ދިވެހިރާއްޖެއަށް ޒިޔާރަތެއް ކުރެއްވުމަށް ދަޢުވަތު އަރުވައި، މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑޮކްޓަރ މަހާތީރު މުޙަންމަދަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ސިޓީފުޅެއް ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިސިޓީފުޅު ޑޮކްޓަރ މަހާތީރަށް އެރުވީ، އެމަނިކުފާނުގެ އަރިހަށް، މެލޭޝިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރ މުޙަންމަދު ޒަކީ މިއަދު ކުރެއްވި ޒިޔާރަތުގައެވެ.

ޕުތުރަޖާޔާގެ ޕަރުދަނާ ލީޑަރޝިޕް ފައުންޑޭޝަނުގައި ބޭއްވެވި މބައްދަލުކުރެއްވުމުގައި ސިޔާސީ ރޮނގުންނާއި އިޤްތިޞާދީ ރޮނގުން ރާއްޖެ ހޯދާފައިވާ ކުރިއެރުންތަކުގެ މަޢްލޫމާތު، ސަފީރު މުޙަންމަދު ޒަކީ ޑޮކްޓަރ މަހާތީރަށް އެރުވިއެވެ. އަދި މެލޭޝިޔާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮންނަނީ ވަރަށް ޒަމާންވީ ގާތް ގުޅުމެއް ކަމަށާއި، މެލޭޝިޔާގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަކީ މިސާލެއް ކަމަށް ދިވެހިރާއްޖެއިން ދެކޭ ކަމުގައިވެސް ސަފީރު ވިދާޅުވިއެވެ.

ޑޮކްޓަރ މަހާތީރު މުޙަންމަދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ޒިޔާރަތެއް ކުރެއްވުމަށް ދަޢުވަތު ދެއްވީތީ، ރައީސް ނަޝީދަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރައީސް ނަޝީދަށާއި ދިވެހި ސަރުކާރާއި ރައްޔިތުންނަށް އެމަނިކުފާނުގެ އިޙްލާޞްތެރި ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މީގެއިތުރުންވެސް، ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމުގައި، މެލޭޝިޔާއިން ލިބެންހުރި ފުރުޞަތުތަކާމެދު ޑޮކްޓަރ މަހާތީރު ވާހަކަފުޅު ދެއްކެވިއެވެ.

ޑޮކްޓަރ މަހާތީރަކީ 1981 ން 2003 އަށް މެލޭޝިޔާގެ ބޮޑުވަޒީރުކަން ކުރެއްވި އަދި އެޤައުމަށް ޒަމާނީ ތަރައްޤީ ގެނެސްދެއްވި ބާނީއެވެ.