ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް، ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ މިހާރުގެ ހާލަތާއި ބެހޭގޮތުން ފޯނު މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ. މިރޭ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމުގައިވާ މުލީއާގޭގައި ކުރެއްވެވި މި ފޯންކޯލުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ދައްކަވަމުން ގެންދާވާ ހިކްމަތްތެރިކަމަށް ތައުރީފުކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މި ނުރައްކާތެރި ބަލިމަޑުކަމާއި ގުޅިގެން ޤައުމީ ފެންވަރުގައި ރާއްޖޭގައި އަޅަމުންދާ ފިޔަވަޅުތަކާއި ޢަމަލުކުރަމުން ގެންދާގޮތުގެ މަޢުލޫމާތު ޙިއްޞާކުރައްވައި، މިފަދަ ދަނޑިވަޅެއްގައި އ.ދ. އިން ރާއްޖެއާއި ރާއްޖެ ފަދަ ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީޒާ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ބެހޭގޮތުންނާއި އަދި އެފަދަ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، މާރިޗު 7 ވަނަ ދުވަހު ކޯވިޑް-19 ގެ ފުރަތަމަ ޕޮޒިޓިވް ކޭސް ރާއްޖޭގައި ރިޕޯޓްކުރެވުނު ހިސާބުން ސަރުކާރުން އަޅުއްވަމުން ގެންދެވި ހަރުދަނާ ފިޔަވަޅުތަކުގެ މަޢުލޫމާތު އ.ދ. ގެ ސެކްރެޓަރީ ޖެނެރަލްއާ ޙިއްޞާކުރައްވާފައެވެ. މިގޮތުން އެމަނިކުފާނުވަނީ މިދިޔަ މަހު ރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް، ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ހަރުދަނާކޮށް، ސްކްރީންކުރުމާއި ކަރަންޓީންކުރުމުގެ ފިޔަވަޅުތައް އަޅައި މަސް ދުވަސް ވަންދެން ޢާންމުން ތެރޭގައި މި ބަލިފެތުރުނަ ނުދީ ހިފެހެއްޓިފައިވާ ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޔެ މާލެ ސަރަޙައްދުން ކޯވިޑް-19 ގެ ތިން ޕޮޒިޓިވް ކޭސް ފެނިފައިވާކަމަށް ވިދާޅުވެ، އިތުރަށް މި ބަލި ފެތުރުނަ ނުދިނުމަށް ސަރުކާރުން މާލެ ސަރަޙައްދު ލޮކްޑައުން ކޮށްފައިވާކަމުގައި ވިދާޅުވެފައެވެ. އަދި ސަރުކާރުގެ އެންމެ އިސް އަމާޒަކީ މި ބަލި އިތުރަށް ފެތުރުނަ ނުދީ ހުއްޓުވުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ. އިން މި ވައިރަސްގެ ސަބަބުން ގެއްލުން ވެފައިވާ ކުދި އަދި މެދު ފަންތީގެ އިޤްތިޞާދުތައް ހިމެނޭ ޤައުމުތަކަށް އެހީތެރުވުމަށް ޤާއިމުކުރި ”ރެސްޕޮންސް އެންޑް ރިކަވަރީ ފަންޑް“ ޤާއިމުކުރެއްވި ކަމަށްޓަކައި މަރުޙަބާ ވިދާޅުވެ މި ފަންޑު މެދުވެރިކޮށް އ.ދ. ގެ ފަރާތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު ފާހަގަކުރެއްވެވި ގޮތުގައި ރާއްޖެ ފަދަ ފަތުރުވެރިކަމުގެ ސިނާޢަތަށް ބަރޯސާވާ ތަރައްޤީވަމުން އަންނަ ކުދި ޖަރީޒާ ޤައުމުތަކުގެ އިޤްތިޞާދުތަކަށް ކޯވިޑް-19ގެ ނޭދެވޭ އަސަރު އާދަޔާ ޚިލާފަށް ކުރަމުންދާކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނާޒުކު އިޤްތިޞާދުތައް ހިމެނޭ ޤައުމުތަކުން ނަގާފައިވާ ދަރަނި އަދާކުރުމަށް ލުއި ގޮތްތައް ހޯއްދަވައިދެއްވުމަށް އ.ދ. ގެ ސެކްރެޓަރީ ޖެނެރަލްގެ އިސްނެންގެވުމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާ މަރުޙަބާ ވިދާޅުވެފައެވެ.

މި ފޯނުކޯލް ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19 ގެ މިހާރުގެ ހާލަތާގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ވަގުތުކޮޅެއް ދެއްވީތީއާއި މި ބަލިމަޑުކަމާ ދެކޮޅަށް އ.ދ. އިން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.