ދިވެހި ރައްޔިތުންނާއި، މި ޤައުމުގައި ދިރިއުޅޭ ބިދޭސީންނާއި، މި ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެއްވެންހުރި ހުރިހައި މަސައްކަތެއް ސަރުކާރުން ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ބިދޭސީއަކަށް ހަމަލާދީ ހިންގާފައިވާ ފިނޑި ޢަމަލާއި ގުޅިގެން ބޭއްވެވި ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެން.އެސް.ސީ.) ގެ ކުއްލި ބައްދަލުކުރެއްވުމަކަށްފަހު ސަރުކާރުން ނެރުއްވި ނޫސްބަޔާނެއްގައެވެ. ތިރީގައި އެވަނީ މިކަމާގުޅޭގޮތުން ސަރުކާރުން މިއަދު ނެރުއްވި ނޫސް ބަޔާނެވެ.

"އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ބިދޭސީއަކަށް ހަމަލާދީ ހިންގާފައިވާ ފިނޑި ޢަމަލާއި ގުޅިގެން ދަންނަވަމެވެ. ދިވެހި ރައްޔިތުންނާއި، މި ޤައުމުގައި ދިރިއުޅޭ ބިދޭސީންނާއި، އަދި މި ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތަކެވެ. އަދި ދިވެހިރާއްޖޭގެ ސަރަޙައްދުގައި މިފަދަ ފިނޑި ޢަމަލުތައް ހިންގުމަށް މަސައްކަތްކުރާ، އަދި މިފަދަ ޢަމަލުތައް ހިންގާނެކަމުގެ އިންޒާރުދޭ ފަރާތްތަކާއި ދެކޮޅަށް، ވަގުތުން ވަގުތަށް ފިޔަވަޅު އަޅަމުންދާނެ ކަމުގައިވެސް ދަންނަވަމެވެ.

ހުޅުމާލޭގައި ހިންގި ޢަމަލުގެ ފުރިހަމަ ތަހުޤީޤެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ކުރަމުންނެވެ. މި ޢަމަލު ހިންގުމުގައި ބައިވެރިވެފައިވާކަމަށް ޝައްކުކުރެވޭ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމުގައި ދަންނަވަމެވެ. އަދި، އެ ހާދިސާގައި އަނިޔާވި ތިން ބިދޭސީންނަށް ބޭނުންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދެމުންދާކަމާއި، އެ ތިން މީހުންގެ ޙާލު ރަނގަޅުކަމަށް މި ފުރުޞަތުގައި ދަންނަވަމެވެ. މިއާއިއެކު، މި ފަދަ ހަމަލާތަކާއި، ހަރުކަށި ފިކުރުގެ މިފަދަ އެހެން ޢަމަލުތަކަކީ ޤައުމީ ސަލާމަތަށްހުރި ވަރަށް "ސީރިއަސް" ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ދެކޭކަންވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

މި ހާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިފަދަ ޢަމަލުތަކާއިމެދު ފަރުވާތެރިވެ، ޝައްކުކުރެވޭ އެއްވެސް ކަމެއް ފެނިއްޖެނަމަ، ވީ އެންމެ އަވަސް ފުރުޞަތެއްގައި އެކަމަކާއިބެހޭ މަޢުލޫމާތު ކަމާއިބޭހޭ އިދާރާތަކާއި ޙިއްޞާކުރެއްވުމަށް ޢާންމުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. އަދި، މިފަދަ ނުރައްކާތެރި ޢަމަލުތަކާއި، ހަރުކަށި ފިކުރުގެ އެއްވެސް ޢަމަލަކަށް ދިވެހިރާއްޖެއިން ފުރުޞަތު ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އަރުވާފައިވެއެވެ. މީގެ އިތުރުން، މިފަދަ ހާދިސާތަކާއި ގުޅިގެން ރަސްމީ އިދާރާތަކުން ހާމަކުރާ މަޢުލޫމާތަށް މެނުވީ ބަރޯސާނުވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ހުޅުމާލޭގައި ދިން ހަމަލާއާއި ގުޅިގެން އިތުރަށް ދަންނަވަމެވެ. މި ހަމަލާގެ ފަހަތުގައިވާ ކަންކަމާއި ޝާމިލުވާ ފަރާތްތައް ހޯދާ، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް، ފުލުހުން ކުރިއަށްގެންދަވާ ތަހުޤީޤުގެ ކަންތައްތައް ސަރުކާރުން ވަރަށް ގާތުން ބަލަމުން ގެންދާނަމެވެ. އަދި، މިކަމާއި ގުޅިގެން ޢާންމުންނާއި ޙިއްޞާ ކުރައްވަން ޖެހޭ މަޢުލޫމާތު ވަގުތުން ވަގުތަށް ޢާންމުންނާއި ޙިއްޞާ ކުރައްވަމުން ގެންދަވާނެ ކަމަށްވެސް މި ފުރުޞަތުގައި ދަންނަވަމެވެ."