މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވައިލައްވައި، ޤައުމީ އިނާމާބެހޭ ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފިއެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، މި މަހުގެ 7 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މި އަހަރު ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، އެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާފައިވަނީ، އިނާމަށް މި އަހަރު އިޢުލާނު ކުރެއްވުމަށެވެ. އަދި ކޯވިޑުގެ ޙާލަތު އެވަގުތަކު އޮތް ގޮތެއްގެ މައްޗަށް ބައްލަވައި، މުނާސަބަތު ފާހަގަކުރެވޭ ގޮތަށް ޙާލަތު ބަދަލުވެއްޖެނަމަ، ޤައުމީ ދުވަހުގެ ޖަލްސާއާއި، ޖުމްހޫރީ ދުވަހުގެ ޖަލްސާ ބޭއްވެވުމަށާއި، ޖަލްސާ ބޭއްވޭނެގޮތް ނުވެއްޖެނަމަ، އެވަގުތުގެ ޙާލަތަށް ރިޢާޔަތް ކުރައްވައިގެން އިނާމު ދެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ލަފާއަރުވާފައެވެ.

ޤައުމީ އިނާމު މިއަހަރުވެސް ދެއްވާނީ، މައިގަނޑު 33 ދާއިރާއަކުންނެވެ. މި ދާއިރާތަކާއި، މި ދާއިރާތަކުގެ ރޮނގުތަކާ ގުޅޭގޮތުން ސަރުކާރުގެ މިނިސްޓްރީތަކާއި، އެހެނިހެން މުއައްސަސާތަކުގެ ޚިޔާލު މި އަހަރުވެސް ހޯއްދަވައި، ގެންނަވަންޖެހޭ ބަދަލުތައް ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ގެންނަވާފައެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަވާފައެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސަވާފައެވެ. ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅުއްވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. އަދި ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ޤައުމީ އިނާމަށް ނަން ހުށަހަޅާނީވެސް، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ.

ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު ފޮނުވުމުގެ އެންމެފަހު މުއްދަތަކީ، އަންނަ އޮގަސްޓު މަހުގެ 13ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 2:00 އެވެ. މި އަހަރު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އޮގަސްޓު މަހުގެ 4ވާ އަންގާރަ ދުވަހުން ފެށިގެން އޮގަސްޓު 13ވާ ބުރާސްފަތި ދުވަހާ ދެމެދު ކޮންމެ ދުވަހަކުވެސް ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދުއެވެ. ފޯމު ފޮނުއްވަންޖެހެނީ، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރައްވާނެއެވެ. އަދި އެއޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. ވެބްސައިޓް އެޑްރެހަކީ www.presidencymaldives.gov.mv އެވެ.

ޤައުމީ އިނާމާބެހޭ މަޢުލޫމާތު ދެއްވައި، ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި، ޚާއްޞަ ޕްރޮގްރާމްތަކެއް މިއަހަރުވެސް ކުރިއަށް ގެންދެވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމަވާފައެވެ.