މިދިޔަ ޖޫން މަހުގެ 29 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 12 ވަނަ ޖަލްސާއިން ފާސްކުރެއްވި، ޤާނޫނު ނަންބަރު 2016/12 ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ.

‏ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެސްފައިވާ މި އިޞްލާޙާއެކު އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ޚާއްޞަ ޙާލަތްތަކުގައި ޝަރީޢަތް ހިންގުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިދީފައިވެއެވެ.

މިގޮތުން، ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ބާރު ލިބިގެން އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތެއް ނުވަތަ ކާރިސާގެ ޙާލަތެއްގެ ސަބަބުން ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވުމުގައި ރައްކާތެރިކަމެއް ނެތުން؛ ޖޯގުރަފީ ގޮތުން ރަށްތަކާއި ސަރަޙައްދުތައް އެތުރިފައިވާ ގޮތުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް، މޫސުމީ ގޮތުންނާއި ޚަރަދުގެ ގޮތުންނާއި ނުވަތަ ޖިނާއީ ޢަދުލުގެ ނިޒާމު ހިންގުމުގެ އިންތިޒާމުތައް އެ ރަށެއްގައި ނުވަތަ އެ ސަރަޙައްދެއްގައި ޤާއިމުކުރެވިފައިވާ ގޮތްތަކަށް އެ ވަގުތަކު އޮތް ހުރަސްތަކާއި ގޮންޖެހުންތަކަށް ރިޢާޔަތްކުރުމާއެކު، އަދި ހުށަހެޅިފައިވާ މައްސަލައެއް ނިންމުމަށް ލަސްވުން މެދުވެރިވެ، ޢަދުލު އިންޞާފު ޤާއިމުކުރުމަށް ބުރޫއަރާފާނެ ޙާލަތްތަކަކީ ޚާއްޞަ ޙާލަތްތަކެއްކަމަށް ފަނޑިޔާރަށް ކަނޑައެޅިދާނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް މިގޮތަށް ޝަރީޢަތްތައް ކުރިއަށް ގެންދެވޭނީ އެގޮތަށް އެކަން ކުރުމަށް ކުށުގެ ތުހުމަތުގައިވާ ފަރާތް ނުވަތަ ދަޢުވާ ލިބޭ ފަރާތް އިޢުތިރާޟު ނުކުރާނަމައެވެ.

އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށްގެންދާ ޝަރީޢަތްތަކުގެ މަޖިލިސްތަކުގެ ރެކޯޑިންގ، އެ މައްސަލައެއް ނިމޭ ތާރީޚުން ފެށިގެން 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ރައްކާތެރިކޮށް ބަލަހައްޓަންޖެހޭގޮތަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ތިރީސްވަނަ ބާބުގެ ކުރިއަށް ކުއްލި ނުރައްކަލުގެ ޙާލަތެއްގައި ނުވަތަ ކާރިސާއެއްގައި ޚާއްޞަ އުސޫލުތައް ހިނގުމާ ބެހޭ ބާބެއް އިތުރުކޮށް މި ބިލުގައި ހިމަނާފައިވެއެވެ.

މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.