކުރަން. ހަމަ ގާތްގަނޑަކަށް ގިނަވަގުތު ހަމަ ފޯނާވެސް ދުރުގައި. ވަރަށް މަދުން ނޫނީވިއްޔާ ފޯނެއްވެސް ނުނަގަން. ދެން އެދުވަހު އަޅުގަނޑު ހަމަ ޚާއްޞަކޮށް، ހެނދުނު ހުސްކުރަނީ ހަމަ ފޮތް ކިޔުމުގައި. އެއަށްފަހުގައި ދެން ޓީ.ވީ. ޢާމިރުގެ އެއް ޕްރޮގްރާމް އަޅުގަނޑު ބަލަން ފަށައިފިން ވަރަށްކުރިން. އެހެންވީމާ، އެ ވަގުތުވީވަރަކުން ހެނދުނުކޮޅު ބަލަން. މިދޭތެރެއަކުން، ކުރީގައި އެ ބެލިހެން ކޮންމެ ކޮންމެ ދުވަހަކު ނުބެލޭ. ބައެއް ދުވަހު ވާގޮތަކީ، ދޭތެރެއަކުން އަޅުގަނޑުގެ އެކްސަރސައިޒް ބަދަލުކޮށްލިން ހެނދުނަށް. ކޮށްލީމާ ވާގޮތަކީ ދިމާނުވަނީ. އެހެންވީމާ، ޢާމިރު އެބަޖެހޭ، ކޮންމެވެސް އެއްގޮތެއް މީގައި ހައްދަވަން. ތަންކޮޅެއް ފަސްކޮށްލުން. ކުރީގައި ތަންކޮޅެއް އަވަހަށް ނޫންތޯ ފަށްޓަވަނީ.

ޢާމިރު ސަލީމް:

ހަގަޑިބައިގައި. ކިހިނެއްތޯ، އަޅުގަނޑު އަވަސްކުރަންވީތޯ، ފަސްކުރަންވީތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ތިޔަ ޕްރޮގްރާމަކީ ވަރަށް ބޭނުންތެރި ޕްރޮގްރާމެއް އިނގޭތޯ. ތިޔަބޭފުޅުން ތިޔަ ދައްކަވާ ވާހަކަފުޅުތައް، ޤައުމުގައި އެއިރަކު ހުރި މައްސަލަތަކުގެ ވާހަކަ ދެއްކެވީމާ އެއީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު މަޢުލޫމާތަކަށްވޭ. އެހެންވީމާ، ކޮންމެވެސް ގޮތެއް އެބަ ހަދަންޖެހޭ މީގައި، މިކަން ބެލޭނެގޮތަށް. މިއަދުވެސް ބެލިން އަޅުގަނޑު އިނގޭތޯ. އިއްޔެވެސް ބެލިން.

ޢާމިރު ސަލީމް:

ވަރަށް ޕްރެޝަރުގައިތޯ، މިދިޔަ ދެ އަހަރު ތިޔަ ވެރިކަން ކުރެއްވީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ނޫން. ޕްރެޝަރަކު ނޫން އިނގޭތޯ. އެކަމަކު ފަސޭހަކަމެއް ނޫން ވެރިކަން ކުރުމަކީ. ހަމަ އުނދަގޫ. އެކަމަކު އަޅުގަނޑު ވިސްނައިގެން ނެތް ކަމެއް އިރާދަކުރެއްވިއްޔާ އަދި އަޅުގަނޑަކަށް ކުރިމައްޗެއްނުވޭ. އެންމެ ކަމެއް އިނގޭތޯ. އެންމެ ކަމެއް. އެއީ މި ކޯވިޑް-19ގެ މައްސަލަ. އެހެންނޫނީވިއްޔާ ހަމަ ސިޔާސީ ކަންތައްތަކުގައި އަޅުގަނޑަށް ކުރިމަތިވެދާނެ ކަމަށް އަޅުގަނޑުގެ ވިސްނުމުގައި ހުރި ކަންތައްތައް އަދި މިހާތަނަށްވީ. މިއަށްވުރެ އަޅުގަނޑަށް އުނދަގޫ، ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑު މަސައްކަތް ކުރިއިރު. މާ ޕްރެޝަރުގައި މަސައްކަތްކުރީ. އޭރު ފުރަތަމަ އަޅުގަނޑުމެންގެ ވެރިކަމުގައި، 2008 ގައި ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެން ތިބީ 27 މެންބަރުންނާއެކީ. އެއީ ކިރިޔާ ތްރީ ކުއަރޓަރސް އެކޮޅަށް. އިމްޕީޗް ކުރުމަށް ބޭނުންވަނީ އޭރު އެންމެ ވޯޓެއް، އަޅުގަނޑުމެންގެ ވެރިކަމުގައި އިދިކޮޅުގައި އޮތް. އެ ގަޑީގައި ސަރުކާރުން ހުށަހަޅާ ލެޖިސްލެޓިވް އެޖެންޑާ، ޤާނޫނުތައް ފާސްކުރުމާއި، ފޮނުވާ ނަންތައް ފާސްކުރުމަށް އަޣްލަބިއްޔަތު ހޯދުމަށްޓަކައި ކުރަންޖެހުނު މަސައްކަތް މިއަށްވުރެ މާބޮޑު. މާ ޕްރެޝަރ. ހިތަށްއަރާ އަޅުގަނޑަށް މިކަހަލަ ބޮޑު މެޖޯރިޓީއަކާ އެކީގައި ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކޮށްލަން ލިބުނުނަމައޭ އިނގޭތޯ. އެއީ ދެން ހަމަ މިހާރުވެސް ހިތަށްއަރާ ކަމެއް. ވަރަށްކޮށްލާހިތްވާ ކަމެއް.

މި ދަންނަވާހެން މިހާރު އަޅުގަނޑު ވެރިކަމުގައި މިހުރީކީއެއް، ތިޔަ ވިދާޅުވާހެން އެހާ ޕްރެޝަރަކު ނޫން.

ޢާމިރު ސަލީމް:

ވަރަށްގިނަ ވަގުތު ދެއްވައިފި އިނގޭތޯ. ގާތްގަނޑަކަށް ދެން ހަމަ ގަޑިއެއްހާއިރު ތިޔަ ހޭދަކުރެއްވީ އަޅުގަނޑުމެންގެ ޕްރޮގްރާމްގައި. ވަރަށް ބޮޑަށް ޝުކުރު ދަންނަވަން އިނގޭތޯ، ތިޔަހާ ގިނަ ވަގުތު ހޭދަކޮށްދެއްވައި ވަރަށްގިނަ ވާހަކަ އަޅުގަނޑުމެންނާ ޙިއްޞާކޮށްދެއްވީތީ.

ޖުމްހޫރީ ދުވަސްވީމައާ އެއްކޮށް، ދެން އަދި އަޅުގަނޑުމެންގެ ޕްރޮގްރާމަށް ވަޑައިގެން ހަމަ ލައިވްކޮށް ރައްޔިތުންނާ ބައްދަލުކޮށްލެއްވީތީ، އެބައޮތްތޯ ފާހަގަކޮށްލައްވާނެ ކަމެއް، ނޫނީ ދެއްވާނެ މެސެޖެއް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އެނގިވަޑައިގަންނަވާނެ، ޤައުމު މިއަދު މިއޮތީ ވަރަށްދަތި ޙާލަތުގައި އިޤްތިޞާދީ ގޮތުން. ކޯވިޑް-19އާ ގުޅިގެން، އަޅުގަނޑުމެން ހީނުކުރާވަރުގެ ދަތި އުނދަގުލަށް އިޤްތިޞާދު ވެއްޓިގެން ހިނގައްޖެ. އަދި ކުރިއަށް މިއޮތް ތަނުގައިވެސް ދުވަސްތަކެއް އޭގައި ނަގާނެ. ހަމައެކަނި މިއިން ސަލާމަތްވެވެން އަންނަނީ، ކޯވިޑް ރަނގަޅުވެ، އިޤްތިޞާދު ރަނގަޅަށް ހިނގައިގަނެގެން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓޫރިޒަމް މިހާރު އެދަނީ ރަނގަޅު މިޞްރާބަށް. މިވަގުތު 15 އެއަރލައިނަކުން ރާއްޖެއަށް ފްލައިޓް އެބަ ޖައްސާ. އަދި ކުރިއަށް އޮތް އެއްމަސް ދުވަހުގެ ތެރޭގައި އިތުރު 11 އެއަރލައިނެއް އެބަ ފަށާ. އެހެންވީމާ، އޭގެ ސަބަބުން ޓޫރިޒަމަށް ރަނގަޅު ބަދަލުތަކެއް އަންނާނެ.

އެހެންވީމާ، ކޯވިޑުން ސަލާމަތްވުމަށްޓަކައި އެޗް.ޕީ.އޭ. އިން ނެރުއްވާފައި ހުރި ގައިޑްލައިންތަކާ އެއްގޮތަށް ރައްޔިތުން މަސައްކަތް ކުރުން އެއީ، އަޅުގަނޑުގެ މިއަދުގެ އެންމެބޮޑު އެދުމަކީ. އެނގިވަޑައިގަންނަވާނެ، ފުރަތަމަ ބުރުގައި އަޅުގަނޑުމެން ކޮންޓްރޯލްކޮށްގެން ލޮކްޑައުންއަކަށް ގޮސް، ޖުލައި 15 ގައި އަޅުގަނޑުމެން ދޫކޮށްލީ. ދޫކޮށްލީމާ ވަރަށްބޮޑަށް ފެތުރިގެންދިޔަ. އެކަން ދިމާވީ، ބައެއް ފަރާތްތަކުން މާބޮޑަށް ފަސޭހަކޮށް އެ ނަގާ، ކުރިއަށް ގެންދިޔައިމާ.

މިވަގުތު ދުނިޔޭގައި ކޯވިޑް ކޮންޓްރޯލް ކުރެވިފައި އޮތް މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ އެބަ ހިމެނޭ. އެހެންވީމާ، މި ލިބުނު ރަނގަޅާ އެކީގައި އަޅުގަނޑުމެން ފަސޭހަކޮށްނުލާންވީ އަދިވެސް އިނގޭތޯ. އަދިވެސް ހަމަ މާސްކް އަޅުއްވަންވީ. އަތް ދޮންނަންވީ. އެންމެން އެއްތަނަކަށް އެއްނުވާންވީ. އިރާދަކުރެއްވިއްޔާ، މިއިން އަރައިގަނެވި، ޢާންމު ދިރިއުޅުމަށް ދެވޭތަން އަޅުގަނޑަށް އެބަ ފެނޭ. އެކަމަކު މި މަސައްކަތް މިގޮތަށް ހުރިހާ ރައްޔިތުންގެ ފަރާތުން ފެނިގެން މިކަން ވާނީ.

ދެން އޮތް ކަމަކީ، ތިޔަބޭފުޅުންނަށް އިނގޭތޯ، ނޫސްވެރިންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ އެއްކަންތައް.

އަޅުގަނޑުމެން ވެރިކަމަށް އައިއިރުގައި، ރައްޔިތުންގެ ވަރަށްގިނަ ޙައްޤުތަކެއް ހިފަހައްޓާފައިވޭ. އަޅުގަނޑު އެންމެ ފުރަތަމަ ދުވަހުވެސް ކުރި ކަމަކީ، ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ދޫކޮށްލުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ޑިމޮކްރެޓިކް ވެރިކަމެއް، ޖުމްހޫރީ ވެރިކަމެއް ހިންގުމަށްޓަކައި އެއީ ކުރަންޖެހޭ ކަމެއް. އެހެންނަމަވެސް، މި ދޫކޮށްލެވުނު މިނިވަންކަމުގެ ތެރޭގައި، ނޫސްވެރިންނަށް ޤައުމު ގެންދެވިދާނެ ކޮންމެ ދިމާއަކަށްވެސް. ކޮންމެ މިޞްރާބަކަށްވެސް. ހަލަބޮލި، ހަމަނުޖެހޭ ތަނަކަށްވެސް މި ޤައުމު ހަދާލެވިދާނެ. ހަމަ ޞުލްޙަވެރި، އަމާން ތަނެއްގެ ގޮތުގައިވެސް ރާއްޖެ ބޭއްވިދާނެ. ތިޔަބޭފުޅުންނަކީ ވަރަށް ބާރުގަދަ ބާރެއް އިނގޭތޯ. ވަރަށް ވަރަށް ބާރުގަދަ ބާރެއް. މިކަހަލަ މިނިވަން ކަމެއްގެ ތެރޭގައި ހަމަ ކޮންމެ ކަމެއްވެސް ކުރެވިދާނެ.

އެހެންވީމާ، ދޮގު ޚަބަރުތައް ނުފަތުރަންވީ. އެހެން ދެކެވޭ ވާހަކަ، ޔޯލަ ޔޯލަ ވާހަކަތަކުގެ މައްޗަށް ޚަބަރުތައް ގެނެސްނުދީ، ޙަޤީޤަތް ހާމަކޮށްދެއްވާށޭ އަޅުގަނޑު ދަންނަވާނީ. އޭރުން މި ޤައުމު ދާނީ ހަމަ ރަނގަޅު ދިމާއަށް.

ދެން އަދިވެސް އެއްފަހަރު، އަޅުގަނޑަށް މި ފުރުޞަތު ދެއްވީތީ، ރާއްޖެ ޓީ.ވީ.ގެ ހުރިހާ ބޭފުޅުންނަށް، ޢާމިރަށް ޝުކުރުވެސް ދަންނަވަން. އަދި ޖުމްހޫރީ ދުވަހުގެ ހެޔޮއެދުންތައް، 53 ވަނަ ޖުމްހޫރީ ދުވަހުގެ ހެޔޮއެދުންތައް ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ފޮނުވަން.

ޢާމިރު ސަލީމް:

އާދެ. ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ ރައީސް.

ދެން އަޅުގަނޑުމެންގެ ޕްރޮގްރާމް މި ނިންމާލާނީ. ނިންމާލާފައި ވަކިވެލަނީ. އިރާދަކުރެއްވިއްޔާ މާދަމާވެސް "ފަށާއިރު"ގެ މުޅިން އާ ޕްރޮގްރާމަކާއެކު ބައްދަލުކޮށްލާނަން. އެންމެ ބޭފުޅުންނަށްވެސް ބާއްޖަވެރި، ރައްކާތެރި ދުވަހަކަށް އެދެން. ޝޯ ބެއްލެވީތީ ޝުކުރިއްޔާ.

وَالسَّلَامُ عَلَيْكُمْ.