ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ބަނގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަޞީނާ އާއި ފޯނުން ގުޅުއްވާ މަޝްވަރާކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ކުރެއްވެވި ފޯނުކޯލުގައި ދެ ޤައުމުގެ ލީޑަރުންވެސް ވަނީ މި ނުރައްކާތެރި ބަލިމަޑުކަމާއި ގުޅިގެން ޤައުމީ ފެންވަރުގައި ދެ ޤައުމުންވެސް އަޅަމުންދާ ފިޔަވަޅުތަކާއި، ކުރިމަތިވަމުންދާ ދަތިތަކާއި، އަދި މިހާލަތުގައި ޢަމަލުކުރަމުންގެންދާ ގޮތުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދާދި ފަހުން ބަނގްލަދޭޝްގެ ސަރުކާރުން ވެދެއްވި ދީލަތި އެހީތަކަށާއި، ބަނގްލަދޭޝްގައި ތިބި ސަތޭކައަށްވުރެ ގިނަ ދިވެހިން ރާއްޖެ ގެނައުމުގައި ވެދެއްވި އެއްބާރުލުމާއި އެހީތެރިކަމަށާއި އަދި ޞިއްޙީ ދާއިރާގައި ބޭނުންކުރާ އާލާތްތައް ދެއްވިކަމަށްޓަކައި ބަނގްލަދޭޝް ސަރުކާރަށް އިހްލާސްތެރިކަމާއެކު ޝުކުރުއަދާކުރައްވާފައެވެ. ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ބަނގްލަދޭޝް ބޮޑުވަޒީރު ވަނީ މި ހާލަތުގައި މި ސަރަޙައްދުގެ ޤައުމުތަކުން އެއްޤައުމު އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ޒިންމާއެއްކަމުގައި ދެކިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ. އަދި ރާއްޖެއަށް އެހީތެރިކަންފޯރުކޮށްދެވޭތީ އުފާކުރައްވާކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ. ހަމައެއާއެކު ބަނގްލަދޭޝް އޮތީ އެހީތެރިކަން ފޯރުކޮށްދެވެން އޮތް މިންވަރަކުން ކާބޯތަކެތީގެ އެހީތެރިކަންވިޔަސް، ޞިއްޙީ އެހީވިޔަސް އަދި އެހެނިހެން ދާއިރާއަކުންވިޔަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ދިރިއުޅެމުންދާ ބަނގްލަދޭޝް ރައްޔިތުންނާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ފިޔަވަޅުތައް އަޅަމުންދާއިރު އެއްވެސް ފަރާތަކަށް ތަފަތުކުރުމެއް ނުގެންގުޅުއްވާނެކަމަށެވެ. އަދި އެމަނިކުފާނު ވަނީ ރައްޖޭގައި އުޅެމުންދާ ގިނަ އަދަދެއްގެ ބަނގްލަދޭޝް ރައްޔިތުން ކޯވިޑް-19 ޓެސްޓުން ފައްސިވެފައިވާކަން ފާހަގަކުރައްވާފައެވެ. އެއާއެކު އެމަނިކުފާނު ވަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް މަސައްކަތްކަތް ކުރުމަކީ ސަރުކާރުން މިވަގުތުގެ އެންމެ އިސްކަމެއްދޭ އެއްކަންތައްކަން ފާހަގަކުރައްވާފައެވެ.

މި ފޯނުކޯލް ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާވަނީ ދެ ޤައުމުގެ ރައްޔިތުންނާއި ދެ ޤައުމުގެ ސަރުކާރާއި މެދު އުފެދިފައިވާ ގާތްގުޅުން ފާހަގަކުރައްވާފައެވެ. އަދި ބަންގުލަދޭޝްގެ ބޮޑުވަޒީރުގެ ބައްޕާފުޅަށް 100 އަހަރު ފުރުމުގެ މުނާޞަބާގައި އެމަނިކުފާނަށް ތަހުނިޔާ ފޮނުއްވެވިއެވެ. ބޮޑުވަޒީރުގެ ބައްޕާފުޅު ޝެއިޚް މުޖީބު ރަޙްމާނަކީ ބަނގްލަދޭޝްގެ ރައީސްކަންކުރެއްވި ފުރަތަމަ ފަރާތެވެ. ދެބޭފުޅުންވެސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.