ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޤައުމީ އިނާމާބެހޭ ކޮމިޓީ މިއަދު އިފްތިތާޙު ކުރައްވައިފިއެވެ. މިކޮމިޓީ އިފްތިތާޙުކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮމިޓީއަކީ ވަރަށް މިނިވަން ކޮމިޓީއެއް ކަމަށާއި، ކޮމިޓީން ނިންމަވާ ނިންމެވުމަކަށް ސަރުކާރުން ބަދަލެއް ނުގެންނަވާނެ ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުން މިކަމުގެ ތެރެއަށް ވެދެވަޑައިނުގަންނަވާނެ ކަމަށާއި، އެއީ ސަރުކާރު ހިންގެވުމަށްވެސް މާ ފަސޭހަފުޅު ކަމަކަށްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެކި ރޮނގު ރޮނގުން ރާއްޖެއަށް ޚިދްމަތް ކުރައްވާ ވަރަށްގިނަ ދުވަސްވީ އެކި ޢުމުރުގެ ބޭފުޅުން އެބަ ތިއްބެވިކަން ފާހަގަކުރެއްވިއެވެ. އަދި އިނާމަށް ހުށަހެޅޭ މީހުން ހޮއްވެވުމުގައި ވަކި ފަރާތަކަށް ޖެހިވަޑައިނުގެން މަސައްކަތް ކޮށްދެއްވުމަށް ކޮމިޓީގެ ބޭފުޅުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ޤައުމީ އިނާމު ކޮމިޓީ ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ އިއްޔެއެވެ. މިކޮމިޓީގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، މިނިސްޓަރ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަން މަޙްމޫދު ރާޒީއެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ހެންވޭރު ސުނާރު ސިއްކަގޭ މުޙަންމަދު ނަސީމާއި، މައްޗަންގޮޅި ފިއަވަނި އަޙްމަދު ޢަލިމަނިކާއި، މާފަންނު ކެލްވީނިއާ މުޙަންމަދު ނަޒީރާއި، ފާދިއްޕޮޅު ހިންނަވަރު ނޫރާނީއާގޭ ޢާއިޝަތު މުޙަންމަދު ޞާލިޙާއި، މައްޗަންގޮޅީ ދަގަނޑުކެނޑިގޭ ފާޠިމަތު ޢާފިޔާއާއި، ގަލޮޅު ވަކަރު އާމިނަތު ޝަފާނާއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރާއި، އަންޑަރ ސެކްރެޓަރީ ޙުސައިން ޢާމިރެވެ.