ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު މި އޮތް ކޯވިޑް-19 ޕެންޑެމިކް ޙާލަތާއި ގުޅޭގޮތުން ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ)ގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް އާއި މިއަދު މެންދުރުފަހު ފޯނުން ގުޅުއްވާ މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ޑަބްލިއު.އެޗް.އޯ އިން ކޯވިޑް-19 އާއި ގުޅޭ މަޢުލޫމާތު ހުރިހާ ފަރާތްތަކަށް ފޯރުކޮށްދިނުމަށާއި، އެބަލިން ރަށްކާތެރިވެ، ބަލި ފެތުރުނަ ނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މި ޙާލަތުން އަރައިގަތުމާއި މި ބަލިން މުޖުތަމަޢު ސަލާމަތްކުރުމަށް ކުރަމުންގެންދާ މަސައްކަތަށް ޑަބްލިއުއެޗްއޯއިން ވަޞީލަތުގެ ގޮތުންނާއި އެނޫން ގޮތްގޮތުންވެސް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި ވަކިން ޚާއްޞަކޮށް ޑަބްލިއު އެޗްއޯގެ ފަރާތުން ރާއްޖޭގައި ޙަރަކާތްތެރިވާ ޓީމުން ކުރާ މިންނެތް މަސައްކަތް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވާފައިވެއެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މިހާތަނަށް ރާއްޖޭގައި މިބައްޔަށް މިހާތަނަށް ޕޮޒިޓިވްވީ 19 ކޭސް ކަންފާހަގަކުރައްވައި،ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގައި މި ބަލި މިހާތަނަށް އަދި މުޖުތަމަޢުގެ ތެރޭގައި ފެތުރިގެންނުދާކަން ފާހަގަކުރައްވާފައެވެ. އަދި އެކަން އެހެން މެދުވެރިވީ ސަރުކާރުން މިކަމަށް ދުރާލާ ފިޔަވަޅުތައް އަޅުއްވަމުން ގެންދެވީތީކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން 12 މާރިޗު 2020 ގައި މުޅި ރައްޖެއަށް ސްޓޭޓް އޮފް ޕަބްލިކް ހެލްތް އިމަޖެންސީ އިޢުލާން ކުރެއްވުމާއި، އާންމުން އެއްވެ އުޅުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުއްވުމާއި، މި ބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ޤައުމުތަކުން ފްލައިޓް ރާއްޖެއައުން ވަގުތީ ގޮތުން ހުއްޓާލުމާއި، ރިސޯޓުތަކުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ދަތުރުކުރުން މަނާކުރުމާއި އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުމާއި، އަދި ރާއްޖޭން ބޭރުން ރާއްޖެއަށް އަންނަ ކޮންމެ ދިވެއްސެއްވެސް ދެ ހަފްތާގެ މުއްދަތުގެ ކަރަންޓީނު ފުރިހަމަކުރުން މަޖުބޫރުކުރުންފަދަ ސަރުކާރުން މި ބައްޔާ ދެކޮޅަށް އެޅުއްވި މުހިންމު ފިޔަވަޅުތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަދި މިހާތަނަށް ދިވެހިރާއްޖޭގެ މުޖުތަމައުގެ ތެރޭގައި ކޯވިޑް-19 ނުފެތުރޭ ކަމުގައިވިއަސް މި އެފަދަ ޙާލަތެއް މެދުވެރިވެދާނެކަމަށް ބަލައި ދުރާލައި ރައްކާތެރިވުމުގެ ގޮތުން ޖަނަވަރީ މަހުން ފެށިގެން ތައްޔާރީތައް ވަމުން އަންނަކަމުގައި ވިދާޅުވެފައެވެ. އެގޮތުން ކުއްލި ޙާލަތެއް ކުރިމަތިވެއްޖެ ހިނދެއްގައި ފަރުވާދެވޭ އިންތިޒާމްތައް ހަމަޖައްސައި، ބަލިމީހުން ބައިތިއްބާނެ އެނދާއި، ބަލީގައި ހާލުބޮޑުވާ ފަރާތްތަކަށް ޞިއްހީ ފަރުވާފޯރުކޮށްދޭނެ ވަޞީލަތްތަކާއި އިންތިޒާމުތައް ދުރާލައި ހަމަޖައްސަވާފައިވާނެކަމަށާއި އަދި މި ބައްޔަށް ޓެސްޓުކުރެވޭނެ އިންތިޒާމުތައް އިތުރުކޮށް ފުޅާކޮށްދެއްވާފައިވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ބަލިމަޑުކަމުގައި ބައެއް ޤައުމުތަކަށް ކޮންމެހެން ބޭނުންވާ ވަޞީލަތްތައް ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަކުރައްވާ މިކަންކަން ފަހިކޮށްދެއްވުމަށް ޑަބްލިއު.އެޗް.އޯ އިން ވެސް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ފޯނު ކޯލް ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދާދިފަހުން ކޯވިޑް-19 އަށް ޓެސްޓުކުރެވޭނެ އިތުރު ކިޓުތަކެއް ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަވާލުކޮށްދެއްވާފައިވުމާއި އަދި ކޮވިޑް-19ގެ ރާއްޖޭގެ ޙާލަތާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް އެމަނިކުފާނަށް ވަގުތުކޮޅެއް ދެއްވިކަމަށްޓަކައި ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްއަށް ޝުކުރުއަދާކުރައްވާފައެވެ.