ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ ފުރަތަމަ ފޭސްގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން އަޅުއްވަން ނިންމަވައި، މިހާރު އިޢުލާނުކުރައްވާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، އެ ފިޔަވަޅުތަކަށް ސަމާލުކަން ދެއްވައިގެން ހުރިހާ އިދާރާތަކުންވެސް ކަންކަން ކުރައްވަމުންގެންދެވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ކޮންމެހެން ދެއްވަންޖެހޭ ޚިދުމަތްތައްވެސް ކުރިއެކޭ އެއްގޮތަށް ދެއްވުމަށްޓަކައި، އިތުރަށް ކުރައްވަންހުރި ކަންކަމާ ބެހޭގޮތުންވެސް މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަފުޅުދެއްކެވިއެވެ.