ހަރުކަށި ފިކުރަށް ނިސަބަތްވާ ބަޔަކު މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ބިދޭސީއަކަށް ހަމަލާދީ ހިންގާފައިވާ ފިނޑި ޢަމަލާއި ގުޅިގެން ބޭއްވެވި ނެޝަނަލް ސެކިއުރިޓީ ކައުންސިލް(އެން.އެސް.ސީ.) ޓުއަރިޒަމް ދާއިރާގެ އިސްފަރާތްތަކާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ޓުއަރިޒަމްދާއިރާގެ އިސްފަރާތްތަކުގެ އިތުރުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އަލްއުސްތާޛު ފައްޔާޟް އިސްމާޢީލާއި މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަހީދުގެ އިތުރުން މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ( އެމްއެމްޕީއާރުސީ)ގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުން ބާއްވަވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. 

މި ބައްދަލުވުމުގައި، އެން.އެން.ސީ. ގެ ފަރާތުން، ޓުއަރިޒަމްދާއިރާގެ އިސް ފަރާތްތަކަކަށް ވަނީ މި ހަރުކަށި ޢަމަލާ ގުޅިގެން ދިވެހި މުޖްތަމަޢާއި އިޤްތިޞާދަށް އޮތް ނުރައްކާތެރިކަން ފާހަގަކުރައްވާ މިކަމުގައި ދުރާލާ ފިވަޅުތަކެއް އަޅާނެކަމާއި މިފަދަ ޢަމަލުތައް ހުއްޓުވުމުގައި ކުޑަވެސް ދުލެއް ނުދެއްވާ ކުރިޔަށްދާނެ ކަމުގެ ޔަޤީންކަން ފަތުރުވެރިކަމުގެދާއިރާގެ ފަރާތްތަކަށް ދެއްވާފައެވެ. މީގެ އިތުރުން މި ހަރުކަށި ހަމަލާއާ ގުޅިގެން ސަލާމަތީ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ މަޢުލޫމާތުތައް ވެސް ޓުއަރިޒަމް ދާއިރާގެ އިސްފަރާތްތަކާ އެން.އެން.ސީ އިން  މި ބައްދަލުވުމުގައި ޙިއްޞާކުރެއްވިއެވެ. އަދި މިކަމުގައި އިތުރަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައި ވެއެވެ. 

މި ބައްދަލުވުމުގައި ޓުއަރިޒަމްދާއިރާގެ އިސްފަރާތްތަކުން ވަނީ މިކަމާގުޅިގެން ކުރަންޖެހޭ ކަންކަމުގައި ޓުއަރިޒަމްދާއިރާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމަށް ވިދާޅުވެފައެވެ.