ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ފުވައްމުލަކު މަގު ހެދެމުގެ މަޝްރޫޢާއި ނަރުދަމާ މަޝްރޫޢާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

އޮންލައިންކޮށް މިއަދު މެންދުރުފަހު ބޭއްވެވި މިބައްދަލުވުމުގައި  ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ދެ މަޝްރޫޢުގެ މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތުތައް އޮޅުންފިލުއްވާފައެވެ.

ފުވައްމުލައް ސިޓީގެ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި، އެ ސިޓީގެ މޭޔަރާއި މަގު ހެދުމުގެ ޕްރޮޖެކްޓްގައި ހިމެނޭ އިސްފަރާތްތަކުން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި އެބޭފުޅުން ވަނީ މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ހުރި ގޮންޖެހުންތަކާއި، އެކަންތައްތައް ހައްލުކުރުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ވަނީ މި މަޝްރޫޢު ކުރިއަށްގެންދާ ގޮތުގެ ޕްލޭންގެ ޕްރެޒެންޓޭޝަނެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި މަޝްރޫޢުތައް ހިންގުމުގައި ރައްޔިތުންނަށް ވީހާވެސް އަވަހަށް ފަސޭހަވެގެންދާނެފަދަ ގޮތަކަށް ކުރިއަށްގެންދިއުމަށް ބައްދަލުވުމުގެ ބައިވެރިންގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި މި މަޝްރޫޢުގައި ކުރިއަށްގެންދާއިރު ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްތައް ކުރިޔަށްގެންދެވޭ ގޮތަށް ކަންކަން އިންތިޒާމުކޮށްދެއްވުމަށް މި ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.