ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސްވިޑްންގެ ސްޓޮކްހޯމް އެންވަޔަރަންމަންޓް އިންސްޓިޓިއުޓަށް މިއަދު ޒިޔާރަތް ކުރައްވައި، އެ އިންސްޓިޓިއުޓްގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތިމާވެށްޓަށް ކުރިމަތިވަމުންދާ މައްސަލަތަކުގެ މައްޗަށާއި، ތިމާވެށި ޙިމާޔަތް ކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ރައީސް ނަޝީދު ބައްލަވާލެއްވިއެވެ. އަދި ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރައްވައި ސަލާމަތް ކުރެއްވުމަށް އެޅުއްވެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން އެ އިންސްޓިޓިއުޓްގެ އިސްބޭފުޅުންނާ އެމަނިކުފާނު މަޝްވަރާ ކުރެއްވިއެވެ.

ސްވިޑްންގެ ސްވެކޯ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރާއި، އެ ކުންފުނީގެ އިސް ބައެއް ބޭފުޅުންނާވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި، އެކުންފުނިން ކުރަމުންދާ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލު، އެބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވިއެވެ. އެކުންފުނިން ރާއްޖޭގައި މިހާރުވެސް މަޝްރޫޢެއް އެބަ ހިންގަމުން ގެންދެއެވެ. އެއީ، އަރިއަތޮޅު ދެކުނުބުރީ ބޮޑުކާށިހުރާގައި ހައްދަވަން ނިންމަވާފައިވާ ކުނި ނައްތާލުމުގެ ނިޒާމާބެހޭ ދިރާސާގެ މަސައްކަތެވެ. މިމަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ބެހޭގޮތުންވެސް އެބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް މަޢްލޫމާތު އެރުވިއެވެ. އަދި ކުނި ނައްތާލުމުގެ ނިޒާމު، ރާއްޖޭގައި ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދެވުމަށްޓަކައި ކުރެވެންހުރި ކަންކަމާ ބެހޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާ ކުރެއްވިއެވެ.