ވަކި އާދައެއްގެ މަތިން ރައީސް މުޙަންމަދު ނަޝީދު، ދިވެހި ޤައުމާ މުޚާޠަބު ކުރެއްވުމަށް ނިންމަވާފައިވާ ގޮތުގެމަތިން، އެމަނިކުފާނުގެ ދެވަނަ ރޭޑިޔޯ ޚިޠާބު މާދަމާ ދެއްވާނެއެވެ. ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި މިޚިޠާބު އެމަނިކުފާނު ދެއްވާނީ، މާދަމާ ހެނދުނު 7.15ގައި ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައެވެ.

ރައީސް ނަޝީދު މާދަމާ މިދެއްވާ ރޭޑިޔޯ ޚިޠާބުގައި "އަނާ ލިންދު ޕްރައިޒް 2009"ގެ ޝަރަފުގެ ހަނދާނާ ހަވާލުވެވަޑައިގަތުމަށް އެމަނިކުފާނު ސްވިޑްންއަށް ކުރައްވާ ދަތުރުފުޅާ ބެހޭގޮތުންނާއި، ސަރުކާރަށް ލިބެންޖެހޭ ވަރަށްގިނަ އަދަދެއްގެ ފައިސާ ހުރުމާއެކު، އެފައިސާ ސަރުކާރަށް ހޯއްދެވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާނެއެވެ. އަދި ސަރުކާރާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ރައްޔިތުންނަށް ދެއްވަން ނިންމަވާފައިވާ ޚިދްމަތްތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައި، ކަރަންޓާއި ފެނާއި ނަރުދަމާފަދަ އަސާސީ ޚިދްމަތްތައް ދެއްވުމަށް އުފެއްދެވި ޔުޓިލިޓީޒް ކުންފުނިތަކަށް އިންވެސްޓަރުން ހޯއްދެވުމަށް ކުރައްވާ މަސައްކަތްތަކުގެ މައްޗަށްވެސް ރޭޑިޔޯ ޚިޠާބުގައި ރައީސް ބައްލަވާލައްވާނެއެވެ.