"ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓްތަކަށް އެދި ފޯމު ހުށައަޅާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ބެލުމަށް ގޭގެއަށް ޒިޔާރަތްކުރުމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ނިންމަވައިފިއެވެ.
"ހިޔާ" މަޝްރޫޢު ގެ ދަށުން ފްލެޓު ދިނުމުގައި ބޭއިންސާފުން ޢަމަލުކޮށްފައިވާތީ، އެކަން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ކޮމިޓީގެ ފަރާތުން މިކަން ހާމަކުރައްވާފައިވަނީ، އެކޮމިޓީން ހިޔާ މަޝްރޫޢު ގެ ދަށުން ފްލެޓު ދިނުމުގައި ޢަމަލުކޮށްފައިވާގޮތް ބެލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިރިއުޅުމުގެ ޙާލަތު ދެނެގަތުމާ ގުޅޭގޮތުން ގެޒެޓްކުރި ޢާންމު އިޢުލާނެއްގައެވެ.
ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ މިހިނގާ ޑިސެންބަރު މަހުގެ 2 ވަނަ ދުވަހުން ފެށިގެން، ހެދުނު 10:00 އާއި ހަވީރު 18:00 އާއި ދެމެދުގެ ވަގުތު ތަކުގައި ކަމަށް ކޮމިޓީން ހާމަކުރައްވާފައިވެއެވެ. މި މަސައްކަތުގައި ގޭގެއަށް ޒިޔާރަތްކުރަމުންގެންދާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތައްގަނޑު ޖަހާފައިވާ އައިޑެންޓިފިކޭޝަން ކާޑާއެކު ހަރަކާތްތެރިވާ 2 މީހުންގެ މައްޗަށް އެކުލެވޭ ޓީމު ތަކަކުން ކަމަށް ކޮމިޓީން ހާމަކުރައްވާފައިވެއެވެ. އަދި ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް ގޭގެއަށް ޒިޔާރަތް ކުރުމުގެ ކުރިން 3010718 ނަންބަރުން، ފޯމު ހުށަހަޅާފައިވާ ފަރާތަށް ގުޅުމަށްފަހު، ދާނެ ދުވަހަކާއި ގަޑިއެއް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން އަންގަވާނެއެވެ.
"ހިޔާ" މަޝްރޫޢުގެ ދަށުން ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން މިހާތަނަށް 25,244 ފޯމާއި ފޯމުތަކާއެކު ހުށަހަޅާފައިވާ ލިޔެކިޔުންތައް ތަރުތީބުކޮށް، ކެޓަގަރީތައް ވަކިކުރުމަށްފަހު ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީގެ ފަރާތުން ވަނީ އެ ލިޔެކިޔުންތަކާ ޙަވާލުވެފައެވެ. ފްލެޓް ދިނުމުގައި ޢަމަލުކޮށްފައިވާ ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވާލެއްވި ކޮމިޓީއަށް އެމަސައްކަތުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން އެކޮމިޓީން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ލިޔެކިޔުންތައް ބެލެހެއްޓުމުގައި ވެފައިވާ އިހުމާލުގެ ސަބަބުން ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތަށް ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވާކަން ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ފާހަގަކުރައްވާފައިވެއެވެ.
މި މަޝްރޫޢަށް ފޯމު ހުށަހެޅި ފަރާތްތަކަށް ފްލެޓު ލިބޭނެ ކަމުގެ ލިޔުން ނިމިދިޔަ ސަރުކާރުން ހަވާލުކޮށްފައިވީ ނަމަވެސް "ދިރިއުޅުމުގެ ޙާލަތު"، މި ބަޔަށް ރިޢާޔަތްކޮށްފައިނުވާކަމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ހާމަކުރައްވާފައިވެއެވެ. އަދި "ހިޔާ މަޝްރޫޢު" ގެ ގިނަ ކެޓަގަރީތަކުގައި "ދިރިއުޅުމުގެ ޙާލަތު"، މިބަޔަށް ޕޮއިންޓް ދިނުމަށް ނިންމާފައިވީނަމަވެސް، މިބަޔަށް ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ ކޮން ކަންތައްތަކަކަށް ކަމެއް ނުވަތަ ޕޮއިންޓް ދިނުމުގައި ގެންގުޅެފައިވަނީ ކޮން މިންގަނޑެއްކަމެއް، މިހާތަނަށް ބެލި ބެލުމުން އެނގެން ނެތްކަމުގައި ކޮމިޓީން ފާހަގަކުރައްވާފައިވެއެވެ. މީގެއިތުރުން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް މީގެކުރިން ގޭގެއަށް ޒިޔާރަތްކޮށްފައިނުވާކަންވެސް ކޮމިޓީން ފާހަގަކުރައްވާފައިވެއެވެ.