ޗައިނާގައި ހަލުވިކަމާއިއެކު ފެތުރެމުންދާ "ނޮވެލް ކޮރޯނާވައިރަސް" އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވާކަން ސަރުކާރުން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހަވީރު ބޭއްވެވި ނޫސްވެރީންގެ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދާއި މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީނެވެ.

ކޮރޯނާވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ސަރުކާރުން މިހާރު މިވަނީ، ޗައިނާއިން ފުރައިގެން ނުވަތަ އެ ޤައުމުގައި ޓްރާންސިޓްކޮށްފައި އަންނަ އެއްވެސް ދަތުރުވެރިއަކު ރާއްޖެ އެތެރެވުން ވަގުތީ ގޮތުން މަނާކުރައްވާފައެވެ. މިކަމާއިބެހޭ ގޮތުން މަޢުލޫމާތު ޙިއްޞާ ކުރައްވަމުން ޢަލީ ވަޙީދު ވިދާޅުވީ، މީގެ ތެރޭގައި ޗައިނާއިން ފުރައިގެން އަންނަ ނުވަތަ އެ ޤައުމުގައި ޓްރާންސިޓްކޮށްފައި ދަތުރުކުރާ އެހެން ޤައުމުތަކުގެ ރައްޔިތުންވެސް ހިމެނޭ ކަމަށެވެ. މީގެ ތެރޭގައި ވައިގެ މަގުންނާއި ކަނޑުމަގުން ދަތުރުކުރާ މީހުންވެސް ހިމެނޭކަމަށާއި، ނަމަވެސް ދިވެހީން އިސްތިސްނާވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން ސަރުކާރުން ނެރުއްވާފައިވާ "ޓްރަވަލް އެޑްވައިޒަރީ" އަށް ޢަމަލުކުރާން ފަށާނީ މިރޭ ދަންވަރު 12:00 އިން ފެށިގެން ކަމަށާއި، މިގޮތަށް ޢަމަލުކުރާން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާފައިވަނީ ދިވެހި ހުރިހާ ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުންނާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމުގެ ގޮތުން ކަމަށްވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ޙިއްޞާ ކުރައްވަމުން ޢަލީ ވަޙީދު ވިދާޅުވީ، ޗައިނާގެ ވޫހާންގައި ތިބި ދިވެހީންގެ ތެރެއިން މިހާރު އިންޑިއާއަށް ބަދަލުކޮށްފައިވާ ދިވެހީންގެ ޙާލަތު ޚާރިޖީ ވުޒާރާއިން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.

ކޮރޯނާވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭގޮތުން އިތުރަށް މަޢުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ އެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، މީގެ ތެރޭގައި ރާއްޖެއަށް އެތެރެވެވޭ ހުރިހާ "ޕޮއިންޓް އޮފް އެންޓްރީ" ތަކުގައި ދަތުރުވެރީން ސްކްރީން ކުރުން އިތުރަށް ވަރުގަދަކުރުމަށް މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި، މި ބަލީގެ އަލާމާތްތައް ފެންނަ މީހުންނާއި، މި ބައްޔަށް ޝައްކު ކުރެވޭ މީހުން ބެއިތިއްބުމަށް ކަނޑައަޅުއްވާފައިވާ ޚާއްޞަ މަރުކަޒުތަކަށް ބޭނުންވާ ޚިދުމަތްތެރީން ހޯދާ، ތަމްރީނު ކުރުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.