ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހަށް 4 ބިލެއް ހުށަހަޅުއްވައިފިއެވެ. މި ހުށަހެޅުއްވި 4 ބިލަކީ، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބިލާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބިލާއި، ގޭންގު ކުށްތައް މަނާކުރުމާބެހޭ ބިލާއި، އާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ބިލެވެ.

މި ބިލުތަކުގެ ތެރެއިން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބިލަކީ، ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ކުރުން ކޮންޓްރޯލްކޮށް، ދުންފަތުގެ ބާވަތްތައް އިމްޕޯޓް އަދި އެކްސްޕޯޓް ކުރެވޭ ގޮތްތަކާއި، ގަނޑުކޮށް އަދި ވަކިވަކިން ވިއްކޭ ގޮތްތަކާއި، ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ބަންދުކުރުމާއި ލޭބަލް ޖަހާނެ ގޮތްތަކާއި، ދުންފަތް އިޝްތިހާރު ކުރުން މަނާކޮށް އަދި ދުންފަތް ބޭނުންކުރުމުންޖެހޭ ބަލިތަކުން ރައްކައުތެރި ކުރުމާބެހޭ އުޞޫލުތައް ކަނޑައަޅާ ޤާނޫނެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބިލަކީ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާ ބެހޭގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމާއި، އެފަދަ މީހުންގެ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ޙިމާޔަތް ކުރުމާއި، އެފަދަ މީހުންނަށް ލިބިދޭންޖެހޭ ޚާއްޞަ ރައްކާތެރިކަމާއި، ޞިއްޙީ، ތަޢްލީމީ، މަދަނީ، ފަރުދީ އަދި އެހެނިހެން ޙައްޤުތައް އެއްވެސް ތަފާތު ކުރުމެއްނެތި ލިއްބައިދިނުމުގައި ގެންގުޅެންޖެހޭ އުޞޫލުތަކާއި ހަމަތައް ކަނޑައަޅައި ބަޔާންކުރުމުގެ ޤާނޫނެވެ.

ގޭންގު ކުށްތައް މަނާކުރުމާބެހޭ ބިލަކީ، ދިވެހިރާއްޖޭގައި ގޭންގު ހަދައިގެންނާއި އެކިއެކި ޖަމާޢަތް ހަދައިގެން ކުށް ކުރުން މަނާކުރުމާއި، އެ ކުށްތަކަށް އަދަބު ކަނޑައެޅުމަށް ހަދާފައިވާ ޤާނޫނެކެވެ.
ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ބިލަކީ، މުޖްތަމަޢުގައި ހިމެނޭ ބައެއް ފަރުދުންގެ ޢަމަލުތަކުގެ ސަބަބުން އުފެދޭ ބިރުވެރިކަމާއި ހާސްކަމާއި ނުތަނަވަސްކަމުން މުޖްތަމަޢުގެ އެހެން ފަރުދުންނާއި މުޅި މުޖްތަމަޢު ސަލާމަތްކޮށްދިނުމުގެ ގޮތުން، ވަކި ބާވަތްތަކެއްގެ ޢަމަލުތަކަކީ ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތަކެއް ކަމުގައި ކަނޑައަޅައި، އެފަދަ ޢަމަލުތައް ކުރާ މީހުން އެފަދަ ޢަމަލުތައް ކުރުން ހުއްޓުވުމުގެ ގޮތުން އެޅޭނެ ފިޔަވަޅުތައް ކަނޑައަޅައި ބަޔާންކުރުމުގެ ޤާނޫނެވެ.