އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މުހިންމު 4 އެއްބަސްވުމެއް ބަދަލުކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ބާއްވަވަން ނިންމަވައިފިއެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވަވަން ހަމަޖެހިފައިވާ މި ރަސްމިއްޔާތު ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މި ރަސްމިއްޔާތުގައި ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި ދެ ލީޑަރުންގެ ވާހަކަފުޅު ދެއްކެވުން ވެސް މި ރަސްމިއްޔާތުގައި އޮންނާނެއެވެ.

މިއަދު ބާއްވަވާ މި ރަސްމިއްޔާތުގައި ބަދަލުކުރެވޭ އެއްބަސްވުންތަކުގެ ތެރޭގައި އައްޑޫ ސިޓީގެ 3 ސަރަޙައްދެއްގައި "ގޭދޮށު މަސް ޕްލާންޓް" ޤާޢިމުކުރުމުގެ އެއްބަސްވުމަކާއި ރުޕޭކާޑު ރާއްޖޭގައި ތަޢާރަފުކުރުމާ ބެހޭ އެއްބަސްވުމާއި، މާލޭގެ މަގުބައްތިތައް ލެޑް ބައްތިއަށް ބަދަލުކުރުމުގެ މަޝްރޫޢު އިފްތިތާޙްކުރުމުގެ އެއްބަސްވުމާއި، އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރާ ކަނޑު އުޅަނދު ރާއްޖެއާ ރަސްމީގޮތުން ޙަވާލުކުރުމުގެ އެއްބަސްވުން ހިމެނެއެވެ.

ވީޑިޔޯ ކޮންފަރެންސްކޮށް މިއަދު މި ބޭއްވޭ ރަސްމިއްޔާތަކީ ދިވެހި ސަރުކާރާ ދޭދޭ ޤައުމެއްގެ ސަރުކާރަކާއެކު މިގޮތަށް ބޭއްވޭ ފުރަތަމަ ރަސްމިއްޔާތެވެ.