މިމަހުގެ 16 ވަނަ ދުވަހު ސްރީލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވާތީ ހިޒްއެކްސެލެންސީ ގޮތަބަޔާ ރާޖަޕަކްސައަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ. ގޮތަބަޔާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާފައި ވަނީ ސްރީލަންކާ ޕޮޑުޖަނާ ޕާޓީ (އެސް.އެލް.ޕީ.ޕީ)ގެ ކެނޑިޑޭޓެއްގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި،ސްރީލަންކާއާ ރާއްޖެއާ ދެޤައުމުގެ ގާތް ރަހުމަތްތެރިގުޅުން ފާހަގަކުރައްވައި ދެޤައުމުގެ ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި ސްރީލަންކާގެ އައު ސަރުކާރާ އެކު ދިވެހިސަރުކާރުން ވަރަށް ބަދަހި ގުޅުމެއް ބާއްވަވަން ބޭނުންފުޅުވާކަން ހާމަކުރައްވާފައިވެއެވެ.

ސްރީލަންކާގެ ރައީސްކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ގޮތަބަޔާ ރާޖަޕަކްސަ ވަނީ އެމަނިކުފާނުގެ ބޭބޭފުޅު ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ޒަޢާމަތުގައި އެ ޤައުމުގެ ޑިފެންސް މިނިސްޓަރުގެ މަޤާމު ފުރުއްވާފައެވެ.