ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑަގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާދ. ރިނބުދުއަށް ކުރެއްވި މި ދަތުރުފުޅު ނިންމަވާލައްވައި އެރަށުން ފުރާވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނު މިއަދު ހެނދުނު ވަނީއެރަށުގެ ފުޓްސެލްދަނޑު ހުޅުއްވައިދެއްވައިފައެވެ. ރިނބުދޫ ފުޓްސަލް ދަނޑަކީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރަމަންޓާއި ރިނބުދޫ ކައުންސިލު ގުޅިގެން ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީކޮށްފައިވާ ދަނޑެކެވެ. މި ދަނޑު ވަށައިގެން ކައުންސިލުން ވަނީ ޖޮގިން ޓްރެކެއްވެސް ތަރައްޤީކޮށްފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރިނބުދޫ ސްކޫލަށް 50 އަހަރު ފުރުނު ރަންޔޫބީލް ޙަފްލާ ޝަރަފުވެރިކޮށްދެއްވާފައެވެ. އަދި މި ހަފުލާގައި އެމަނިކުފާނު ވަނީ ޙަފްލާގެ ބައިވެރިންނާ މުހާތަބުކުރައްވާ ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ، ޒަމާނީ ތަޢުލީމް އުނގެނި، އީޖާދީ އުފެއްދުންތެރިކަމަށް ވިސްނުން ހިންގާ، ހުނަރުވެރި ޖީލެއް ބިނާކުރުން ކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެރަށުގައި ޤާއިމްކޮށްދައިވާ ޘަޤާފީ މަގު ހުޅުއްވައިދެއްވައި، މާބަނޑު އަންހެނުންނާއި ތުއްތުކުދީންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ކެންޕޭނެއް ކަމަށްވާ "މަރިޔަންމާ" ކެމްޕެއިން އިފްޠިތާޙްކޮށްދެއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އެރަށު ކައުންސިލަރުންނާ އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކުގެ މަޢުލޫމާތާއި ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން ބޭނުންވާ ކަންކަމާ ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވައިފައެވެ.