"ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން ދިރާސާކޮށް ނިމިފައިވާ ކެޓެގަރީތަކުގެ ވަގުތީ ލިސްޓުތައް އިޢުލާނުކުރައްވަން ފައްޓަވައިފިއެވެ. މިގޮތުން، މިއަދު ގެޒެޓުގައި ޝާއިޢުކުރައްވާފައި ވަނީ ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން މިހާތަނަށް ދިރާސާކޮށް ނިމިފައިވާ ހަތަރު ކެޓެގަރީ ކަމުގައިވާ H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ)، H5 (ޓީޗަރުންނަށް ޚާއްޞަ)، H8 (މާލޭ ރަށްވެހިންނަށް ޚާއްޞަ)، އަދި H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޢާއިލާތަކަށް ޚާއްޞަ) ކެޓެގަރީގެ ދަށުން ފްލެޓްތަކަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް މާކުސް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓުތަކެވެ.

މިއަދު އިޢުލާނުކުރެއްވި ކެޓެގަރީތަކުގެ ދަށުން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަކަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކާއި، ޝަރުތުހަމަނުވާ ފަރާތްތައް ޝަރުތުހަމަނުވާކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއި، ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައިނުވާ ފަރާތްތައް ވެސް ސަބަބާއެކު ވަގުތީ ލިސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން ވަނީ "ހިޔާ މަޝްރޫޢު" ގެ H8, H5, H4 އަދި H10 ކެޓަގަރީތަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 24 އޮގަސްޓު 2020 އިން ފެށިގެން 14 ސެޕްޓެންބަރު 2020 ގެ 15:00 ނިޔަލަށް ހުޅުވާލައްވާފައެވެ. މިގޮތުން https://hcp.presidency.gov.mv/ މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުމަށް ގެޒެޓުގައިވެއެވެ.