ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ވޮޝިންގޓަނަށް ވަޑައިގެން، ވާރލްޑް ބޭންކުގެ ދެކުނު އޭޝިއާ ސަރަޙައްދުގެ ނައިބު ރައީސް މިޒް އީސަބެލް ގުއެރޭރޯ އާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ރީޖަނަލް ޑިރެކްޓަރ ޕައުލޯ މާޓެއްލީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ އިޤްތިޞާދަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކާ ބެހޭގޮތުންނާއި، ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ރާއްޖޭގެ ތިމާވެށްޓަށް ކުރިމަތިވާ ދަތިތަކާއި، އަދި ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލަތަކާ ބެހޭގޮތުން ނައިބު ރައީސް ޑޮކްޓަރ ވަޙީދު ވާހަކަފުޅު ދެއްކެވިއެވެ. އަދި ރާއްޖެއަކީ ކަރބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭގޮތުން މަޢްލޫމާތު ދެއްވައި، މިމަސައްކަތުގެ ޕްލޭނެއް އެކުލަވާލުމުގައި ވާރލްޑް ބޭންކުގެ ފަންނީ އެހީ ހޯއްދެވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ވާރލްޑް ބޭންކުގެ ދެކުނު އޭޝިއާ ސަރަޙައްދުގެ ނައިބު ރައީސް މިޒް އީސަބެލް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ކަރބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ދިވެހި ސަރުކާރުން ނިންމަވާފައިވާ ނިންމެވުމަށް މަރްޙަބާ ވިދާޅުވެ، މިމަސައްކަތުގައި ވާރލްޑް ބޭންކުން އެހީތެރިވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ވާރލްޑް ބޭންކާއި، އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން ގުޅިގެން ރާއްޖޭގެ ޕްރައިވެޓް ސެކްޓަރަށް އަމާޒުކޮށްގެން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޙަރަކާތްތަކެއް ހިންގެވުމާ ބެހޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދެއްކެވިއެވެ. އަދި އާ ޓެކްނޯލޮޖީ ތަޢާރުފުކޮށް، ކަރބަލް ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތުގެ ޕްލޭނާ، އެ އާ ޓެކްނޯލޮޖީ ގުޅުވާލެވޭނެ ގޮތެއް ހޯއްދެވުމާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ވަރލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރ މިރްޒާ ޙަސަނާވެސް އިއްޔެ ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ރާއްޖެއަށް ކުރިމަތިވެފައިވާ އެކި ކަންތައްތަކުގައި ވާރލްޑް ބޭންކަށް އެހީތެރިވެދެއްވިދާނެ ގޮތްތަކާ ބެހޭގޮތުންނާއި، ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯއްދަވައިދެއްވުމުގައި، ވާރލްޑް ބޭންކަށް ކޮށްދެއްވިދާނެ ކަންތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު އެމެރިކާއަށް މިކުރައްވާ ދަތުރުފުޅުގައި، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ކޯޑިނޭޓަރ ފޮރ ކައުންޓަރ ޓެރަރިޒަމް، އެމްބެސެޑަރ ޑެނިއަލް ބެންޖަމިންއާ އިއްޔެ ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސަރަޙައްދީ ބޯޑަރުތައް ހަރުދަނާ ކުރުމާއި، މަސްތުވާތަކެތީގެ މައްސަލަތަކާ ބެހޭގޮތުންނާއި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލްގައި މިހާރަށްވުރެ ފުރިހަމަ މަޢްލޫމާތުގެ ނިޒާމެއް ޤާއިމު ކުރެއްވުމަށް އެމެރިކާ ސަރުކާރުގެ އެހީއަށް އެދިވަޑައިގެންފައިވުމާއެކު، މިކަމާ ބެހޭގޮތުންވެސް ނައިބު ރައީސް ޑޮކްޓަރ ވަޙީދު މަޝްވަރާ ކުރެއްވިއެވެ.