އަބުރާ ބެހުމުގެ ކުށް، ޖިނާއީ ކުށެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، އެކަމަށް މަދަނީ ޙައްލެއް ހޯއްދެވުން ރަނގަޅުވާނެ ކަމަށް ފެނިވަޑައިގަންނަވާތީ، އެކަމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން، ޤާނޫނު ނަންބަރު 68/10 ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ޗެޕްޓަރ 4 އަށް އިޞްލާޙު ގެންނެވުމުގެ ބިލެއް، ރައީސް މުޙަންމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ. މިގޮތުން ހުށަހަޅުއްވާފައިވަނީ، މި ޤާނޫނުގެ 150 ވަނަ މާއްދާއިން ފެށިގެން 166 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތައް އުނިކުރެއްވުމަށެވެ.

މި ބިލް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ދެއްވުން އެދިވަޑައިގެން، ރައީސް މުޙަންމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީފުޅުގައި، މި ބިލް ވަރަށް އަވަހަށް ނިންމަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް މުޙަންމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި އަނެއް ދެބިލަކީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ބިލާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުގެ ބިލެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ބިލަކީ، ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓައި، އާލާކުރުމާބެހޭ އުޞޫލުތަކާއި ހަމަތައް ބަޔާން ކުރުމުގެ ބިލެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުގެ ބިލަކީ، ދިވެހިރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އުޞޫލުތައް، ދީމުޤްރާޠީ އެހެން މުޖްތަމަޢުތަކެކޭ އެއްފަދައިން، ކަމާގުޅޭ ބައިނަލްއަޤްވާމީ ހަމަތަކާއި އުޞޫލުތަކާ ފައިހަމަވާ ގޮތެއްގައި އެކަށައެޅުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުގެ ތެރޭގައި ނުހިމެނޭނެ ޙާލަތްތައް ބަޔާން ކުރުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤާ ގުޅޭ ޢާންމު ބައެއް ހަމަތައް ބަޔާންކޮށް ކަނޑައެޅުމުގެ ބިލެވެ.