"ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީ" އިން އިޢުލާނު ކުރައްވާފައިވާ "ހިޔާ" މަޝްރޫޢުގެ ހަތަރު ކެޓެގަރީގެ ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުގެ މުއްދަތު ހަމަވުމާއި ގުޅިގެން، އެ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ޝަކުވާތައް ބަލައި، އެ ޝަކުވާތަކަށް ޖަވާބު ދިނުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށް އެ ކޮމިޓީން މިއަދު ހާމަކުރައްވައިފިއެވެ. "ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓްތައް ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔަގޮތް މުރާޖަޢާ ކުރެއްވުމަށްފަހު ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން H08, H05, H04 އަދި H10 ކެޓެގަރީގެ ވަގުތީ ލިސްޓުތައް ނެރުއްވާފައިވަނީ 2020 އޮގަސްޓު 24 ވީ ހޯމަ ދުވަހުއެވެ.

މި ކެޓެގަރީތަކުގެ ވަގުތީ ލިސްޓުތަކުގައި ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައްވާފައި ވަނީ 2020 ސެޕްޓެންބަރު 14 ވީ ހޯމަ ދުވަހުގެ 15:00 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއަށް ޖުމްލަ 3,068 ޝަކުވާ ހުށަހަޅާފައިވެއެވެ.

މީގެތެރޭގައި ހިމެނެނީ ލިބިފައިވާ ޕޮއިންޓާއި މެދު ހުށަހަޅާފައިވާ 2,430 ޝަކުވާއަކާއި، އެހެން ފަރާތަކަށް ލިބިފައިވާ ޕޮއިންޓާއި މެދު ހުށަހަޅާފައިވާ 140 ޝަކުވާއަކާއި، ފޯމު ހުށަހެޅުމަށް ޝަރުތު ހަމަނުވާ ލިސްޓުގައި ހިމެނިގެން ހުށަހަޅާފައިވާ 57 ޝަކުވާއަކާއި، "އިތުރު ކޮމެންޓްސް" ގެ ގޮތުގައި ދީފައިވާ މަޢުލޫމާތާއި ގުޅިގެން ހުށަހަޅާފައިވާ 85 ޝަކުވާއަކާއި، މަޢުލޫމާތުގައި ކުށެއް އޮވެގެން ހުށަހަޅާފައިވާ 78 ޝަކުވާއެއްގެ އިތުރުން އެހެނިހެން ކަންކަމާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ 278 ޝަކުވާއެކެވެ.

މިހާރު އިޢުލާނު ކުރައްވާފައިވާ "ހިޔާ" މަޝްރޫޢުގެ ހަތަރު ކެޓެގަރީގެ ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމަށް ހުޅުވައިލައްވާފައިވަނީ އެކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލްއެއް މެދުވެރިކޮށެވެ. ޝަކުވާ ހުށަހެޅުގެ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ޝަކުވާތައް ބަލައި، އެ ޝަކުވާތަކަށް ޖަވާބު ދިނުމުގެ މަސައްކަތް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން މިހާރު ފަށްޓަވާފައިވާއިރު، އެ ކެޓެގަރީތަކުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ދާއިމީ ލިސްޓުތައް އެކުލަވައިލެއްވުމުގައި އެ ޝަކުވާތަކަށް ރިޢާޔަތްކުރައްވާނެކަމަށް ވެސް އެ ކޮމިޓީން ހާމަކުރައްވައެވެ.