ރައީސް މުޙަންމަދު ނަޝީދު، އިތުރު ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ. މިގޮތުން ހުށަހެޅުއްވީ ބްރޯޑްކާސްޓް ކުރުމުގެ ބިލެކެވެ. މި ބިލަކީ، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ސިޔާސަތެއް އެކަށައެޅުއްވުމާއި، ”ބްރޯޑްކާސްޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް“ގެ ނަމުގައި ކޮމިޝަނެއް އުފެއްދެވުމާއި، އެ ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އެކަށައެޅުއްވުމާއި، ބްރޯޑްކާސްޓް ކުރުމުގެ ޢާންމު އުޞޫލުތަކާއި، ބްރޯޑްކާސްޓް ކުރުމަށް ލައިސަންސް ދެވޭނެ ގޮތްތައް ބަޔާންކުރެއްވުމާއި، ބްރޯޑްކާސްޓް ކުރުމާ ގުޅޭ އެހެން އެންމެހައި ކަންކަން ބަޔާންކުރެއްވުމުގެ ބިލެވެ.

ސަރުކާރުން މި ބިލް ރައްޔިތުންގެ މަޖިލީހަށް މި ހުށަހެޅުއްވީ، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނެއް ނެތުމުން، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މަގުފަހިކުރެއްވުމާއި، ދުނިޔޭގައި ޚަބަރާއި މަޢްލޫމާތު ފެތުރުމާއި، މުނިފޫހިފިލުވައިދިނުމުގެ ޙަރަކާތްތައް އިތުރުވެ، ފުޅާވަމުން އަންނަ ޒަމާނެއްގައި، ބްރޯޑްކާސްޓް ކުރުމުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރްޞަތު، ރާއްޖޭގެ އަމިއްލަ ފަރާތްތަކަށް ދިނުމަށް ބޭނުންވާހިނދު، އެކަމަށް ހުއްދަ ދެވޭނޭ ޤާނޫނަކަށް ބޭނުންވެފައިވާތީއާއި، އެ ފުރްޞަތު، ވީ އެންމެ އަވަހަކަށް އަމިއްލަ ފަރާތްތަކަށް ހުޅުއްވާލެއްވުމަށް ބޭނުންވާތީއެވެ. އަދި އެކަން ހިންގާނެ ގޮތްތައް ކަނޑައަޅާނޭ ޤާނޫނީ ފަރާތަކާއި، ހިންގާނޭ ފަރާތެއް ހަމަޖައްސައި، ޤައުމީ މަޞްލަޙަތާއި އަމިއްލަ ބްރޯޑްކާސްޓްކުރާ ފަރާތްތަކަށް ބޭނުންވާނޭ ރައްކާތެރިކަމާއި ޙިމާޔަތް ހޯދައިދިނުމަށް ބޭނުންވާ ކަންކަން، ޤާނޫނީ އޮނިގަނޑުގައި އޮތުމުގެ ބޭނުންތެރިކަން ބޮޑުކަމަށްވެސް ސަރުކާރަށް ފެނިވަޑައިގަންނަވާތީއެވެ.