ސްރީލަންކާގެ އައު ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސްރީލަންކާގެ ބޮޑުވަޒީރުކަމަށް ރާޖަޕަކްސަ އިސްކުރެއްވުމާއި ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ބޮޑު ވަޒީރު ރާޖަޕަކްސައަށް އިޚްލާސްތެރި ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަސްއޫލިއްޔަތާއެކު އެމަނިކުފާނުގެ މަސައްކަތުގައި ކުރިއެރުމާއި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސްރީލަންކާއަކީ ރާއްޖެއާ އެންމެ ކައިރީގައި އޮތް ޤައުމުގެ އިތުރުން އެންމެ ދުވަސްވީ އެކުވެރި އެއް ޤައުމުކަންވެސް ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުންތައް، އައު ބޮޑުވަޒީރުގެ ލީޑަރޝިޕާއެކު ކުރިމަގުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއެކު ސަރަހައްދީ ކަންކަމާއި، ދެ ޤައުމުން އިސްކަންދޭ ބައިނަލް އަޤްވާމީ ކަންކަމުގައި ދެޤައުމު ގުޅިގެން ގާތުން މަސައްކަތްކުރެއްވުމަށް އެދިވަޑައިގަންނަވާކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ހާމަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ބޮޑުވަޒީރު ރާޖަޕަކްސައަށް ދުޅަހެޔޮކަމާއި ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގަންނަވަމުންނެވެ.