‎ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.
‎ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި މިބިލަކީ މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 72 ވަނަ ޖަލްސާގައި ފާސްކުރި ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ބިލެވެ.
‎މިބިލު މިއަދު ތަސްދީގުކުރެވި ޤާނޫނަކަށް ވެގެންދިއުމާއެކު މި ޤާނޫނުން ޕެސްޓިސައިޑާ ބެހޭ ކަންތައްތައް އެންމެ ރަނގަޅު ފެންވަރުގައި ބެލެހެއްޓުމަށްޓަކައި ޒިންމާވާނެ ޕެސްޓިސައިޑާބެހޭ ޔުނިޓެއް ދިވެހިރާއްޖޭގައި ދަނޑުވެރިކަމާބެހޭ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގައި ޤާއިމުކުރެވި، މި ޔުނިޓުގެ މަސައްކަތްތައް ވަކިވަކިން ބަޔާންކުރެވިގެންދާނެއެވެ. އަދި ޕެސްޓިސައިޑުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަނޑައަޅައި ތަންފީޛުކުރުމާއި، ޕެސްޓިސައިޑް ތަޙްލީލު ކުރުމަށްޓަކައި ރަސްމީ ލެބޯރޓަރީތައް ޤާއިމްކުރެވިގެންދާނެއެވެ. މީގެއިތުރުން ޕެސްޓިސައިޑްގެ ވިޔަފާރި މޮނިޓަރކޮށް ކަމާގުޅޭ ތަފާސްހިސާބު އެއްކޮށް އިވެލުއޭޓްކުރުމާ ބެހޭ ކަންކަމާއި ގުޅޭ ތަފްސީލުތައް ވެސް ބަޔާންކުރެވިގެންދާނެއެވެ.
‎މި ޤާނޫނާ ޚިލާފަށް ކަންކަން ކުރަމުންދާ ފަރާތްތަކާ މެދު އަދަބެއްގެ ގޮތުން 5000 ރުފިޔާ އާއި 100000 ރުފިޔާ އާއި ދޭތެރޭގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އަދަބު ކަނޑައެޅުންވެސް މި ބިލުގައި ހިމެނެއެވެ.
‎ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ބިލް، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން މި ބިލުވަނީ ޤާނޫނެއްގެ ގޮތުގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.