ކޯވިޑް-19 އާ ގުޅިގެން ފަރުކޮޅުފުށީގައި ޤާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއާ އަދި ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ޤާއިމުކުރާ އައިސޮލޭޝަން ފެސިލިޓީޒްގެ މަސައްކަތްތައް ކުރިޔަށް ދާ ގޮތް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ހެނދުނު އެ ދެ ތަނަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރާތްކުރެއްވުމުގައި އެމަނިކުފާނު ވަނީ އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާ، މައުލޫމާތު އޮޅުންފިލުއްވާފައެވެ.

މިވަގުތު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ބަލި ރާއްޖޭގައި ކޮންޓްރޯލްކުރުމަށާއި މިބަލިން ރާއްޖޭގެ ރައްޔިތުން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން މިހާތަނަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވާއިރު ޙާލަތާ ގުޅޭގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ވެސް އަންނަނީ އަޅުއްވަމުންނެވެ.