ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރިޕަބްލިކް އޮފް އަޔަރލޭންޑްގެ ބޮޑުވަޒީރު، ލިއޯ ވަރަޑްކާ އާއި ކޯވިޑް-19ގެ ޙަލާތާއި މިބަލިން އަރައިގަތުމަށް ގެންގުޅުއްވާ ދުރު ރާސްތާ ޕްލޭނާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ފޯނުން ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކޯވިޑް-19ގެ ރާއްޖޭގެ ޙާލަތު ބޮޑުވަޒީރާ ޙިއްޞާކުރެއްވިއެވެ. އެގޮތުން މިމަހުގެ 2 ވަނަ ދުވަހާއި ހަމައަށް 1841 މީހަކަށް ރާއްޖޭގައި މި ބަލި ޖެހި، ޖުމްލަ 7 މީހަކު މި ބަލީގައި ނިޔާވެފައިވާކަމާއި އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެ ސަރަޙައްދު ލޮކްޑައުންކޮށް އެހެން ސަރަޙައްދުތަކުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ ބަލިން ފަސޭހަވާ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ނިޞްބަތްވެސް މަދުވަމުން އަންނާތީ، ދެން ކުރިޔަށް އޮތް މަރުޙަލާތަކުގައި އެންމެ އިސްކަންދެއްވައިގެން ކުރިޔަށްގެންދިއުމަށް ރާއްވަވާފައިވާ ގޮތްތަކާ ގުޅޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ދެން އޮތް މަރުޙަލާތަކުގައި އޮތީ އިޤްތިޞާދީ ޙަރަކާތްތަކަށް ހުޅުވާލުމާއި، ބޯޑަރު އަލުން ހުޅުވާލުމާއި، ފަތުރުވެރިކަމުގެ ސިނާޢަތް އަލުން ހުޅުވާލައި މި ބަލީގެ މައްޗަށް ކާމިޔާބު ހޯދައި ކުރިޔަށްދިއުން ކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެފަދަ ކުޑަ ޖަޒީރާ ޤައުމަކުން މިބަލިން އަރައިގަނެ ކުރިޔަށްދާން މަސައްކަތްކުރާއިރު، ޚާއްޞަކޮށް ދަރަނި މަޢާފުކޮށްދިނުންފަދަ ކަންކަމަކީ މި ބަލިން އަރައިގަތުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ލުޔެއް ލިބިގެންދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.

ފޯނުން ގުޅުއްވައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ. އެގޮތުން ވިޔަފާރިއާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން ކައުންޓަރ ޓެރަރިޒަމް ފަދަ ދާއިރާތަކުން ދެޤައުމުން އެއްބާރުލުން އިތުރުކޮށް ގުޅުންބަދަހި ކުރުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ފޯނުކޯލް ނިންމަވާލައްވަމުން ދެބޭފުޅުން ވެސް ވަނީ ބައިނަލްއަޤްވަމީ ގޮތުން އެއްޤައުމުން އަނެއް ޤައުމަށް އެހީތެރިވުމާއި އެއްބާރުލުންދިނުމާއި ކޯވިޑް-19 އިން އަރައިގަތުމަށް ކުރަމުންގެންދާ މަސައްކަތްތަކުގައި ކާމިޔާބީ އެދިވަޑައިގެންނެވުމުގެ އިތުރުން ކުރިޔަށް އޮތްތަނުގައި ވެސް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް އެދިވަޑައިގަންނަވާފައެވެ.
ރިޕަބްލިކް އޮފް އަޔަރލޭންޑާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ މީގެ 21 އަހަރު ކުރިން 7 ޑިސެންބަރ 1999ގައެވެ.