ކޮވިޑް-19 ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އޮޅުންފިލުއްވައި، އިތުރަށް ސަމާލުކަން ދޭންޖެހޭ ކަންކަމުގެ އިރުޝާދު ކަމާބެހޭ ފަރާތްތަކަށް ދެއްވައިފިއެވެ. ކެބިނެޓުގެ ބައެއް ވަޒީރުންނާއި ކަމާބެހޭ އިދާރާތަކުގެ ވެރިންގެ އިތުރުން ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން މިހާރު ދުނިޔެއަށް ފެތުރެމުންދާ މިންވަރާއި، މި ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި، މި ވައިރަސްގެ އަސަރުކޮށްފައިވާ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރުމަށް އެކުލަވާލާފައިވާ ޕްލޭންތަކާއި ތައްޔާރީތަކުގެ އެންމެފަހުގެ މަޢުލޫމާތުތައްވެސް ރައީސުލްޖުމްހޫރިއްޔާ އޮޅުންފިލުއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19 ވައިރަސްއާއި ގުޅިގެން ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމާއި، ވަކީން ޚާއްޞަކޮށް މި ވައިރަސްގެ ނުރައްކަލުން ރައްކާތެރިވުމުގެ ގޮތުން ސަމާލުކަންދޭންވީ ކަންކަމުގެ މަޢުލޫމާތު ވީހާވެސް ފުޅާ ދާއިރާއެއްގެ ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް އިރުޝާދު ދެއްވާފައެވެ.