ރާއްޖޭގެ ތިމާވެށްޓަށް ކުރިމަތިވަމުންދާ މައްސަލަތަކާ ގުޅޭގޮތުން ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އެމެރިކާގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ އިސް ބޭފުޅުންނާ މަޝްވަރާ ކުރައްވައިފިއެވެ. މިގޮތުން، އެ އޭޖެންސީގެ ސީނިއަރ އެޑްވައިޒަރ މާކް އެސް ކެސުމަން އާއި، ސައުތު އޭޝިޔާ ޕްރޮގްރާމް މެނޭޖަރ ކެމެލާ ޓީޒާ އާއި، އަދި އެ އޭޖެންސީގެ އިސްބޭފުޅެއް ކަމަށްވާ ޖޭމްސް ޓައިޓަންއާ ނައިބު ރައީސް ބައްދަލުކުރައްވައި، މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ދިމާވާ އެކިއެކި ދަތިތަކާ ބެހޭގޮތުން އެބޭފުޅުންނަށް މަޢްލޫމާތު އެރުވިއެވެ. އަދި ރާއްޖޭގެ ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، މިކަމުގައި ރާއްޖެއަށް ވެދެއްވިދާނެ އެހީތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެދުމަށް ކުރަމުންދާ މަސައްކަތުގައި، ކަމާބެހޭ ތާވަލެއް އެކުލަވާލުމުގައި، އެ އެޖެންސީގެ އެހީތެރިކަމާއި އެއްބާރުލެއްވުން ހޯއްދެވުމާ ބެހޭގޮތުންވެސް ޑޮކްޓަރ ވަޙީދު އެބޭފުޅުންނާ ވާހަކަފުޅު ދެއްކެވިއެވެ. އަދި އެ އޭޖެންސީގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖެއަށް މިކުރިމަތިވެފައިވާ އަދި ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަތަކާބެހޭ ދިރާސާއެއް ހެއްދެވުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.