އިސްލާމް ދީނުގެ މަތިވެރި ޢަޤީދާގައި ސާބިތުވެ ތިބުމަކީ، ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް، ދީނީ އަދި ޤައުމީ ވާޖިބެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞަލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ރާއްޖެ އިސްލާމުވި ދުވަހުގެ މުނާސަބަތުގައި ދެއްވި ހިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، މީގެ 893 އަހަރު ކުރިން، މާތް ﷲގެ އެއްކައުވަންތަކަމުގެ ޢަޤީދާއިން، ދިވެހިންގެ ހިތްތައް އުޖާލާވެގެން ދިޔަ މަތިވެރި ހަނދާންތައް އައު ކުރައްވައި މި އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް، އެމަނިކުފާނުގެ އިޚްލާޞްތެރި މަރުޙަބާ ދަންނަވައި، ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ރާއްޖެއަށް ލިބިފައިވާ ހުރިހާ ނިޢުމަތްތަކެއްގެ ތެރެއިންވެސް، އެންމެ މަތިވެރި އަދި އެންމެ އަގު ބޮޑު ނިޢުމަތަކީ، އިސްލާމް ދީނުގެ މަތިވެރި ނޫރުން، ދިވެހިންގެ ހިތްތައް އުޖާލާކޮށްދެއްވުންކަން ފާހަގަކުރެއްވާފައިވެއެވެ. އަދި ރާއްޖެ އިސްލާމުވި ދުވަހުގެ ހަނދާންތައް އައުކުރާއިރު އެމަތިވެރި ނަސީބު އަޅުގަނޑުމެންގެ މެދުގައި ދެމެހެއްޓުމުގެ މުހިންމުކަމާ މެދު ވިސްނަންޖެހޭކަން ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ދީނީ ޢަޤީދާ، ހިތްތަކުގައި ވަރުގަދަވަނީ، ދީނީ ކަންކަމަށް ފަރުވާތެރިވެ، ކުރަން އަންގަވާފައިވާ ކަންކަން ޢަމަލީ ގޮތުން ކުރުމާއެކު، ދުރުހެލިވުމަށް އަންގަވާފައިވާ އެންމެހައި މުންކަރާތްތަކުން ދުރުހެލިވުމުންކަން ވެސް، ހަނދާނުގައި ބަހައްޓަން ޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާޙަގަކުރައްވާފައިވެއެވެ. ވަކިން ޚާއްޞަ ގޮތެއްގައި، ޒުވާނުންނާއި ޅަދަރިންގެ ހިތްތަކުގައި، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ ސާބިތުކުރުމަށް މަސައްކަތް ކުރުމަކީ، މައިންބަފައިންނާއި ބެލެނިވެރިން އަދި ތަޢުލީމީ މުއައްސަސާތަކުގެ ޒިންމާއެއްކަމަށް ދެކި، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމަށްވެސް އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.
އިސްލާމް ދީނުގެ ތަޞައްވުރު ހުތުރު ކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކާ މެދު، ފަރުވާތެރިވެ، އެފަދަ ކަންކަމުން އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރީން ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ، އެންމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ޤައުމީ ވާޖިބެއްކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައި ވެއެވެ. އެގޮތުން އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ކަންކަން، އިސްލާމް ދީނުގެ ނަމުގައި، އަޅުގަނޑުމެންގެ ތެރޭގައި ފެތުރުން ހުއްޓުވޭނީ، އަދި، އިސްލާމް ދީނަށް އިހާނެތިކޮށްހިތުމާއި، ކުޑައިމީސްކުރުމުގެ އެންމެހައި ޢަމަލުތަކުން އަޅުގަނޑުމެންގެ ޅަދަރީން ސަލާމަތް ކުރެވޭނީ ވެސް، ދީނުގެ ޞައްޙަ ޢަޤީދާ އޮޅުންފިލުވައިދީގެންކަން އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.
ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ބިންގަލަކީވެސް އަދި ދިވެހިންގެ ހިތްތަކުގައި، އެންމެ ލޯބި ދެވޭ، އެންމެ ޤަދަރުކުރެވޭ އަދި އެންމެ އިޙްތިރާމްކުރެވޭ އެއްޗަކީ ވެސް އިސްލާމީ ޢަޤީދާކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައި ވެއެވެ. އަދި އިސްލާމް ދީނުގެ އެންމެ މުހިންމު ބަހާތައް ކަމުގައިވާ، އެކަކު އަނެކަކަށް އޯގާތެރިވުމާއި، މަޢާފްކުރުމާއި، ތަޙައްމަލްކުރުމާއި، ގުޅިގެން އުޅުމުގެ މަތިވެރި ސިފަ އަޅުގަނޑުމެންގެ ކިބައިގައި ހަރުލައްވަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ބަޔާންކުރައްވާފައި ވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ޚިޠާބު ނިންމަވާލައްވާފައި ވަނީ އެމީހަކަށް ކިޔާ ނަމަށްވުރެ ބޮޑަށް، ތިމާގެ އުޅުމާއި އަޚްލާޤުން އިސްލާމީ ޢަޤީދާ ހާމަކޮށްދިނުމަށް އަޒުމު ކަނޑައެޅުމަށް އިލްތިމާސްކުރައްވަމުންނެވެ.