ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ”އަނާ ލިންދު ޕްރައިޒް 2009“ ލިބިވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުން އެމަނިކުފާނަށް ތަހުނިޔާ ދަންނަވައިފިއެވެ. އެ އޮފީހުގެ މުވައްޒަފުން އިންތިޒާމުކޮށްގެން، މުވައްޒަފުންގެ އެކުވެރިކަމުގެ ފަންޑުން މިއަދު މެންދުރުގެ ހުސްވަގުތުކޮޅު އެ އޮފީހުގައި މިކަމަށްޓަކައި ބޭއްވެވި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، އޮފީހުގެ ހުރިހާ މުވައްޒަފުން އިސްނަންގަވައިގެން މިފަދަ ޙަފްލާއެއް ބޭއްވެވީތީ، ވަރަށް ބޮޑަށް އުފާފުޅު ކުރައްވައި، މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންސާނީ ޙައްޤާއި، މޫސުމަށް އަންނަ ބަދަލާއި، މިކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގަމުންދާ އެކިއެކި މަސައްކަތްތައް އެބަހުރިކަން ފާހަގަކުރެއްވިއެވެ. އަދި މިކަންކަމާ ގުޅޭގޮތުން ވީހާވެސް ފުޅާ ދާއިރާއެއްގައި މަޢްލޫމާތު ފޯރުވައިދިނުމަކީ، މިއަދު އަޅުގަނޑުމެންނަށް ކުރަން މަޖުބޫރުވެފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އެކަންކަން ނުކޮށެއް ރާއްޖެއަށް ބޭނުންވާ އެހީއެއްވެސް ނުވަތަ ރާއްޖެއަށް ބޭނުންވާ ބައިނަލްއަޤްވާމީ ދުނިޔޭގެ އެއްބާރުލުން ހޯދުން ދަތިވާނެކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. ޚާއްޞަކޮށް، ރަށްރަށް ގިރުމާ ގުޅޭގޮތުން ނުވަތަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރަށްތަކަށް ދިމާވާ ކަންކަމުން ސަލާމަތްވުމަށްޓަކައި ވަރަށް ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ހޫނު މޫސުމްވެސް އަދި ވިއްސާރަ މޫސުމްވެސް މިހާރު ކުޑަކޮށް ފަރަޤުވެއްޖެ ކަމަށާއި، ވައިގެ ބާރުމިންވެސް އަދި ހޫނު ގަދަވާ މިންވަރުވެސް ތަފާތުވެއްޖެކަން ދިރާސާތަކުން އެބަ އެނގޭކަން ފާހަގަކުރެއްވިއެވެ. އަދި މިކަންކަމާ ގުޅިގެން އަޅުގަނޑުމެންގެ މުޖްތަމަޢު މިކަންކަމަށް ހޭނެންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.