ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަޤާމަށް ބޭފުޅަކު މިއަދު ޢައްޔަން ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ ތިލަދުންމަތީ އުތުރުބުރި އިހަވަންދޫ، ވައިޖެހޭގެ ޙާމިދު ޝަފީޢުއެވެ.

ޙާމިދު ޝަފީޢު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ ކޮލެޖް އޮފް ލަންޑަންގައި ކޮމްޕިއުޓަރ ސައިންސްގެ ރޮނގުން ބެޗެލަރ އޮފް ސައިންސް (އޮނަރސް) ޑިގްރީއެއް ހާސިލު ކުރައްވާފައެވެ. އޭނާއަކީ ނުޓަނިކްސް ސަޕޯޓް ސްޕެޝަލިސްޓެއްގެ އިތުރުން ސިސްކޯ މެރާކީ ސަޕޯޓް ސްޕެޝަލިސްޓެކެވެ. ޙާމިދު ޝަފީޢު މި މަޤާމާއި ޙަވާލުވުމުގެ ކުރިން ހުންނެވީ އިންޓެލެކްސީ ނެޓްވަރކްސްގެ ސީނިއަރ އެންޓަރޕްރައިޒް ކޮންސަލްޓަންޓެއްގެ މަޤާމުގައެވެ.

މީގެއިތުރުން 1998 އާއި 2007 އާދެމެދު ޙާމިދު ޝަފީޢު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންފޮރމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓުގައި މެނޭޖަރ ޓެކްނިކަލް ސަރވިސަސް ޔުނިޓް އަދި ޗީފް ނެޓްވަރކް އެޑްމިނިސްޓްރޭޓަރ އެއްގެ މަޤާމުވެސް އަދާކުރައްވާފައެވެ