އޮސްޓްރޭލިޔާގެ ޖަންގަލީގެ ރޯވެ ފެތުރެމުންދާ އަލިފާނުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންއަށް ހަމްދަރުދީ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހަމްދަރުދީގެ މި މެސެޖުގައި، އޮސްޓްރޭލިޔާގެ ޖަންގަލީގައި ރޯވެ ފެތުރެމުންދާ އަލިފާނުގެ ސަބަބުން އެތައްބައެއްގެ ފުރާނަގެއްލި، ގެދޮރާއި ތަކެއްޗާއި ގުދުރަތީ ދިރުންތަކަށް ލިބެމުންދާ ގެއްލުންތަކަކީ ސިހުން ލިބިވަޑައިގެންނެވި ބޮޑެތި ގެއްލުންތަކެއްކަމުގައި ވިދާޅުވެފައި ވެއެވެ.

އޮސްޓްރޭލިޔާއަކީ ރާއްޖެއާ ވަރަށް ގާތްރަޙުމަތްތެރި ގުޅުމެއް އޮންނަ ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މިދަތި އުނދަގޫ ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ހިތުގެ އިޚްލާޞްތެރި ހަމްދަރުދީ އޮސްޓްރޭލިޔާގެ ސަރުކާރާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އޮސްޓްރޭލިޔާގެ ޖަންގަލީގައި ރޯވެ، ފެތުރެމުންދާ އަލިފާނުގެ ސަބަބުން ދިރިއުޅޭ މާޙައުލާއި އަދި ދިރުންތަކަށް ލިބެމުންދާ ގެއްލުންތަކުން ދޭހަކޮށްދެނީ ތިމާވެއްޓާމެދު އިންސާނުންގެ ޢަމަލުތައް ބެހެއްޓޭ ނުރަނގަޅު ގޮތްތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތައް އިތުރަށް ގޯސްވަމުންދާ މިންވަރުކަން ފާހަގަކުރައްވާފައި ވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ތިމާވެށީގެ ކުއްލި ހާލަތްތަކުން އަރައިގަތުމަށް ދުނިޔޭގެ ޤައުމުތައް ގުޅިގެން ކުރެވޭ މަސައްކަތުގައި ބައިވެރިވެ ކުރިޔަށްދިއުމަށް ރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮންނާނެކަމަށާ އަދި ވަކިން ޚާއްޞަކޮށް މިހާރު އޮސްޓްރޭލިޔާގެ ޖަންގަލީގައި ރޯވެ ހިނގަމުންދާ އަލިފާނުގެ ހާދިސާތަކުގައިވެސް އޮސްޓްރޭލިޔާގެ ރައްޔިތުންނާ އެކުގައި ރާއްޖޭގެ ރައްޔިތުން ތިބިކަން ވެސް ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން މި ޙާދިސާގެ ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތުގައި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.

އޮސްޓްރޭލިޔާގެ ޖަންގަލީގައި ރޯވެ ފެތުރެމުންދާ އަލިފާނުގެ ސަބަބުން މިހާތަނަށް 25 މީހެއްގެ ފުރާނަ ގެއްލި، 10 ހެކްޓަރުގެ ސަރަޙައްދެއް އަނދައިގެން ގޮސްފައިވެއެވެ. އަދި އަލިފާނުގެ ސަބަބުން ހަމައެކަނި ސައުތު ވޭލްސް ސަރަޙައްދުންވެސް ބައި މިލިޔަނަށްވުރެ ގިނަ ޖަނަވާރު މަރުވެ ގޮސްފައިވާކަމަށް އަންދާޒާ ކުރެވެއެވެ.