މިމަހުގެ 9 ވަނަ ދުވަހުގެރޭ ޓެލެވިޜަން މޯލްޑިވްސުން ފޮނުއްވި ”ކިޔޫ އެންޑް އޭ ވިތް މިޤްދާދު“ ޕްރޮގްރާމް ފޮނުވާފައިވަނީ، ޝަރްޢީ ދާއިރާގެ އަގު ވެއްޓޭގޮތަށާއި، އެ ދާއިރާގެ ޙުރްމަތް ކެނޑޭގޮތަށް ކަމަށް ބުނެ، އެ މައްސަލަ ތަޙްޤީޤު ކުރުމަށް ޖިނާއީ ކޯޓުން މޯލްޑިވްސް ޕޮލީސް ސަރވިސްއަށް އަމުރު ކުރެއްވުމާ ގުޅިގެން، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު، މޯލްޑިވްސް ޕޮލީސް ސަރވިސްއަށް މިއަދު ޙާޒިރު ކުރައްވާފައިވާތީ، އެކަމާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކަންބޮޑުވެވަޑައިގަންނަވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވާގޮތުގައި، ބައިނަލްއަޤްވާމީ ހުރިހާ ފަރާތްތަކަކުން ރާއްޖޭގައި މިއަދު ވަރަށް މިނިވަން މީޑިއާއެއް އޮތްކަން ފާހަގަކޮށް، އެކަމަށް ތަޢުރީފު ކުރަމުން ގެންދާއިރު، މިފަދަ ކަންކަމުގެ ސަބަބުން، ބައިނަލްއަޤްވާމީ މަސްރަޙުގައި ރާއްޖެއާ ދޭތެރޭ ގެންގުޅޭ ވިސްނުމަށް ނޭދެވޭ ބަދަލެއް އައުމަކީ، އެކަށީގެންވާ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ. އަދި މިއީ، ވަޒީރުން މިނިވަންކަމާއެކު މަސައްކަތްޕުޅު ކުރެއްވުމަށް އެޅޭ ހުރަހެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ކަމަށް އެއޮފީހުން ހާމަކުރައްވައެވެ.