މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭގޮތުން ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީން އެކުލަވާލި ނެޝަނަލް އެކްޝަން ޕްލޭން ވަޒީރުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ. ނޭޝަނަލް އެކްޝަން ޕްލޭން ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވުމުގެ ކުރިން މިއަދުގެ ކެބިނެޓް ވަރކިންގ ސެޝަންގައި މި ޕްލޭނާބެހޭ މަޢުލޫމާތު، މިނިސްޓްރީ އޮފް ޑިފެންސުން ރިޔާސަތު ބަލަހައްޓަމުންދާ ސްޓިއަރިންގ ކޮމިޓީން ވަޒީރުންނާ ޙިއްޞާ ކުރެއްވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، އަލަށް އެކުލަވާލި ނޭޝަނަލް އެކްޝަން ޕްލޭންގައި ހިމަނާފައިވާ ފިޔަވަޅުތައް އަވަހަށް އެޅުމުގެ މުހިއްމުކަން މެންބަރުން ފާހަގަކުރެއްވިއެވެ.

ސްޓިއަރިންގ ކޮމިޓީން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން އެކުލަވާލާފައިވާ އެކްޝަން ޕްލޭންގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދުވެލި އަވަސްކުރުމެވެ. މިގޮތުން، މި އެކްޝަން ޕްލޭން ހިނގާނެ މުއްދަތުކަމަށްވާ 30 މާރޗް 2020 އިން ފެށިގެން 31 ޑިސެމްބަރ 2022 އާ ދޭތެރޭގައި، މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ޤައުމީ ފެންވަރެއްގައި ރާއްޖެއިން އެޅުމަށް ކަނޑައަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، މީހުން ޓްރެފިކްކުރުމުގެ މައްސަލަ ރާއްޖޭގައި އޮތް މިންވަރު ބެލުމަށްޓަކައި ބޭސްލައިން ސްޓަޑީއެއް ހެދުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ޤާނޫނުގައި މީހުން ޓްރެފިކްކުރުން މާނަ ކުރާ ގޮތް އ.ދ.ގެ ޓިޕް ޕްރޮޓޮކޯލްގެ ޑެފިނިޝަނާ އެއްގޮތްކޮށް، ސްޓިއަރިންގ ކޮމިޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެޤާނޫނަށް އިޞްލާޙު ގެނައުމާއި، ސްޓިއަރިންގ ކޮމިޓީ ހިންގުމަށްޓަކައި ޓިޕް އޮފީހެއް ޤާއިމްކުރުމާއި، މީހުން ޓްރެފިކްކުރުމުގެ ކުށަށް ތުހުމަތުކުރެވޭ ފަރާތްތަކާއި އެކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިލޭ ގުޅޭނެ ޚާއްޞަ ހޮޓްލައިނެއް އަލުން ޤާއިމްކުރުން ހިމެނެއެވެ.

މީގެ އިތުރުން، ޓްރެފިކިންގެ ހުރިހާ ބާވަތެއް މޮނިޓަރ ކުރުން އިތުރުކުރުމާއި، ތަޙުޤީޤުތަކާއި، ޕްރޮސެކިއުޝަންތަކާއި، ކޮންވިކްޝަންތަކުގެ ޢަދަދު އިތުރުކުރުމާއި، ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި، އިޖުތިމާޢީ ޚިދުމަތްދޭ ފަރާތްތަކަށް ޢަމާޒުކޮށް، ޓްރެފިކިންގ އާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތު ބައްދަލުވުންތައް ހިންގުމާއި، ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 30 ވަނަ ދުވަހު އ.ދ.އިން ފާހަގަކުރާ ވަރލްޑް ޑޭ އެގެއިންސްޓް ޓްރެފިކިންގ އިން ޕަރސަންސް (އެންޓި-ޓިޕް ޑޭ)، ސްޓިއަރިންގ ކޮމިޓީން އިސްނަގައިގެން ރާއްޖޭގައިވެސް ފާހަގަކުރަން ފެށުމަށް ނެޝަނަލް އެކްޝަން ޕްލޭންގައި ވަނީ ކަނޑައަޅާފައެވެ.