ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫނާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި، ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށް ގެންދެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، ތަރައްޤީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މަޢްލޫމާތު، ނައިބު ރައީސް، ސެކްރެޓަރީ ޖެނެރަލަށް އެރުވިއެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކުރުމުން، ދިމާވެދާނެ މައްސަލަތަކާ ކުރިމަތިލުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢްލޫމާތުވެސް ދެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މަސްތުވާތަކެތީގެ ވަބާ، ރާއްޖެއަށް ވަރަށް ބޮޑަށް ކުރިމަތިވެފައިވުމާއެކު، މި ވަބާއިން ޒުވާނުންނާއި އެތައް ބަޔަކު ސަލާމަތް ކުރުމަށް ކުރާ މަސައްކަތުގައި، އ.ދ.ގެ އެކި ޖަމާޢަތްތަކުގެ އެހީތެރިކަމާއި އެއްބާރުލެއްވުން ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ. މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކުގެ މައްޗަށްވެސް ނައިބު ރައީސް ބައްލަވާލެއްވިއެވެ. އަދި ރާއްޖެއަކީ ކަރބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ސަރުކާރުން ރާއްވަވާފައިވާ ރޭއްވެވުމާއި، މިރޮނގުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މަޢްލޫމާތު ދެއްވައި، ބޭނުންފުޅަކީ، މިރޮނގުގައި މުޅި ދުނިޔެއަށް ނަމޫނާ ޤައުމަކަށް ރާއްޖެ ހެއްދެވުން ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީ ނިޒާމެއް ތަޢާރުފު ކުރުމަށް ކުރި މަސައްކަތްތަކުގައި، ރާއްޖެ ހޯދާފައިވާ ކުރިއެރުމާއި ކާމިޔާބީއަށާއި، އަދި ދާދިފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވަރަށް ކާމިޔާބުކަމާއެކު ނިމިގެންދިޔަ ކަމަށްޓަކައި ތަޢުރީފު ކުރެއްވިއެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތައް، ސަމާލުކަމަށް ގެނައުމަށް އ.ދ.ގެ ޖެނެރަލް އެސެމްބްލީގެ ހަކަތައާބެހޭ އިންޓަރެކްޓިވް ތީމެޓިކް ޑައިލޮގްގައި ރާއްޖެއިން އަދާކުރި ދައުރު ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ ހަކަތައާބެހޭ މާކެޓްގައާއި، އަދި މިއަހަރު ކޯޕަންހޭގަންގައި ބޭއްވުމަށް ހަމަޖެހިފައިވާ މޫސުމާބެހޭ ސަމިޓްގައި ރާއްޖެ ޢަމަލީ ގޮތުން ބައިވެރިވެ، ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކާއި، އަދި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށް ގެންދެވުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި އ.ދ. އިން އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަޤީންކަން ސެކްރެޓަރީ ޖެނެރަލް، ނައިބު ރައީސަށް ދެއްވިއެވެ.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ވާހަކަފުޅުގައި، ރާއްޖޭގެ ވެރިކަން އަމާންކަމާއި އޮމާންކަމާއެކު ބަދަލުވެގެން ދިއުމުގައި، ސެކްރެޓަރީ ޖެނެރަލްގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި އެއްބާރުލެއްވުމާއި ތާއީދަށްޓަކައި ސެކްރެޓަރީ ޖެނެރަލަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ރާއްޖޭގެ ތަރައްޤީއަށް އ.ދ. އިން ވެދެއްވާފައިވާ ތަފާތު ގިނަގުނަ އެހީތަކަށްޓަކައިވެސް ޝުކުރު އަދާކުރެއްވިއެވެ.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އ.ދ.ގެ މައި މަރްކަޒަށް އިއްޔެ މިކުރެއްވި ޒިޔާރަތުގައި، އ.ދ.ގެ އެކި ޖަމާޢަތްތަކުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި، އެޖަމާޢަތްތަކާއި ރާއްޖެއާ ދެމެދު ގުޅުން ތަރައްޤީ ކުރެއްވުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.