ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާ މިއަދު ބައްދަލުކުރައްވައިފިއެވެ. އަނޫރާދަޕޫރާގައި އޮތް މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ރަޙްމަތްތެރި ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި، ސަރަޙައްދީ ކަންކަމާ ބެހޭގޮތުން ދެބޭފުޅުން ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވައި މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާގައި ހިނގަމުންދިޔަ ގިނަދުވަސްވީ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި، ސްރީލަންކާ ސަރުކާރުން ހޯދި ބޮޑު ކާމިޔާބަށް މަރްޙަބާ ވިދާޅުވިއެވެ. އަދި ރާއްޖެއަކީ އަބަދުވެސް ސްރީލަންކާގެ ވަރަށްގާތް ރަޙްމަތްތެރިއެއް ކަމަށާއި، ރައީސް ރާޖަޕަކްސަގެ ޒަޢާމަތުގައި ކުރިއަށް އޮތް ތަނުގައި ސްރީލަންކާއަށް އިޤްތިޞާދީ ރޮނގުންނާއި އަދި އެނޫން އެހެން ރޮނގުތަކުން އިތުރު ކުރިއެރުން ލިބެމުންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރައީސް މަހިންދަ ރާޖަޕަކްސަ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ސްވިޑްންއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ސްރީލަންކާގައި މަޑުކޮށްލެއްވިކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދެންނެވިއެވެ.

މިބައްދަލުކުރެއްވުމުގައި ފަތުރުވެރިކަމާއި ޘަޤާފަތާއި، މަސްވެރިކަމާއި، ޞިއްޙަތާއި، ތަޢްލީމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ ރޮނގުން ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ޝަރަފްގައި، ސްރީލަންކާގެ ރައީސް ދެއްވި މެންދުރުގެ ފަރިއްކޮޅެއް އޮތެވެ.
ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ރޮހިތަ ބޮގޮލޮގަމައާވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައިވެސް ދެޤައުމުގެ ގުޅުމާ ބެހޭގޮތުންނާއި، ޚާރިޖީ ދާއިރާއިން މިގުޅުން އިތުރަށް ތަރައްޤީ ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.