ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ މިހާރުގެ ހާލަތާއި ބެހޭގޮތުން އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ރިޓަޔަރޑް އޮނަރަބަލް ޑޮމިނިކް ރާބް އާ ފޯނު މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ. މިއަދު މެންދުރު ކުރެއްވެވި މި ފޯނުކޯލުގައި ދެ ބޭފުޅުންވެސް ވަނީ މި ނުރައްކާތެރި ބަލިމަޑުކަމާއި ގުޅިގެން ދެ ޤައުމުގައިވެސް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އަޅަމުންދާ ފިޔަވަޅުތަކާއި ޢަމަލުކުރަމުން ގެންދާގޮތުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މާރިޗު 4 ވަނަ ދުވަހު ރާއްޖޭގައި ކޯވިޑް-19 ގެ ބަލިމަޑުކަން އަލަށް ފެނުނުފަހުން، މަހަކަށްވުރެ ގިނަ ދުވަސް، ޢާންމުންގެ ތެރޭގައި ބަލިމަޑުކަން ފެތުރުނަ ނުދީ ހިފަހައްޓާލެވިފައިވާކަމަށާއި ނަމަވެސް ފާއިތުވި ދިހަ ދުވަހުގެ ތެރޭގައި ގްރޭޓަރ މާލެ ސަރަޙައްދުގައި ހަލުއި މިނުގައި މި ވައިރަސް ފެތުރެން ފަށާފައިވާކަމުގައެވެ. އަދި މިކަމުގެ ސަބަބުން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާނު ކުރައްވާފައިވާކަމަށާއި ގްރޭޓަރ މާލެ ސަރަޙައްދު ލޮކްޑައުންކޮށް މުޅި ރާއްޖޭގައި އިޖްތިމާޢީ ގައިދުރުކަމުގެ ރައްކާތެރިކަމުގެ އެކި ފިޔަވަޅުތައް އަޅުއްވަމުންގެންދަވާކަމުގައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިގޮތުގައި ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދުއިސައްތައަށް ވުރެ މަތިވެފައިވީ ނަމަވެސް ކަމާގުޅޭ މާހިރުންގެ ލަފަޔާއި އިރުޝާދާއެކީ ސަރުކާރުން އަޅުއްވަމުންދާ ހަރުދަނާ ފިޔަވަޅުތަކުން މި ބަލިމަޑުކަން ރާއްޖޭގައި ކޮންޓްރޯލް ކުރެވޭނެކަމާމެދު ޔަޤީންކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މިކަމުގެ ސަބަބުން އަޅަންޖެހިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އަސަރު ރާއްޖޭގެ އިޤްތިޞާދަށް ނުހަނު ބޮޑަށް ކުރަމުންދާކަން ފާހަގަކުރައްވައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މިކަމުން ކުރިމަތިވެދާނެ ގޮންޖެހުންތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އިނގިރޭސި ވިލާތަށް ކުރަމުންދާ އަސަރުތައް ދެނެވަޑައިގެން ހުންނެވިކަން ފާހަގަކުރައްވާފައެވެ.އަދި ކައިރި މުސްތަޤްބަލެއްގައި ރަސްމީގޮތުން އޮފީހާ ހަވާލުވެވަޑައިގަތުމަށް ހަމަޖެހިފައިވާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް އެމަނިކުފާނު ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

މި ފޯނު ކޯލް ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދުގައިވާ ޒަމާންވީ އެކުވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖެ އަލުން ކޮމަންވެލްތްގެ މެންބަރަކަށްވުމަށް އިނގިރޭސިވިލާތުން ދެއްވެވި އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.