ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އޮޅުންފިލުއްވައި، އިތުރަށް ސަމާލުކަންދޭންޖެހޭ ކަންކަމާއި ބެހޭގޮތުން ކަމާއިބެހޭ އިދާރާތަކަށް އިރުޝާދު ދެއްވައިފިއެވެ. ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ކަމާއިބެހޭ އިދާރާތަކުގެ އިސްވެރީންގެ އިތުރުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ސީނިއަރ ޑޮކްޓަރުން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރާއި، މިކަމުގައި އެހެން ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއި، މި ވައިރަހުގެ ނުރައްކާތެރިކަން ރާއްޖެއަށް އޮތް މިންވަރާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި، މި ވައިރަހުގެ އަސަރު ރާއްޖެއިން ފެނިދާނެ ހާލަތަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި، އެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާވަނީ މި ބައްދަލުކުރެއްވުމުގައި ވަޒީރުންނާއި ކަމާއިބެހޭ އިދާރާތަކުގެ އިސްވެރިންނާއި މަޝްވަރާ ކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 ވައިރަސްއާއި ގުޅިގެން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއްގައި ސަރުކާރުން ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް އެ ގޮތުގައި ކުރިޔަށްގެންދިއުމާއި މޮނިޓަރކުރުމުގެ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގަންނަވާ، ރައީސުލްޖުމްހޫރިއްޔާވަނީ ކަމާއިބެހޭ އިދާރާތަކުގެ އިސްވެރީންނަށް އިރުޝާދުދެއްވާފައެވެ.