ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ކޮއްކޯފުޅު، ގަލޮޅު ފަހިވާގޭ މުއުމިނާ ޢަބްދުލްޤައްޔޫމް އަވަހާރަވުމާ ގުޅިގެން، ރައީސް މައުމޫނަށާއި އެ އާއިލާއަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވީ، މުއުމިނާ އަވަހާރަވި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން ރައީސް މައުމޫނާ މިއަދު ފޯނުން ގުޅުއްވައެވެ. މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެ، ސަރުކާރަށް މުއުމިނާ ކޮށްދެއްވާފައިވާ އިޚްލާޞްތެރި ޚިދުމަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެ މަރުޙޫމާގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށާއި، މި ދަނޑިވަޅުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. މުއުމިނާ އަވަހާރަވިއިރު ޢުމުރަކީ 79 އަހަރެވެ.

މުއުމިނާ ޢަބްދުލްޤައްޔޫމް ސަރުކާރަށް ފުރަތަމަ ޚިދުމަތް ކުރައްވަން ފަށްޓަވާފައިވަނީ 8 އޭޕްރިލް 1958 ގައެވެ. ފުރަތަމަ އަދާކުރެއްވީ އަމީރު އަޙްމަދުގެ މުދައްރިސާ ކަމުގެ މަގާމެވެ. އޭގެފަހުން، އަމީނިއްޔާ ސްކޫލުގެ މުދައްރިސާކަންވެސް ކުރެއްވިއެވެ. ދެވަނަ ފަހަރަށް ޚިދުމަތް ކުރައްވަން ފަށްޓަވާފައިވަނީ 1 ސެޕްޓެމްބަރު 1987 ގައެވެ. އޭރު ހަމަޖެއްސެވީ ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އެހީތެރިޔާ ކަމުގެ މަގާމަށެވެ. އޭގެފަހުން، އެ މަރުކަޒުގެ އިސް އެހީތެރިޔާ ކަމާއި، އެސިސްޓެންޓް ޑިރެކްޓަރުކަން ކުރައްވާފައިވެއެވެ. މުއުމިނާ ޢަބްދުލްޤައްޔޫމަކީ، ގަލޮޅު އަވަށު އޮފީހުގެ ވެރިޔާގެ އެހީތެރިޔާ ކަމުގެ މަގާމާއި، ވެރިޔާގެ އިސް އެހީތެރިޔާ ކަމުގެ މަގާމާއި، ޑެޕިޔުޓީ ޑިރެކްޓަރު ކަމުގެ މަގާމާއި، އަދި ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ގަލޮޅު އަވަށުގެ ތަރައްޤީއަށް މުއުމިނާ ވަނީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. މުއުމިނާއަށް ފުރަތަމަ ޕެންޝަން ލިބިވަޑައިގެންފައިވަނީ 1 ސެޕްޓެމްބަރު 2007 ގައެވެ.