އ.ދ. ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ޕެރޫގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ހާވިޔޭ ޕެރޭޒް ޑެކުއޭއާ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އ.ދ. ގެ ސެކްރެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްއަށާއި، ޕެރޫގެ ރައީސް މާރޓިން ވިޒްކާރާ ކޮރްނޭހޯއަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، މި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވިއެވެ.

އ.ދ. ގެ ސެކްރެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ހާވިޔޭ ޕެރޭޒް ޑެކުއޭއާއަކީ ދުނިޔޭގެ ސިޔާސީ މަސްރަޙް ހަލަބޮލިވެގެންދިޔަ ދުވަސްވަރު، ހަމަޖެހުމާއި ސުލްހަމަސަލަސްކަށް ޤާއިމުކުރުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވަމުން ގެންދެވި ބޭފުޅެއްކަން ފާހަގަ ކުރައްވާފައިވެއެވެ. އަދި ހާވިޔޭ ޕެރޭޒް ޑިކުއޭއާގެ އ.ދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި، ސުލްހަމަސަލަސް ޤާއިމްކުރުމުގެ މަސައްކަތްތައް ވަރަށް ގާތުން ބައްލަވާ އެ މަސައްކަތުގައި ޝާމިލުވެ އުޅުއްވުމުގެ ސަބަބުން އ.ދ. ގެ ޤަދަރު އުފުލިފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ޕެރޫގެ ރައީސް މާރޓިން ވިޒްކާރާ ކޮރްނޭހޯއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ހާވިޔޭ ޕެރޭޒް ޑެކުއޭއާއަކީ ސިޔާސީ މައިދާނުގައި ހުނަރުވެރި ބޭފުޅެއް ކަމަށާއި، އަވަހާރަވުމާއި ހަމައަށްވެސް ސިޔާސީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި އެބޭފުޅާ ހޯއްދެވި ކާމިޔާބީގެ އަސަރު ފުހެވިގެން ނުދާކަމަށްވެސް ފާހަގަކުރެއްވިއެވެ. އަދި، އެމަނިކުފާނު އަވަހާރަވުމަކީ، ދުނިޔޭގައި ހަމަޖެހުން ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށާއި، ޕެރޫގެ ސަރުކާރަށް ލިބުނު ފޫނުބެއްދޭވަރުގެ އުނިކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ.