ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ކެލިފޯނިއާ ސްޓޭޓް ގަވަރންމަންޓް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީގެ ސެކްރެޓެރީ ލިންޑާ އެޑަމްސްއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި، ކެލިފޯނިއާއާއި ރާއްޖެއާ ދެމެދު ތިމާވެށީގެ ދާއިރާގައި ގުޅުން ބަދަހިކުރެއްވުމާބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ރާއްޖެއަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތެރިކަން ކުރިމަތިވެފައިވާ ޤައުމަކަށްވުމާއެކު، މިކަމުގައި ކެލިފޯނިއާއިން ރާއްޖެއަށް އެހީތެރިކަން ވެދެއްވިދާނެ ގޮތްތަކާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ލިންޑާ އެޑަމްސް ވާހަކަފުޅު ދައްކަވަމުން، މިއަހަރުގެ އޮކްޓޯބަރމަހު ކެލިފޯނިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ މޫސުމާބެހޭ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުޙަންމަދު ނަޝީދަށާއި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދަށް ދަޢުވަތު އެރުއްވިއެވެ. އަދި މި ޖަލްސާ ފެށެންވާއިރަށް ރާއްޖެއާއި ކެލިފޯނިއާއާ ދެމެދު ތިމާވެށްޓާބެހޭގޮތުން އެއްބަސްވުމެއް އެކުލަވާލައި، މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ތިމާވެށްޓާބެހޭ ތަޖުރިބާކާރުންނަށް ޚާއްޞަ ކުރައްވައިގެން ކެލިފޯނިއާގައި ތަފާތު ޕްރޮގްރާމްތައް ހިންގިދާނެ ކަމުގައި ލިންޑާ އެޑަމްސް ވިދާޅުވިއެވެ.

ރާއްޖެއަކީ، ކާބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުން ލިންޑާ އެޑަމްސް ވަރަށް ބޮޑަށް ފާހަގަ ކުރައްވައި، މިކަމުގައިވެސް ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކުގެ މައްޗަށް ނައިބު ރައީސް ބައްލަވާލައްވައި، ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މަޢްލޫމާތު ލިންޑާ އެޑަމްސްއަށް އެރުވިއެވެ.