އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އެޖެންސީ (އައިރީނާ)ގެ މެންބަރު ޤައުމަކަށް ދިވެހިރާއްޖެވުމުގެ މައްސަލަ، ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން ނިންމަވައި ދެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މި މައްސަލަ، ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް މިފޮނުއްވީ، ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރަންވާނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުން ފާސްކުރުމަށްފަހު، މަޖިލީހުން ނިންމާ ގޮތުގެ މަތިން ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާތީއެވެ.