އިންޑޮނީޝިޔާގެ ޖަކާޓާގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކަށް އަނިޔާވެ، ހާލުގައިޖެހި، އާންމުންގެ ގެދޮރަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތައް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯއަށް ހަމްދަރުދީ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހަމްދަރުދީގެ މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، މި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ ޢާއިލާތަކާއި ހާލުގައި ޖެހިފައިވާ ފަރާތްތަކާއި އަދި އިންޑޮނީޝިޔާގެ ސަރުކާރަށާއި ޢާންމު ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ޙާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތުގައި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.

އިންޑޮނޭޝިޔާއަށް މިދިޔަ ހަފުތާގެ އަންގާރަދުވަހުން ފެށިގެން ކުރަމުންދާ ވިއްސާރައިގައި ވެރިރަށް ޖަކާޓާގައި ފެންބޮޑުވެ ހިނގި ހާދިސާތަކާއި ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެންގޮސް ހިނގި ހާދިސާތަކުގައި މިހާތަނަށް 65 މީހަކު މަރުވެފައިވެއެވެ. އަދި މި ހާދިސާތަކުގައި މިހާތަނަށް ހާހަކަށްވުރެ ގިނަ މީހުން ހާލުގައިޖެހިފައި ވެއެވެ.