ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ރާއްޖޭގެ ކަނޑުފަޅުތަކުގައި ކުރިޔަށްގެންދިޔަ 26 ދުވަހުގެ ކަނޑުފަޅުގެ ދިރާސާ ޕްރޮގްރާމް ނިންމާލައިފިއެވެ. މި ސާވޭގައި، ފަރުތަކުގެ ދިރުންތަކާއި މަހުގެ އާބާދީއާ މޫދުގެ ފެނުގެ ޙާލަތުފަދަ މުހިންމު މައުލޫމާތުތަކެއް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ އަތޮޅުތަކުން އެއްކޮށްފައިވެއެވެ. މި ސާވޭގައި ރާއްޖެއާ ބޭރުގެ 8 ޤައުމެއްގެ ސައިންޓިސްޓުން ޝާމިލުވާއިރު ސާންޕަލް ނެގުމުގައި 3ޑީ އިމޭޖިންގ، އީ-ޑީއެންއޭ ސާންޕަލިންގ، މަހާއި އެހެނިހެން ދިރުންތައް ބެލުމާއި އަދި ފެނުއަޑީގެ ވީޑިޔޯ ސިސްޓަމްސް ބޭނުންކޮށްގެން ފެނުގެ ފެންވަރު ބެލުންފަދަ ކަންކަން ހިމެނެއެވެ.

މި ސާވޭއަކީ ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގާ ދުރު ރާސްތާ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިއަ ސާވޭއެކެވެ. ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަންގެ މެންބަރުންގެ ތެރޭގައި، ވައިޓް އިންސްޓިޓިއުޓް، ނޭޝަނަލް ޖިއޯގްރެފިކް ޕްރިސްޓިން ސީސް އާއި ނެކްޓޮން ޑީޕް އޯޝަން އެކްސްޕްލޮރޭޝަން ހިމެނެއެވެ.

ހުރިހާ ފަރާތްތައް ގުޅިގެން ފަސްއަހަރު ދުވަހަށް ކުރިޔަށްގެންދާ މި ދިރާސާގެ އަމާޒަކީ ރާއްޖޭގެ ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކުރުމަށް ސިޔާސަތު ކަނޑައެޅުމުގައި، ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމެވެ. މިކަން ކުރިޔަށްގެންދާނީ ޖަމުޢިއްޔާ ޖަމާޢަތްތަކާއި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއި ރާއްޖެއާ ބޭރުގެ ސައިންޓިސްޓުންނާއި ފަންނީ ތަޖްރިބާކާރުން ގުޅިގެންނެވެ.

މިދިރާސާގައި ބައިވެރިވަނީ ވައިޓް އިންސްޓިޓިއުޓްގެ އިތުރުން ސްކްރިޕްސް އިންސްޓިޓިއުޓް އޮފް އޯޝަނޯގްރަފީއާއި ނެޝަނަލް ޖިއޯގްރެފިކްގެ ޕްރިސްޓިން ސީސްއާއި ނެކްޓޮން ޑީޕް އޯޝަން އެކްސްޕްލޮރޭޝަނާއި މިނިސްޓްރީ އޮފް ފިޝަރީޒްގެ ފަންނީ ބޭފުޅުންގެ އިތުރުން މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް އަދި އައިޔޫސީއެން މޯލްޑިވްސްއާއި މޯލްޑިވްސް ކޮރަލް ރީފް އިންސްޓިޓިއުޓްގެ ސައިންސްވެރިންނާއި ފަންނީ ތަޖުރިބާކާރުންނެވެ.

މި ސާވޭގެ ދަށުން 20 އަތޮޅެއްގައި 978 ސައިންޓިފިކް ޑައިވް ނިންމައި، 48 ފަރުގެ ތްރީޑީ ފޮޓޯނަގައި، 690 ގަޑިއިރުގެ ފެނުއަޑީގެ ވީޑިޔޯ ނަގައި، މަހުގެ 330 ވައްތަރެއް ދެނެގަނެވި( މީގެ ތެރެއިން 80 ބާވަތެއްގެ މަހަކީ ދުނިޔެއިން ނެތި ހިނގައިދާނެ ކަމުގެ ބިރުހީވެފައިވާ މަސްތަކުގެ ރެޑްލިސްޓުގައި އައިޔޫސީއެން ހިމަނާފައިވާ މަސްމަހެވެ.)، 274،004 މަސް ގުނުމާއެކު، ފަރުގެ ދިރުންތައް ދެނެގަތުމަށް 524 އީ-ޑީއެންއޭ ސާންޕަލް ނަގާފައިވެއެވެ.

މި ސާވޭގެ މަސައްކަތް ނިމިދިޔަ ޖަނަވަރީމަހު ކުރިޔަށްދިޔައިރު ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދިރާސާގެ ހަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވުމުގެ ގޮތުން ހދ އަތޮޅުގައި މި ދިރާސާ ކުރިޔަށްގެންދިއުމުގައި ބޭނުންކުރަމުންދިޔަ ބޯޓަށް ވަޑައިގެން ދިރާސާގެ މަސައްކަތްކުރިޔަށްގެންދަވާ ޓީމުގެ ބައިވެރިންނާ ބައްދަލުކުރައްވައި ދިރާސާ ކުރިޔަށްދާ ގޮތާބެހޭ މަޢުލޫމާތު ހޯއްދަވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފަރުގެ ދިރުންތައް ބައްލަވާލެއްވުމުގެ ގޮތުން ފީނުމުގެ ހަރަކާތެއްގައި ވެސް ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މި ސާވޭގެ ދެވަނަ ބުރު ކުރިޔަށްގެދިއުމަށް ހަމަޖެހިފައި ވަނީ އަންނަ މާރިޗުމަހު ހުވަދުއަތޮޅާއި އައްޑޫ އަދި ފުވައްމުލަކުގެ ކަނޑުގެ ސަރަހައްދުގައެވެ. ކުރިޔަށް އޮތް 5 އަހަރުގެ ތެރޭގައި މީގެ ގިނަ ސާވޭގެ މަސައްކަތްތަކެއް ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މީގެ އެންމެ މުހިންމު އެއް ބޭނުމަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގާނީ ކަނޑުފަޅުގެ މާޙައުލާއި، އެ މާޙައުލުގެ ދިރުންތަކަށް ބުރޫ ނާރާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއިއެކުގައިކަން ކަށަވަރު ކުރުމެވެ. މި ދިރާސާގައި އެއްކުރެވޭ މަޢުލޫމާތު ރާއްޖޭގެ މަސްވެރިކަން ދެމެހެއްޓެނިވިގޮތެއްގައި ކުރިޔަށްގެންދިޔުމުގެ އިތުރުން ރާއްޖޭގެ ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކުރުމަށް ސިޔާސަތު ކަނޑައެޅުމުގައިވެސް ބޭނުން ކުރެވޭނެއެވެ.