ޤާނޫނުތައް މާނަކުރެވޭނެ ޤާބިލްކަން ލިބިގެންވާ ފަނޑިޔާރުން ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ކުޑަކުދިންނަށް އަނިޔާކުރާ މީހުންނަށް ހަރުކަށި ޤާނޫނީ އަދަބު ދިނުމަށް ގޮވާލައި އިއްޔެ މާލޭގައި ބޭއްވި ހިނގާލުމުގައި ބައިވެރިވެވަޑައިގަތުމަށްފަހު، އާޓިފިޝަލް ބީޗްގައި އޮތް އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުޑަކުދިންނަށް ގޯނާކޮށް އަނިޔާކުރުން ހުއްޓާނުލެވިގެން މިއުޅެނީ އެކަށީގެންވާ ޤާނޫނެއް ނެތިގެން ކަމަކަށް މުޅިއަކުން އަޅުގަނޑުމެން ދެކިގެން ނުވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުޑަކުދިންނަށް ކުރާ ގޯނާއާއި އަނިޔާގެ ވާހަކަ، ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންނަށް އިވޭލެއް އިތުރުވާނެ ކަމަށާއި، އިތުރުވެގެން މިދަނީ، ސަރުކާރުންވެސް އަދި ރައްޔިތުންވެސް އެވާހަކަތައް ދެއްކުމަށް ފުރްޞަތުތައް ހުޅުވާލާތީ ކަމުގައި ވިދާޅުވިއެވެ. އަދި އެކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށާއި، އަޑު އުފުލުމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ޖާގަތައް ދެމުން ގެންދާތީ ކަމުގައިވެސް ވިދާޅުވިއެވެ.

މިއަދު މިބޭއްވެވި ހިނގާލުމަކީ، ރާއްޖޭގައި މަސައްކަތްކުރާ ވަރަށްގިނަ އަމިއްލަ ޖަމްޢިއްޔާތައް ގުޅިގެން ބޭއްވި ހިނގާލުމެކެވެ.