ރައްޔިތުން އުފެއްދި މި ސަރުކާރު، މާތް ﷲގެ ވާގިފުޅާއެކު ދެމިއޮންނާނީ، ފުދުންތެރި އަދި ބާއްޖަވެރި ދިރިއުޅުމަކަށް ރައްޔިތުން ކުރާ އުންމީދުތައް، ޙަޤީޤަތަކަށް ހަދައިދިނުމުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މީލާދީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި މީލާދީ އައު އަހަރަކަށް މަރުޙަބާ ކިޔާ މި އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވައި، ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ނިމިގެން ދިޔަ 2019 ވަނަ އަހަރަކީ، اللهُ سُبْحَانَهُ وَتَعَالَى ގެ މަދަދާއި ހެޔޮ ތައުފީޤާއެކު، މުޅި ރާއްޖޭގައި ޞުލްޙަވެރިކަން ޤާއިމުކުރެވުނު އަހަރެއްކަން ފާހަގަކުރައްވާފައި ވެއެވެ. އެގޮތުން ސިޔާސީ ދެބަސްވުންތަކާއި އަރައިރުންތަކުން ދުރަށް ޖެހި، ޢާއިލީ އަދި އިޖްތިމާޢީ ގުޅުންތަކުން، މުޖްތަމަޢުގައި އުފާވެރިކަން ފަތުރައިލަދިން އަހަރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އިޙްތިރާމާއި ޤަދަރު ރާއްޖެއަށް ލިބުނު އަހަރެއްގެ އިތުރުން އިޤްތިޞާދީ ގޮތުންވެސް ރާއްޖެ ކަޑައްތުކުރީ، ފާގަތި އަދި ފުދުންތެރި ދުވަސްތަކެއްކަން އެމަނިކުފާނުގެ ޚިތާބުގައި ފާހަގަކުރައްވާފައި ވެއެވެ.

މި ފެށުނު 2020ވަނަ އަހަރުގެ ތެރޭގައި ވެސް، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ، އިޖްތިމާޢީ ޢަދާލަތު ޤާއިމުކޮށް، ރައްޔިތުންނަށް އުފާވެރި އަދި ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށްދީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް، ހަމަހަމަކަމާއި ޢަދުލުވެރިކަމާ އެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

އައު އަހަރަކާ ކުރިމަތިލާއިރު ލާމަރުކަޒީ ޤާނޫނު ގެނައި 8 ވަނަ އިޞްލާޙާއެކު އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން، ފުރިހަމަ މާނައިގައި ރާއްޖެ ލާމަރުކަޒީވެގެން ދާނެކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މިއާއެކު ޖަޒީރާވަންތަ ރާއްޖެއެއްގެ ގޮތުގައި، ރާއްޖެ ތަރައްޤީ ކޮށްދިނުމަށް ރައްޔިތުން އެދުނު އެދުމާ އެއްގޮތަށް، އެކަން ކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު، ރައްޔިތުންގެ އަތްމައްޗަށް ދީ، މާލީ ގޮތުންނާއި އިދާރީ ގޮތުން، ކައުންސިލްތަކަށް މިހާރު ފުރިހަމަ މިނިވަންކަން ދެވިފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފެށުނު އަހަރުގައިވެސް ދައުލަތުގެ ކޮންމެ މުއައްސަސާއަކުން، އަދި ދައުލަތުގެ މަޤާމެއްގައި ހުރި ކޮންމެ މީހަކުމެ، މަސައްކަތް ކުރަންވީ، ރައްޔިތުންގެ މަޞްލަޙަތު އިސްކޮށް، ޤާނޫނުގެ ވެރިކަން ދަމަހައްޓައި، ޞުލްޙަޔާއި އަމާންކަމުގެ މާޙައުލެއްގައި، ތަރައްޤީގެ މުޅިން އައު މަރުޙަލާއަކަށް ރާއްޖެ ގެންގޮސްދިނުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވާފައި ވަނީ މިފެށުނު 2020 ވަނަ އަހަރަކީ، މާތް ﷲގެ ވާގިފުޅާއި މަދަދާއެކު، ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ބާއްޖަވެރި، އަދި ޤައުމީ ތަރައްޤީގެ ރާސްތާގައި، މަތިވެރި ކާމިޔާބީތަކެއް ޙާޞިލު ކުރެވޭނެ އަހަރެއްކަމުގައި ލެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.